ކާމިޔާބީ އެކިމީހުން މާނަކުރާނީ އެކިގޮތަށެވެ. ގިނަ މީހުން މާނަކުރާނީ ދުނިޔޭގައި އުފަލުގައި އުޅެވުމަށެވެ. ނަމަވެސް ޙަޤީޤީ ކާމިޔާބީއަކީ އެއީއެއް ނޫނެވެ. ޙަޤީޤީ ކާމިޔާބީއަކީ ދުނިޔެއާއި އާޚިރަތްވެސް އުފާވެރިކުރެވުމެވެ. އަދި ދުނިޔޭގެ ޙަޔާތް އުފާވެރިނުކުރެވުނަސް ޢާޚިރަތް އުފާވެރިކުރެވުމެވެ.
ކާމިޔާބު މީހުންނޭ ބުނުމުން ގިނަ ބަޔެއްގެ ހިތަށް އަރާނީ އެއީ މަތީ ތަޢުލީމު ހާސިލްކޮށްގެން ރަނގަޅު ވަޒީފާތަކުގައި އުޅޭ މީހުން ނުވަތަ މުއްސަނދި މީހުންކަމަށެވެ. ނަމަވެސް އަދި ހަމައެކަނި މިކަންތައްތައް ހާސިލްވުމުން ތިމާއަކީ ކާމިޔާބު މީހެކޭ ނުބުނެވޭނެއެވެ. ކީރިތި ޤުރުއާނުގައި ﷲ ސުބުހާނަހޫ ވަތަޢާލާ ކާމިޔާބު މީހުންގެ ޞިފަތައް ވަނީ ބަޔާންކޮށްދެއްވަވައިފައެވެ.
މުއުމިނޫން ސޫރަތުގެ 2 ވަނަ އާޔަތުން ފެށިގެން 9 ވަނަ އާޔަތާއި ހަމައަށް ކާމިޔާބު މީހުންގެ ޞިފަތައް ﷲ ސުބުހާނަހޫ ވަތަޢާލާ ބަޔާންކޮށްދީފައި ވެއެވެ.
”އެމީހުންނަކީ (އެބަހީ: މިބުނާ ކާމިޔާބު ކުރި مؤمن ންނަކީ) އެމީހުންގެ ނަމާދުގައި ބިރުވެތިވެ މަޑުމޮޅިވާ މީހުންނެވެ. އަދި ކަނޑައެޅިގެން އެމީހުންނަކީ ބޭކާރު / ނުވަތަ بَاطِلُ ކަންކަމުން ނުވަތަ اللّه އެކަލާނގެ خلق ތަކުންނާއިމެދު ރުހިވޮޑި ނުގަންނަވާ ކަންކަމުން ދުރުވެ އެނބުރިފުރަގަސްދޭމީހުންނެވެ. އަދި ހަމަ އެމީހުންނަކީ އެމީހުންގެ މުދަލުން ޒަކާތްދޭ މީހުންނެވެ. އަދި ހަމަ އެމީހުންނަކީ އެމީހުންގެ ލަދުގުނަވަންތަކަށް ރައްކާތެރިވާ މީހުންނެވެ. ހަމައެކަނި އެމީހުންގެ އަނބީންނާއި އެމީހުންގެ جَارِيَة އިންނަށް މެނުވީއެވެ. އެފަދަ މީހުންނަކީ މަލާމާތްލިބިގެންވާ މީހުންނެއްނޫނެވެ އެބަހީ: حلال ގޮތުގައި އަނބިން ނުވަތަ އަޅުއަންހެނުން ބޭނުންކުރުން ހުއްދައެވެ. ފަހެ އޭގެ ފަހަތަށް އެދިގެންފިމީހާ (އެބަހީ: ތިމާގެ އަނބީންނަށާއި جَاريَة އިން ނޫން މީހުނަށް ތިމާގެ ލަދުގުނަވަން كشف ކޮށް ހާމަކޮށް ހަދާ އަރާމެއް ލިބިގެންފިމީހުން) ދަންނައެވެ. ފަހެ އެފަދަ މީހުންނަކީ ހައްދުފަހަނަޅައިފި ބައެކެވެ. اللّه އެމީހުންނަށް ކަނޑައަޅުއްވާދެއްވި އިމުން ނުކުމެގެންވާ މީހުންނެވެ. ކުށްވެރިންނެވެ. އަދި އެ مؤمن ންނަކީ އެމީހުންގެ އަމާނާތްތަކަށާއި وعد ތަކަށް ފަރުވާތެރިވެ އެކަންކަން ބަރާބަރަށް އަދާކުރާ މީހުންނެވެ. އަދި ހަމަ އެ مؤمن ންނަކީ އެމީހުންގެ ނަމާދުތަކުގެމައްޗަށް ރައްކާތެރިވާ މީހުންނެވެ. (އެބަހީ: އެމީހުންނަކީ އެމީހުންގެ فرض ނަމާދުތައް ބަރާބަރަށް ވަގުތުން ވަގުތަށް އެންގެވިފަދައަކުން އަދާކުރާ މީހުންނެވެ.)" ( މުއުމިނޫން ސުރަތުގެ 2 ވަނަ އާޔަތުން ފެށިގެން 9 ނަވަ އާޔަތުގެ މާނަ )
ކާމިޔާބު މީހަކަށްވުމަށްޓަކައި ކުރަންވީ ކަންތައްތައް:
1. މަޑުމައިތިރިކަމާއި ބިރުވެތިކަމާއި އެކު ނަމާދުކުރުން. ބޭކާރު ހިޔާލުތަކުން ހިތް ސާފުކުރުން.
2. ބޭކާރު ވާހަކަތަކުން ދުރުވުން. ( ދެބައޮޑުވުން، ޣީބަބުނުން )
3. މުދަލު ޒަކާތް ދެއްކުން
4. ލަދުވެތި ގުނަވަނަށް ރައްކާތެރިވުން. ޒިނޭ ފަދަ ފާހިޝް އަމަލުތަކާއި ދުރުވުން
5. އަމާނާތެއް ހަވާލު ކުރެއްވެއްޖަނަމަ އެއާއި މެދު ރައްކާތެރިވުން. އަމާނާތް އޭގެ ހައްގުވެރިންނަށް ރައްދުކުރުން
6. ވައުދުތަކަށް ރައްކާތެރިވެ ކުރާ ވައުދުތައް ފުއްދުން.
7. ފަރުޟު ނަމާދުތައް އޭގެ ވަގުތުގައި އަދާކުރުން
ތިމާއަކީ ކާމިޔާބު މީހަކުކަން ޔަޤީންކުރަން ލިބިގަންނަންޖެހޭ ސިފަތައް-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ