ސަރުކާރު ކުންފުނިތަކުގެ ސެކްރެޓަރީން އައްޔަނުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮމްޕެނީ ސެކްރެޓަރީން އައްޔަނުކޮށް ވަކިކުރުމާ ގުޅޭ އުސޫލެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެކުލަވާލައި އާންމު ކޮށްފި އެވެ.
ވީ ކިހިނެއް؟ - ޕީސީބީގެ ބޯޑުން މިދިޔަ ބުދަ ދުވަހު ފާސްކޮށްފައިވާ އެ އުސޫލުގެ ބޭނުމަކީ، ޕީސީބީން ބުނި ގޮތުގައި:
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންނަކީ ކަމަށް އެކަށޭނަ ގާބިލު ބަޔަކަށް ހެދުން
މަގާމުގެ މަސްއޫލިއްޔަތުތައް އެއްހަމަކުރުން
އެ މަގާމަށް މީހުން ނަގާ އަދި ވަކިކުރާނެ އުސޫލު އެއްހަމަކުރުން
ކުންފުނީގެ ބޯޑުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުން
އެ މަގާމަށް ދޭންޖެހޭ ހައިބަތާއި ގަދަރު ލިބުމަށް މަގުފަހި ކުރުން
ތަފްސީލް - ޕީސީބީން ބުނީ ސަރުކާގެ %100 ހިއްސާ އޮންނަ ވިޔަފާރި ކުންފުުނިތަކާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތައް އަދި އެ ތަންތަނުގެ ސަބްސިޑަރީތަކަށް މި އުސޫލު ހިނގާނެ ކަމަށެވެ.
އުސޫލުގައި ބުނާ ގޮތުން، ކޮންމެ ކުންފުންޏަކަށް ވެސް ސެކްރެޓަރީއެއް އައްޔަންކުރަން ވާނީ އެ މަގާމަށް މީހަކު ހޯދުމަށް އާންމުކޮށް އިއުލާނުކޮށްގެންނެވެ. އަދި އެ މަގާމަށް މީހަކު އައްޔަންކުރާނީ ކުންފުނީގެ ގާނޫނާއި ހިންގާ ގަވައިދުގެ މަތިން ކުންފުނީގެ ބޯޑުންނެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީގެ މަގާމަށް އައްޔަންކުރާ މީހުންގެ މައުލޫމާތު އެ މަގާމަށް މީހަކު އައްޔަންކުރާތާ 5 ދުވަސް ތެރޭ ކުންފުނީގެ ވެބްސައިޓުގައި އާންމު ކުރަން ވާނެ ކަމަށް އުސޫލުގައިވެ އެވެ.
ކުންފުންޏެއްގައި ސެކްރެޓަރީއެއް ނެތްކަން ޕީސީބީގެ ސަމާލުކަމަށް އައިސްފި ނަމަ، އެ މަގާމަށް މީހަކު އައްޔަންކުރުމަށް އެންގުމުގެ ބާރު އެ އޫސޫލުގައި ޕީސީބީއަށް ދީފައިވެ އެވެ. އަދި އެ ގޮތަށް އަންގާތާ 15 ދުވަސް ތެރޭ މަގާމަށް މީހަކު އައްޔަންކުރަންވާނެ ކަމަށް އުސޫލުގައިވެ އެވެ.
ކުންފުނިތަކުގެ ސެކްރެޓަރީންނަށް އައްޔަންކުރާ މީހުންގެ ހުންނަންޖެހޭ މަސައްކަތު ތަޖުރިބާގެ ދާއިރާތަކުގެ ތެރޭގައި އެ އުސޫލުގައި ހިމަނާފައިވަނީ:
ގާނޫނީ ދާއިރާ
ގަވަނަންސްގެ ދާއިރާ
މެނޭޖުމެންޓު ދާއިރާ
ސެކްރެޓޭރިއޭޓު ބެލެހެއްޓުމާ ގުޅުން ހުރި ދާއިރާ
އެ މަގާމަށް އައްޔަންކުރާ މީހުންގެ ހުންނަންޖެހޭ ތައުލީމީ ދާއިރާތަކުގެ ތެރޭގައި އެ އުސޫލުގައި ހިމަނާފައިވަނީ:
ގާނޫނީ ދާއިރާ
ކޯޕަރޭޓް ގަވަނަންސްގެ ދާއިރާ
މެނޭޖުމެންޓު ދާއިރާ
ވިޔަފާރި އާ ގުޅުން ހުރި ދާއިރާ
ކުންފުނީގެ ސެކްރެޓަރީގެ މަގާމަށް އައްޔަންކުރާ މީހުން، އެ މަގާމަށް އައްޔަންކުރާތާ 6 މަސް ތެރޭ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓު އޮތޯރިޓީ (ސީއެމްޑީއޭ)ގެ ކުންފުނީގެ ސެކްރެޓަރީންގެ ތަމްރީނު ފުރިހަމަ ކުރަން ޖެހެ އެވެ. 
ކުންފުނީގެ ބޯޑުން ކަނޑައަޅާ އުސޫލެއްގެ މަތިން ކުންފުނީގެ ސެކްރެޓަރީންގެ ޕާފޯމަންސް އެޕްރައިޒަލް ކޮންމެ އަހަރަކު އެއް ފަހަރު މަދުވެގެން ހަދަންވާނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.
ކުންފުނީގެ ސެކްރެޓަރީ މަގާމުން ވަކިކުރެވޭނީ ބޯޑު ޖަލްސާއެއްގެ އަގުލަބިއްޔަތުންނެވެ. އަދި މަގާމުން އިސްތިއުފާ ދޭ ނަމަ ފުރިހަމަ 'ހޭންޑްއޯވާ'އެއް ހަދާފައިވޭތޯ ބޯޑުގެ ޗެއާމަން ކަށަވަރު ކުރަން ޖެހެ އެވެ.
އުސޫލު އާންމު ކުރިއިރު ކުންފުނިތަކުގެ ސެކްރެޓަރީންގެ މަގާމުގައި ތިބި މީހުންގެ މަގާމު ދެމި އޮންނާނެ ކަމަށާއި ނަމަވެސް އާ އުސޫލުގެ ދަށުން ވަޒީފާގެ އެއްބަސްވުން އެކުލަވާލަން ޖެހޭނެ ކަމަށް އުސޫލުގައި ހިމަނާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ