ތުޅާދޫ ދާއިރާގެ ނާއިބު ރައީސް ހައްޔަރުކޮށްފައިވާތީ އިދިކޮޅުން އެކަން ކުށްވެރިކޮށްފި!

ބ ތުޅާދޫ ދާއިރާގެ ނައިބު ރައީސް މުހައްމަދު އަތީފް ފުލުހުން ހައްޔަރުކޮށް، އޭނާ އަށް ދެމުންދާ ލާއިންސާނީ އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޝަހީދުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ. ތުޅާދޫގައި ސަރުކާރުން ބޭއްވި ރަސްމީ ޖަލްސާއަށް ހޯމް މިނިސްޓަރުގެ ދައުވަތަށް މިކޯލިޝަންގެ ތުޅާދޫ ދާއިރާގެ ނާއިބު ރައީސް މުޙައްމަދު ޢަޠީފް (އަތީ) ޖަލްސާއަށް ވަޑައިން، ޖަލްސާގައި އިންނަވަނިކޮށް ޖަލްސާއިން ބޭރުކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
ހައްޔަރުކޮށްފައިވަނީ ޤާނޫނީ އިންޒާރު ދިނުމެއް ނެތިކަމާއި، ފުލުހުންގެ ބެލުމުގެ ދަށުގައި ޢަޠީ ހައްޔަރުކޮށްގެން ގެންގުޅޭއިރު އޭނާގެ ވަކީލުންނާއި އޭނާއާއި މުޢާމަލާތު ކުރުމުގެ ފުރުޞަތު ނުދީ ގެންގުޅޭ ކަމާއި، ސިއްޙީ ހާލު ދަށްވުމުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންގޮސް އެކަނިމާއެކަނި ހޮސްޕިޓަލަށް ދޫކޮށްލުމަށްފަހު އެތައް ވަގުތެއް ފާއިތުވި ފަހުން މިއަދުގެ ހެނދުނުގެ ވަގުތެއްގައި އަނެއްކާވެސް އަނބުރާ ފުލުހުންގެ މަރުކަޒަށް ގެންގޮއްސަވާކަން އިދިކޮޅުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ޢަޠީގެ ލޯޔަރުން ޢަޠީއަށް ޤާނޫނީ އެހިތެރިކަން ފޯރުކޮށްދިނުމަށް ކުރި މަސައްކަތަށް ފުލުހުން ހުރަސް އަޅާ މުޙައްމަދު ޢަޠީފް ކިޔާ ބޭފުޅަކު ބ. ތުޅާދޫއިން ހައްޔަރުކުރެވިފައި ނުވާކަމަށް ވެސް ފުލުހުންގެ އިދާރާއިން ލޯޔަރުން ގާތު ވަނީ ވިދާޅުވެފައިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މުޙައްމަދު ޢަޠީފް ރޭގެ 8:30 އެހާކަށްހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ ސިއްޙީ ހާލު ދަށްވުމުން ބ. ތުޅާދޫ ހޮސްޕިޓަލަށް އެކަނިމާއެކަނި ދޫކޮށްލުމަށްފަހު، މިއަދުގެ ވަގުތެއްގައި އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ވަކީލުންނަށް ފުރުޞަތު ނުދީ ގެންގުޅޭ ގެންގުޅުން މިކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
އަދި ރޭގެ 8:30 އެހާކަށްހާއިރު ހައްޔަރުކުރި ގޮތަށް މިވަގުތާއި ހަމައަށް ވަކީލަކު ޢައްޔަން ވުމަށް ހުރަސްއެޅުމުގެ އިތުރުން ޢަޠީފް އަށް ކާއެއްޗެއްވެސް ދީފައި ނުވުމީ ހިތާމަ ކުރާކަމެއް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
އިދިކޮޅު ކޯލިޝަންގެ ބ. ތުޅާދޫ ދާއިރާގެ ނާއިބު ރައީސް މުޙައްމަދު ޢަޠީފް އާއި ދޭތެރޭ ބ. ތުޅާދޫ ފުލުހުން ޢަމަލު ކުރަމުން ގެންދާ ލާއިންސާނީ ގޮތްތައް މިހާރުން މިހާރަށް ބައްލަވާދެއްވާ ފިޔަވަޅު އަޅުއްވައިދެއްވުމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި ފުލުހުންގެ ކިބައިން މިފަދަ ލާއިންސާނީ ޢަމަލުތައް ތަކުރާރުވަމުންދާ ދިއުމާއިމެދު ފުލުހުންގެ އިދާރާއިން ދިވެހި ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް ހޯމް މިނިސްޓަރު އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށްވެސް ގޮވާލާ ކަމަށް އިދިކޮޅުގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ