ފަހު ވަގުތު ނިއުކާސަލް ބަލިކޮށް އާސެނަލް ދެ ވަނަ އަށް ފަހު ވަގުތު ނިއުކާސަލް ބަލިކޮށް އާސެނަލް ދެ ވަނަ އަށް

ލަންޑަން (ސެޕްޓެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ފަހު ވަގުތު 2-1 އިން މޮޅުވެ، އާސެނަލުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
އާސެނަލުން ނަތީޖާ އަނބުރާލީ މެޗުގެ ފަހު 11 މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ.
މި ނަތީޖާއާ އެކު، ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލްގެ ލީޑު ވަނީ ދެ ޕޮއިންޓަށް ކުޑަވެފަ އެވެ. ހަ މެޗުން 15 ޕޮއިންޓާ އެކު، ލިވަޕޫލް އެއް ވަނައިގައި އޮތްއިރު، ދެ ވަަނަ އަށް ޖެހިލި އާސެނަލަށް ވަނީ ހަ މެޗުން 13 ޕޮއިންޓް ލިބިފަ އެެވެ. ކުރިން ދެ ވަނައިގައި އޮތް ކްރިސްޓަލް ޕެލަސް، ތިން ވަނައިގައި އޮތީ ހަ މެޗުން 12 ޕޮއިންޓާ އެކު އެވެ. ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ޕެލަސް އެވެ.
ނިއުކާސަލް ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން 14 ވަަނަ މިނިޓްގައި، އާސެނަލްގެ ފޯވާޑް، ވިކްޓަ ޔޯކެރޭޝް އަށް ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕް ކުރި ފައުލަކަށް ޕެނަލްޓީއެއް ދޭން ފުރަތަަމަ ނިންމި އެވެ. އެހެން ނަމަވެސް، ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން ދަނޑު ކައިރީގައި ހުރި މޮނީޓަރުން ބަލާފައި، ރެފްރީ ނިންމީ ޕެނަލްޓީ އެއް ދޭން ނުޖެހޭ ކަމަށެވެ. އެއީ، ނިއުކާސަލްގެ ކީޕަރު ޕޯޕްގެ ފައިން ފުރަތަމަ ބޯޅައިގައި ޖެހުނު ކަމަށް ބަލައިފަ އެވެ.
މެޗުގައި ނިއުކާސަލް އިން ލީޑުނެގީ، 34 ވަނަ މިނިޓްގައި ނިކް ވޯލްޓްމާޑާ ޖެހި ގޯލުންނެވެ. އޭނާ މި ލަނޑު ޖެހީ ސަންޑްރޯ ޓޮނާލީ ނެގި ހުރަހަކުން ބޮލުންނެވެ.
އާސެނަލުން އެއްވަރުކުރީ މެޗުގެ 86 ވަނަ މިނިޓްގައި، ޑެކްލަން ރައިސް ނެގި ހުރަހަކުން، މިކޭލް މެރީނޯ ބޮލުން ޖެހި ގޯލަކުންނެވެ. އަދި، އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި، އާސެނަލް މޮޅުވި ގޯލު ޖެހީ ކޯނަރަކުން މާޓިން އޮޑެގާޑް ނެގި ބޯޅައެއް، ނިއުކާސަލް ޑިފެންޑަރުން ތެރެއިން އަރައި، ގަބްރިއެލް މަގާޅައެސް ބޮލުން ޖެހި ގޯލުންނެވެ.
ލީގުގައި މިރޭ އެސްޓަން ވިލާ އިން ވަނީ 3-1 އިން ފުލަމް ބަލިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ