ރައީސް މައުމޫން މާލެ ވަޑައިގެންފި

އިންޑިއަން އޯޝަން ކޮންފަރެންސް 2016ގައި ބައިވެރިވެވަޑައިގަތުމަށްފަހު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ މާލެ ވަޑައިގެންފި އެވެ. ރައީސް މައުމޫންގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް މާލެ ވަޑައިގެންނެވި އެވެ. ރައީސް މައުމޫން މާލެ ވަޑައިގެންފައި ވަނީ މިރޭ 10:30 އެހާކަށްހާއިރު އެވެ. އެމަނިކުފާނު މާލެ ވަޑައިގަތުމުން ޕީޕީއެމްގެ ބައެއް އިސް ބޭފުޅުންނާއި ތާއީދު ކުރައްވާ ފަރާތްތައް އެމަނިކުފާނުގެ އިސްތިގުބާލުގައި އިއްޒުންދީނު ފާލަމުގައި ތިއްބެވެ. ރައީސް މައުމޫނަކީ އެފަދަ ދަތުރުފުޅުތައް ނިންމާލެއްވުމަށްފަހު، މާލެ ވަޑައިގެން ދަތުރުފުޅާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވާ ބޭފުޅެކެވެ. ނަމަވެސް މިރޭ އެމަނިކުފާނު ނޫސްވެރިންނަށް މައުލޫމާތެއް ނުދެއްވަ އެވެ. ސިންގަޕޫރުގައި ބޭއްވި އިންޑިއަން އޯޝަން ކޮންފަރެންސްގައި ރައީސް މައުމޫން ވާހަކަފުޅުދެއްކެވީ މި މަހުގެ ތިންވަނަ ދުވަހު އެވެ. އެ ކޮންފެރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ އަމަން އަމާންކަމާއި ޞުލްޙަމަސަލަސްކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި، ގައުމުތަކުގެ ދާޚިލީ ހަމަޖެހުން ވަރުގަދަ ކުރަން ޖެހޭނެ ކަމަށާއި ގައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކޮށް، ޑިމޮކްރެޓިކް އުޞޫލުތައް މުޖްތަމަޢުތަކުގައި އަށަގަންނަވަން ޖެހޭނެ ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރާއްޖެ ވަޑައިގަތުން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް ރައީސް މައުމޫން ސިންގަޕޫރަށް ކުރެއްވި އެ ދަތުރުފުޅުގައި ވަނީ އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ސެކްރެޓަރީ ޖެނެރަލް ރާމް ބަދްވަންއާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ބީޖޭޕީއާ ޕީޕީއެމްއާ ދެމެދު އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. ރައީސް މައުމޫން މިރޭ މާލެ ވަޑައިގެންނެވިއިރު، އަލްޖަޒީރާ ނޫހުގައި ވަނީ އިދިކޮޅު އިއްތިހާދާ ގުޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް މައުމޫނަށް ފައިސާ ދެއްވި ކަމަށް ބުނެ ރިޕޯޓެއް ވެސް ޝާއިއުކޮށްފަ އެވެ. ނަމަވެސް އެ ރިޕޯޓުގައި ހުރި ވާހަކަތައް ރައީސް މައުމޫނު ވެސް އަދި ރައީސް ނަޝީދު ވެސް ވަނީ ދޮގުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ