އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ޗެއާޕާސަނަކު ހޮވަން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ހޫނުވެ، ނިޒާމު ގެއްލުނު ކަމަށް ބުނެ ޖަލްސާ ހުއްޓާލައިފި އެވެ.
މިރޭގެ ޖަލްސާގައި ވަގުތީ ޗެއާޕާސަންއަކަށް ތިން މެންބަރެއްގެ ނަން ހުށަހަޅައި ތާއީދު ލިބުނެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި އަބްދުﷲ ވަހީދު (ދިއްދޫ ވައްޑެ) އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.
އޭގެ ތެރެއިން އަސްލަމްގެ ނަމަށް ވޯޓަށް އަހަން ރިޔާސަތުގައި އިންނެވި އިބްރާހިމް ވަހީދު (މަދަނަ އިބުރޭ) ވަނީ ދެކޮޅު ހަދައިފަ އެވެ. ރިޔާސަަތުން ބުނީ ވަގުތީ ޗެއާޕާސަނެއް އައްޔަން ކުރަންޖެހޭނީ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަމަށެވެ.
ދިއްދޫ ވައްޑެއަށް ތާއީދު އޮތްތޯ ބަލަން ނެގި ވޯޓުގައި ހާޒިރުވި 96 މެންބަރުންގެ ތެރެއިން އޭނާއަށް 47 ވޯޓު ލިބުނެވެ. ނަމަވެސް ރިޔާސަތުން ނިންމީ އޭނާ މަގާމަށް އައްޔަން ކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބުނު ކަމަށެވެ.
ދެން ހުށަހަޅާފައި ހުރި ބައެއް ނަންތަކަށް ވޯޓަށް އަހަން ވެސް ރިޔާސަތުން ތައްޔާރުވި އެވެ. އެކަމަކު، ގިނަ އަދަދެއްގެ މެންބަރުން މަޖިލީހުން ނުކުމެގެން ދިޔުމުން ރިޔާސަތުން ބެލީ ޖަލްސާގެ ނިޒާމު ގެއްލިފައިވާ ކަމަށެވެ.
މިރޭގެ ޖަލްސާގައި އަަސްލަމްގެ ނަމަށް ވޯޓަށް ނުއެހުމުން ވަރަށް ބޮޑަށް މައްސަލަ ހޫނުވި އެވެ. އަދި ދިއްދޫ ވައްޑެއަށް ބޭނުންވާ އަދަދަށް ވޯޓު ނުލިބޭ ކަމަށް ނިންމުމުން ވެސް ޖަލްސާ ވަރަށް އަޑުގަދަވި އެވެ. ވައްޑެއަށް ތާއީދު ކުރައްވާ މެންބަރުން ބުނަމުންދަނީ ވަގުތީ ޗެއާޕާސަންގެ މަގާމަށް އޭނާ ހޮވިފައިވާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ކުރީގެ އިގްތިސާދީ މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ މަގާމުން މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ފައްޔާޒް މަގާމުން އިސްތިއުފާ ދެއްވީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކު ހޮވަން ބޭއްވި ޖަލްސާގެ ނިޒާމު ގެއްލިގެން ބައްދަލުވުން ހުއްޓާލައިފި އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކު ހޮވަން ބޭއްވި ޖަލްސާގެ ނިޒާމު ގެއްލިގެން ބައްދަލުވުން ހުއްޓާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ