ލާލޭ ސްކޫލުގެ މުއްދަތު ހަމަވާތީ، އެ ސްކޫލް ހިންގާނެ ބަޔަކު ހޯދަނީ

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި އިންޓަނޭޝަނަލް ސްކޫލު ކަމަށްވާ ހުޅުމާލޭގައި ހުންނަ ލޭލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލު ހިންގާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފަރީދިއްޔާ ސްކޫލުގައި މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަނޭޝަނަލް ސްކޫލެއް ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރަތްތަކުން އަންނަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ބީލަން ހުށަހަޅަން އިއުލާނުގައި ބުނެފައިވެ އެވެ. ޕްރީބިޑް މީޓިން އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ވެލާނާގޭ ނުވަ ވަނަ ބުރީގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ބީލަން ފޮތް އޮކްޓޯބަރު 16 ވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، އެޑިއުކޭޝަން މިނިސްޓްރީގެ ފައިނޭންސް ޑިވިޝަނުން ލިބޭނެ ކަމަށެވެ. ހުޅުމާލޭގައި ސަރުކާރުން އެންމެ ފުރަތަމަ އިމާރާތްކުރި ސްކޫލް އިމާރާތް، ލާލޭ ހިންގަމުން އަންނަ ބިޒް އެޓޯލްއާ 2008 ވަނަ އަހަރު ހަވާލުކުރީ، ފަރީދިއްޔާ ސްކޫލުގައި 2008 ވަނަ އަހަރު ކިޔަވަމުންދިޔަ ދަރިވަރުން، ގާޒީ ސްކޫލަށް ބަދަލުކުރުމަށްފަހު އެވެ. އަދި ލާލޭ ސްކޫލު ހިންގަން ބިޒް އެޓޯލް ކުންފުންޏާ ހަވާލުކުރީ އެ ކުންފުނިން އެ އަވަށުގައި އިންޓަނޭޝަނަލް ބޮޑު ސްކޫލެއް ހެދެން ދެން ފަސް އަހަރުގެ މުއްދަތަކަށެވެ. އަދި ސްކޫލް އެޅުމަށް ހުޅުމާލޭއިން 25 އަހަރުގެ މުއްދަތަށް އެ ކުންފުންޏަށް ބިމެއް ވެސް ދިނެވެ. ނަމަވެސް 2013 ވަނަ އަހަރު އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ބެލެނިވެރިންގެ ކަންބޮޑުވުމާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެޓޯލް ބިޒްއާއެކު ވެފައިވާ އެއްބަސްވުން އާކޮށް، އަލުން އެ ކުންފުންޏާ ސްކޫލް ހިންގަން ހަވާލުކޮށްފަ އެވެ. ލާލޭ ސްކޫލް ތުރުކީގެ ބަޔަކު ހިންގަމުން އަންނަތާ މިހާރު އަށް އަހަރު ވެފައިވާއިރު، މިހާތަނަށް އައި އިރު ވެސް ސްކޫލު ހިންގަމުން އައީ، ހުޅުމާލޭގައި ސަރުކާރުން އިމާރާތްކުރި ފަރީދިއްޔާ ސްކޫލުގެ އިމާރާތުގަ އެވެ. އަދި ބިޒް އެޓޯލް އިން ހުޅުމާލޭގައި އިންޓަނޭޝަނަލް ސްކޫލެއް އެޅުމަށް 25 އަހަރުގެ މުއްދަތަށް ދީފައިވާ ބިމުގައި މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ވެސް ނުވެ އެވެ. ލާލޭ ސްކޫލުގެ ބީލަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއާ ތަކުރާރުކޮށް ގުޅުމުން ވެސް ވަނީ ޖަވާބެއް ނުލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ