ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ.
އެ ބާރުތައް ދެމި އޮންނަނީވެސް ރައްޔިތުންގެ ކިބައިގައެވެ. މިއީ ރާއްޖޭގައި މިހާރު
ޢަމަލުކުރަމުންދާ "ފެހި" ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ
"ވަރުގަދަ" މާއްދާއެވެ. މި މާއްދާއަށް އިތުރު ތަރުޖަމާއެއް ދޭންޖެހޭ
ކަމަކަށް ނުދެކެމެވެ.
ވަރަށް ފަހަކާ ޖެހެންދެން "ޑިމޮކްރަސީގެ
ބައްޕަ"ގެ ނަމުން ގިނަ ބަޔަކު މުޚާތަަބު ކުރީ ގ.ކެނެރީގޭ ރައީސް މުޙައްމަދު
ނަޝީދަށެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ޤާނޫނު އަސާސީން މިހާރު
ލިއްބައިދީފައިވާ ގިނަ އަސާސީ ހައްޤުތައް ރައްޔިތުންނަށް ލިބުމުގެ ކުރިން އޭރު
ޢަމަލު ކުރަމުން ދިޔަ "ނޫ" ޤާނޫނު އަސާސީ އަކީ ތިން ބާރު އެކެއްގެ
މުށުތެރެއަށް ލައިގެން ވެރިކަން ކުރުމުގެ ޘަޤާފަތެއް އުފަން ކުރި ޤާނޫނު
އަސާސީއެކެވެ.
ޖަލުގައި އަނިޔާކޮށް މަރާލި އީވާން ނަސީމްގެ މަރުގެ
ހާދިޘާއަށްފަހު މުޅި މާލެތެރެއަށް މުޒާހަރާތައް ބަންޑުންވެގެން ދިޔަ ހައްސާސީ
ދަނޑިވަޅުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ނަމުގައި ސިޔާސީ
ޕާޓީއެއް އުފެއްދީ އިސްލާޙަށް އެދިއެދި ތިބި އެތައް ބައެއްގެ ބުރަ
މަސައްކަތުންނެވެ. އޭގެ ތެރޭގައި ރަައީސް މުޙައްމަދު ނަޝީދުވެސް ހިމެނެއެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ އޭރުގެ ރައީސް މަޢުމޫން ދެއްވަން
ދެކޮޅު ހެއްދެވުމުން އެންމެ ފުރަތަމަ އެ ޕާޓީގެ މަސައްކަތްތައް ހިންގާފައިވަނީ
އަވައްޓެރި ކޮޅުނބުގައެވެ.
އިސްލާހަށް ކުރި މަސައްކަތުގެ ނަތީޖާއަކަށްވެގެން
ދިޔައީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްްވި މަލްޓި ޕާޓީ އިންތިހާބު، ރައީސް
މުޙައްމަދު ނަޝީދު ކާމިޔާބު ކުރެއްވުމެވެ. އެއީ މިހާރު ޢަމަލު ކުރަމުން މިދާ
ޤާނޫނު އަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބެވެ. 5 އަހަރަކީ
ވެރިކަމުގެ ދަޢުރެއް ކަމަށް ކަނޑައަޅާ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ
ބާރުތަކާއި މަސްޢޫލިއްޔަތުތައް ސާފުކޮށް ބަޔާންކޮށް، ތިންބާރު ވަކިވެފައިވާ ނިޒާމެއްގެ
ތެރެއިން ފުރަތަމަ ވެރިކަން ކުރަން ފުރުޞަތު ލިބުނު ބޭފުޅަކީވެސް ރައީސް
މުޙައްމަދު ނަޝީދެވެ.
ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބު ކުރި
ވެރިކަން 5 އަހަރު ވަންދެން ކުރުމުގެ ބަދަލުގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ
މަހުގެ 7 ވަނަ ދުވަހު އިސްތިޢުފާ ދެއްވާ މަޤާމު ދޫކޮށްލެވިއެވެ. އަދި ޤާނޫނުގެ
ތެރެއިން އޭރުގެ ނައިބު ރައީސް ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ވެރިކަމާ
ހަވާލުވެ ލެއްވިއެވެ. ވެރިކަން ބަދަލުވި ގޮތުގެ ތަފްސީލަށް ދިއުމަކީ އަޅުގަނޑުގެ
މި ރިޕޯޓުގެ މައުޟޫއެއް ނޫނެވެ.
ޖެހިގެން އައި 2013 ވަނަ އަހަރުގެ ރިޔާސީ
އިންތިހާބުގައިވެސް އެމްޑީޕީގެ ޓިކެޓުގައި ރައީސް ނަޝީދު ވާދަކުރެއްވިއެވެ.
ނަމަވެސް ރައްޔިތުން ބުނީ "ނޫނެކޭ"އެވެ. ޖެހިގެންއައި 2018 ވަނަ އަހަރު
ރިޔާސީ އިންތިހާބު ބޯތިވެގެން އައިރު، ރައީސް ނަޝީދު ހުންނެވީ
އިނގިރޭސިވިލާތުގައެވެ. އއ.އުކުޅަހުގައި ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުން
ނިންމީ، އޭރުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާޙިމް މުޙައްމަދު ސޯލިހަށް
ޓިކެޓު ދިނުމަށެވެ. ހަމައެއާއެކު އެ އަހަރުގެ އިންތިހާބު އެމްޑީޕީން ކާމިޔާބު
ކުރިއެވެ.
ރައީސް ޔާމީންގެ ސިޔާސީ ޙަޔާތުންވެސް ލިބެނީ ހަމަ
މި ޒާތުގެ ފިލާވަޅު ތަކެކެވެ. 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ވަރަށް
ހަނި ގޮތަކަށް ކާމިޔާބު ކުރެވުނު ކަމުގައިވީ ނަމަވެސް އޭރުގެ މަޝްރަޙު އޮތްގޮތުން
ޔާމީނަކީވެސް މާ ބޮޑު ތާޢީދެއް އޮތް ބޭފުޅެއް ނޫނެވެ. ގިނަ ބަޔަކު މިއަދުވެސް
ޤަބޫލުކުރާ ގޮތުގައި އެއީ "ވަގަށް" ނެގި އިންތިހާބެކެވެ. ވޯޓުން
ކަންކަން ނިންމަން ނިޒާމުގައި ލިޔެފައި އޮތަސް، ޔާމީން އަބަދުވެސް ކަންކަން
ނިންމެވީ ކޯޓުންނެވެ. ހިންގެވީ އެ މަގުންނެވެ.
ވެރިކަން ލިބުމާއެކު ވެރިކަމަށް އާދެވުނުގޮތް
ހަނދާންނެތި، ޤާނޫނު އަސާސީ "އޮޅާލާ" ދަޢުލަތުގެ ތިން ބާރު އަމިއްލަ
މުށުތެރެއަށް ލައްވައިގެން، އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ހައްޔަރުކޮށްގެން
ވެރިކަން ކުރުމުގެ ސަޤާފަތެއް އަލުން ތަޢާރަފްކުރިއެވެ. ޖަލު ގޮޅިން ކުޑަ
ވަރެއްގެ "ސަރުކާރެއް" އެލުލަވާލެއްވޭ ވަރަށް ބޭފުޅުން ގޮޅިތަކަށް
ހަމަކޮށް، "އަނިޔާވެރި" ވެރިކަމެއް ރައްޔިތުންގެ ކުރިމައްޗަށް ގެނައެވެ.
ޤާނޫނު އަސާސީގެ ވަކިވަކި މާއްދާތަކަށް ބަދަލުގެނެސް، ދަޢުލަތުގެ މާލީ ނިޒާމުން
ބޭރުން އެތައް ކަމެއް ކުރަމުން ގެންދިޔައެވެ. އަދި ފާޅުގައި އެކަންކަމުގެ
ވާހަކަވެސް ދައްކަން ފެށިގެއެވެ. އޭގެ ތެރޭގައި އެންމެ ދޯޅަ ވާހަކައަކަށްވީ
"އެ ފައިސާ، މި ފައިސާ"ގެ ވާހަކައެވެ.
ކޮންމެއަކަސް 2013 ގެ އިންތިހާބު ކާމިޔާބުކޮށް،
2018 ވަނަ އަހަރުވެސް ވެރިކަމުގެ އާރާއިބާރާއެކު ވެރިކަމަށް ކުރިމަތިލެއްވިއެވެ. ރައްޔިތުން
ބުނީ "ނޫނެކޭ"އެވެ.
ދައްކަން މިއުޅޭ ވާހަކަ ތަންކޮޅެއް ތިލަކޮށް
ދައްކާލަމާތޯއެވެ. ވެރިކަމުގެ އާރާ ބާރު ފެށިގެން އަންނަނީ، ކެނެރީގޭގެ ތެރެއަކުން
ނުވަތަ ކާމިނީގޭގެ ތެރެއަކުން ނޫނެވެ. އެއީ ރައްޔިތުންގެ ފުށުން ދެމި އޮންނަ
ބާރެކެވެ. ޤާނޫނު އަސާސީ ދަންނަ ގޮތަކީވެސް އެއީއެވެ. ރައީސް އިބްރާޙިމް
މުޙައްމަދު ސޯލިހުގެ 5 އަހަރުގެ ވެރިކަމަކީ ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި
އެންމެ އަމާން އޮމާން 5 އަހަރުގެ ދަޢުރެވެ. ރައްޔިތުންނަށް އެތައް ޚިދުމަތްތަކެއް
ކޮށްދެއްވިއެވެ. ޚާއްޞަކޮށް ރައްޔިތުންގެ އަސާސީ ކަންކަން ފުރިހަމަ ކުރުމުގައި
ކުރު މުއްދަތެއްގެ ތެރޭގައި "ޗެމްޕިއަންކަން" ހޯއްދެވިއެވެ. ނަމަވެސް
ވެރިކަމުގެ ފަހުކޮޅު، ރައީސް ނަޝީދުގެ ދުއްތުރާއާއި އުނގަދޫ އިންތިހާއަށް
ފޯރިއެވެ. ޕާޓީގެ އެތެރޭގެ އިންތިހާބުތަކުންވެސް ބޮޑުތަނުން ފެއިލްވި މައިގަނޑު
ސަބަބަކީވެސް އެއީއެވެ. ރައީސް ސޯލިހަށް 2023 ވަނަ އަހަރުގެ އިންތިހާބުވެސް
ގެއްލެއް މެދުވެރި ސަބަބަކީވެސް ރައީސް ނަޝީދުގެ އަމިއްލަ އެދުންކަމަށް ގިނަ ބަޔަކު
މިއަދުވެސް ޤަބޫލުކުރެއެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާ
ކުރެއްވި ފަހުން އަދި ދެ ހަފްތާ ނުވެއެވެ. މިހާ އަވަހަށް ރައީސް ޔާމީންގެ ފޫ
ކަހަން ފަށައިފިއެވެ. ކޮންކަމަކާތޯއެވެ. ޤައުމު އިސްކުރައްވާނަމޭ ވިދާޅުވެ މިއަދު
އެ އިސްކުރެއްވީ އަމިއްލަ އެދުމެވެ. ރައްޔިތުން ނިކުމެ ރައީސް ސޯލިހުގެ ވެރިކަން ބަދަލު
ކުރީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދާ، ރައީސް ޔާމީނު
މިނިވަން ކުރުމުގެ ގޮތުންކަމަށް ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން
ޤަބޫލުކުރެއެވެ. އެއީ ހަމަ ހަޤީޤަތުގައިވެސް އެކަން އޮތް ގޮތްކަމަށް ބެއްލިވިޔަސް
އެކަމުގެ ފުރިހަމަ ޝަރަފު ލިބޭނީވެސް ރައީސް ޔާމީނަށް ނޫންތޯއެވެ. ނަމަވެސް އެ
މެޑަލް ހިއްޕަވައިގެން ހުންވުމުގެ ބަދަލުގައި މިއަދުވެސް އެ ދިމާކުރެއްވީ އެހެން
ސިޔާސީ ޕާޓީއެއް އުފައްދައިގެން ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް
ޖެއްސުން ކުރެއްވުމަށެވެ. ފާޅުގައި "ހަނގުރާމަ" އިޢުލާންކޮށް އެ
މަސައްކަތް ކުރައްވަނީ އަނެއްކާވެސް ވެރިކަމަށް އާދެވޭނެ ގޮތެއް އޮތްތޯ
ބެލުމަށެވެ. ނަމަވެސް ރައްޔިތުން މިއަދު ބޭނުންވަނީ ވަކި މީހަކު ފަހަތުން ދުވާ
ސިޔާސީ ވެރިކަމެއް ނޫނެވެ. ރައްޔިތުން ނިކުމެ މިއަދު އަނެއްކާވެސް އެ ހޯދީ 2013
ވަނަ އަހަރު ހޯދި "ނޫންގޮތެކެވެ" އެ ދުވަހު ބުނީ ރައީސް ނަޝީދު
ނޫންގޮތެއް ބޭނުންވާ ކަމަށެވެ. މިއަދު އެ ހޯއްދެވީ ރައީސް ޔާމީން ނޫންގޮތެވެ.
ރައްޔިތުންގެ ވެރިކަމެއް ކުރުމަށް ރައީސް ޑރ މުޢިއްޒަށް ފުރުޞަތު ދޭން ޖެހެއެވެ.
ނޫންގޮތެއް!؟ ނޫންގޮތެއް!؟ - ރައްޔިތުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ