ހއ. މޮޅަދޫ އިން މުހައްމަދު ޖަމްޝަތު (ވަން އޮންލައިން)
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރަށަށް ވަޑައިގެން މިރަށުގެ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.
މޮޅަދޫގައި ފުރަތަމަ ފަހަރަށް ތަރައްގީކުރި ބަނދަރު ރައީސް ހުޅުއްވައިދެއްވާފައިވަނީ މިއަދު ހަވީރު މިރަށުގެ ބަނދަރު ސަރަހައްދުގައި އެކަމަށްޓަކައި ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައެވެ. އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ސަރުކާރުން ތަރައްގީކުރި މި ބަނދަރުގެ ދިގުމިނުގައި 645 ފޫޓު އަދި ފުޅާ މިނުގައި 250 ފޫޓު ހުރެއެވެ.
ބަނދަރު ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ މިރަށު އާ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތްވެސް ހުޅުއްވައިދެއްވައިފައެވެ. މިއަދު ހުޅުވި އިންޖީނުގެއަކީ މިރަށުގައި ކުރިން ހުރި އިންޖީނުގެއަށްވުރެ ގާތްގަނޑަކަށް ތިންގުނަ ބޮޑުކޮށް ހަދާފައިވާ އިންޖީނުގެއެކެވެ. އަދި އޮފީސް އިމާރާތް ހަދާފައިވަނީ ޖާގަ ތަނަވަސްކޮށް އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭ ގޮތަށެވެ.
ރައީސް މި އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މި އަތޮޅު އުލިގަމަށް ވަޑައިގެން އެ ރަށުގައި ސަރުކާރުން ގާއިމުކުރި ފެނާއި ނަރުދަމާ ނިޒާމުވެސް ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ.
މޮޅަދޫ ބަނދަރާއި އިންޖީނުގެ އަދި ފެނަކަ އޮފީސް، ރައީސް ހުޅުއްވައިދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ