ލޮބުވެތި ކަނބަލުން ވިސްނާށެވެ! ޙައްޤުތައް ބުނެދޭ މީހުންނާ ޖަމިއްޔާތަކުން ބުނާގޮތަށް ކަންކަން ކުރަމުންގޮސް ކައިވެނި ރޫޅުނީމާ އެންމެ ޑޮލަރެއްވެސް އެމީހުން ފޯރުކޮށްދޭ ހެއްޔެވެ؟

ކައިވެނި ރޫޅެން ދިމާވާ ސަބަބުތަކުގެ ތެރޭގައި ޢާއިލާގެ އިސްމީހަކީ ފިރިމީހާކަމަށް ބަލައިގަންނަން އަނބިންނަށް އުނދަގޫވުން އެބަ ހިމެނެއެވެ. އެއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ސަބަބަކީ އެއިރުން ޢަމަލު އެކުރެވެނީ ދީނުގައި އޮތްގޮތަށް ނޫންކަމަށްވާތީއެވެ.  
އަންހެނުންނަށް ނުވަތަ އަނބިންނަށް ޢަމަލުކުރަން އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތް ކަމުނުދާކަމަށް ބުނެ އަންހެނުން ބާރުވެރިކުރުވަން ކުރެވޭ މަސައްކަތްތަކުން މިއަދާއި ހަމައަށްވެސް ނެރެވުނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ ހޯދުނީ ކޮން ކުރިއެރުމެއް ހެއްޔެވެ؟ އަހުރެން ބުނާނީ ކުރިއަށް ދެވުމުގެ ބަދަލުގައި ދެވެނީ ފަހަތަށް ކަމަށެވެ.  
މިހެން މިބުނަނީ ބޮޑެތި ސަބަބުތަކެއް ހުރުމުންނެވެ. ތަފާތު ނަންތައް ކިޔައިގެން އަންހެނުން އެކަނބަލުންގެ ހަށި ވިއްކުން ދަނީ ގިނަވަމުންނެވެ. އަހަރެއް އަހަރަކަށް ދަނީ ހަށިވިއްކާ އަންހެނުން ގިނަވަމުންނެވެ. މިއީ މުޅިދުނިޔެވެސް ޤަބޫލުކުރާ ކަމެކެވެ. އެމީހުންނަށް ކުރެވުނު ކަމަކީ ހަށިވިއްކުން ކިޔުމުގެ ބަދަލުގައި ޑޭޓްކުރުމަށް ބަދަލުކޮށްލެވުމެވެ. އަދި އެނޫން ނަމެއް ކިޔާފައިވެސް ކުރަނީ ހަމަ އެކަމެކެވެ. ޒިނޭކޮށް ފާފަވެރިވުމެވެ.  
ސުވާލަކީ އެމީހުން އެބުނާ ގޮތަށް ކަންކަން ކުރީމާ އަންހެނުންނަށް ކުރިއަރައިގެން ދެވޭނަމަ ފިރިހެނުންނަށް ހަށިވިއްކަންޖެހުން އިތުރުވަނީ ކީއްވެގެން ހެއްޔެވެ؟ ރިވެތި ދިރިއުޅުމެއް އުޅެން މަގުފަހިނުވަނީ ކީއްވެގެންހެއްޔެވެ؟ ފިރިހެނުންނަށް ސަލާންޖަހައި ހަށިވިއްކަން ޖެހެންވީ ކީއްވެގެން ހެއްޔެވެ؟ މިފަދަ ދަށުދަރަޖައިގެ ޢަމަލުތައް ކުރާ އަންހެނުން ގިނަވަނީ އެހައި ދަށުދަރަޖައަށް ވެއްޓެން ބޭނުންވާ އަންހެނުންގެ ޢަދަދު ގިނަވާތީ ކަމަކަށް އަހުރެން ޤަބޫލެއް ނުކުރާނަމެވެ.  
އަންހެނުން ބާރުވެރިކުރުވުމުގެ ނަމުގައި ހިންގާ ޙަރަކާތްތަކުން ކުރާ ކަންކަމުން ނުކުންނަ ނަތީޖާއަކީ އަންހެނުންނަށް ނުބައި މަގުން ދިއުމަށް ބާރު އިތުރަށް ލިބުން ނޫން ކޮންކަމެއް ކަމާއިމެދު ސުވާލު އުފައްދަން ޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ.  
އަންހެނަކު އެކަނިވެރި މައަކަށްވެއްޖެނަމަ އެއަންހެނަކަށް ބޭނުންވާ ޤާނޫނީ ޙައްޤުތައް ހޯދައި އެބަދެވޭހެއްޔެވެ؟ ބައެއް ޤައުމުތަކުގައި 90 އިންސައްތައަށްވުރެ ގިނަ އެކަނިވެރި މައިންނަށް ތިބީ އެކަނބަލުންގެ ޙައްޤުތައް ހޯދަން ކޯޓަށްވެސް ނުދެވިފައެވެ. ލޯޔަރުންނަށް ޚަރަދުކުރާނެ ފައިސާ އަތުގައި ނެތުމުންނެވެ. އެވަރު ކަމަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެ ބައަކު ނެތުމުންނެވެ.  
ހުރިހާ ކަނބަލުންނަށް، ޚާއްޞަކޮށް މުސްލިމް ކަނބަލުންނަށް ބުނެލަން ބޭނުންވަނީ އަންހެނުންނަށް ލިބެންޖެހޭ ޙައްޤުތައް އެންމެ ފުރިހަމައަށް ލިބިދީފައިވަނީ އިސްލާމް ދީނުގައެވެ. އަންހެނުންނާއި ފިރިހެނުންގެ މަޤާމާއި ދަރަޖަ އަދި ޙައްޤުތައް ވަރަށް ފުރިހަމައަށް އެނގެން އެބައޮތެވެ. އެއިންތަކުން ބޭރުނުވާށެވެ! ހަމަހަމަކަން ހޯދަން ވަކާލާތުކުރުމުގެ ތެރެއިން ކައިވެނި ރޫޅާލަންޖެހޭ ޙިސާބަށް ކަންކަން ނުގެންދާށެވެ. ކައިވެނި ރޫޅި ނިކަމެތިވެއްޖެނަމަ ތިބާއަށް ހަމަހަމަކަން ވިސްނައިދިން ބައެއްގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭނެއެވެ. ހުރިހާ ނިކަމެތިކަމެއް ލިބޭނީ ހަމަ ތިއަ ކަނބަލުންނަށެވެ.  
އިސްލާމް ދީނުގައިވާ އިންތަކުގައި ޘާބިތުވާށެވެ! ﷲ ތަޢާލާއަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި ފިރިމީހާއަށް ކިޔަމަންތެރިވާށެވެ. އެގޮތުގައި އިންދައި ނިކަމެތިކަމެއް ލިބިއްޖެނަމަ ﷲ ތަޢާލާ އެމީހަކަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ