ކައުންސިލްތަކުގެ އިންތިހާބަށް ތައްޔާރުވުމަށް މައުމޫން އެދިވަޑައިގެންފި
އަންނަ ޖެނުއަރީ މަހުގެ 14ވަނަ ދުވަހު ބޭއްވުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ތައްޔާރުވުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ. ޕީޕީއެމްގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަބްދުލް އަލީމް، އެޕާޓީގެ ބައި އިލެކްޝަން ކޮމެޓީގެ ނައިބު މުގައްރިރު މުހައްމަދު ނަދީމަށް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވީ އަންނަ ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދިއުމަށް ޕާޓީގެ ރައީސް މައުމޫން އެދިވަޑައިގަންނަވާ ކަމަށެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕާޓީ ތައްޔާރުވުމަށް ރައީސް މައުމޫން އެދިވަޑައިގެންފައިވާއިރު ޕާޓީގެ އެކި ގޮފިތަކުގެ ރައީސުންނަށް ވެސް ރައީސް މައުމޫން ވަނީ ސިޓީއެއް ފޮނުއްވާފައެވެ. ޕާޓީގެ ގޮފިތަކުގެ ރައީސުންނަށް ރައީސް މައުމޫން ފޮނުއްވެވި ސިޓީގައި ވިދާޅުވީ ޕާޓީގެ ހާލަތު މިވަގުތަށް ދެނެގަތުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ ކޮންމެ ގޮތްޕެއްގެ ހާލަތު ދެނެގަތުމަށް ގޮފިތަކުގެ ރައީސުންނަށް ފޮނުއްވެވި ސިޓީއާ އެކުގައިވާ ފޯމު ފުރިހަމަ ކުރެއްވުމަށް ރައީސް މައުމޫން ވަނީ އެދިވަޑައިގެންފައެވެ. މި ދަނޑިވަޅަކީ ވެރިކަން ކުރާ ޕާޓީގެ ރައީސް މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދުވަސްވަރެކެވެ. އަދި އެކަމުގެ ސަބަބުން ޕާޓީގެ ތެރޭގައި ވެސް ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އަދި މިހާތަނަށް އެ މައްސަލަތަކަށް ވަނީ ހަލެއް ލިބޭގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ