ސިފައިންގެ ވެރިންނޭ ކިޔައިގެން ހަދާ ދޮގުތައް ހުއްޓާލާ: މާރިޔާ

ސިފައިންގެ ވެރިންނޭ ކިޔައިގެން ހަދާ ދޮގުތައް ހުއްޓާލުމަށް ދިފާއީ ވަޒީރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ އެދިވަޑައިގެންފިއެވެ.
އެކަމަނާ މިކަމަށް އެދިވަޑައިގަތީ ދިވެހި ސިފައިންގެ އިންޓެލިޖެންސްގެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވި ޖެނެރަލް އަބްދުﷲ ޒުހުރީ ސިފައިންނަށް ބިރުދައްކައި ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ވޯޓުލުމަށް ސިފައިންނަށް މަޖުބޫރު ކުރުވަމުންދާކަމަށް ބުނެ އޮންލައިން މީޑިއާއެއްގައި ޝާއިއުކޮށްފައިވާ ހަބަރަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ބައެއް އިސްވެރިންވެސްވަނީ ޖެނެރަލް އަބްދުﷲ ޒުހުރީގެ މައްޗަށް މިފަދަ ތުހުމަތެއް ކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާގޮތުން ޖެނެރަލް އަބްދުﷲ ޒުހުރީ ދަނީ އެކި ރޭންކުތަކުގެ ސިފައިން ހާޒިރުކޮށް އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރަނީ ރައީސް ސާލިހަށްތޯ ނުވަތަ ޑރ.މުއިއްޒަށްތޯ ސުވާލުކޮށް ރައީސް ސާލިހަށް ވޯޓު ދިނުމަށް އަންގާ ވޯޓު ނުދޭ ފަރާތްތައް ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސިފައިންނަށް ދެމުންނެވެ.
ޖެނެރަލް ޒުހުރީ ސިފައިންނަށް ބިރުދައްކަމުންދާކަމަށް ތުހުމަތުކުރާއިރު މީގެކުރިން ޕްރެޒިޑެންޝަލް ގާޑުގެ ކޮމާންޑަރު މުއިއްޒު މުސްތަފާވެސް އެ ޔުނިޓުގެ ސިފައިން ހާޒިރުކޮށް ރައީސް ސާލިހަށް ވޯޓުދިނުމަށް އަންގައި ބިރުދައްކާ ކަމަށްވަނީ ތުހުމަތުކޮށްފައެވެ.
މިކަމާ ގުޅިގެން ދިފާއީ ވަޒީރު ވަނީ މިތުހުމަތުތައް ދޮގުކުރައްވާފައެވެ. ދިފާއީ ވަޒީރު މާރިޔާ ވަނީ ސިފައިންގެ ވެރިންނޭ ކިޔައިގެން ހަދާ ދޮގުތައް ހުއްޓާލުމަށް ގޮވާލައި ސިފައިންގެ ސަފުތައް ރޫޅާލުމަށްކުރާ މަސައްކަތް ކުއްވެރިކުރައްވާފައެވެ. އަދި ސިފައިންނަކީ ރައްޔިތުންނަށް ކަމެއްދަމެއް ބޮޑުވާ ވަގުތު އެ ރައްޔިތުންނަށް އެހީތެރިވާންތިބި ޕްރޮފެޝަނަލް ބައެއް ކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ