ކުލި ނުދައްކާ މައްސަލަ ބޮޑުއިރު، ހިޔާ ފުލެޓުތަކުގެ ޖޫރިމަނާ މާފުކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި ހިމެނޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފުލެޓުތަކުން ބަރާބަރަށް ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މައާފުކޮށްދީފިއެވެ. އެޗްޑީސީގެ މީޑިއާ އޮފިޝަލް މުޙައްމަދު ސިރާޖު ވަނީ އެކަން "ސަން"އަށް ކަށަވަރު ކޮށްދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު އެޗްޑީސީން ވަނީ ޖޫރިމަނާ މައާފުކޮށްފައިވާ ފުލެޓުތަކުގެ ވެރިންނަށް ސިޓީ ވެސް ފޮނުވާފައެވެ. ނަމަވެސް، މައާފުކުރި ޖޫރިމަނާގެ އަދަދެއް އޭނާ ނުބުނެއެވެ. އިތުރު ތަފުސީލު މި ވަގުތު ހިއްސާކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން 2023 ވަނަ އަހަރު ވެސް ހިޔާ ފުލެޓުތަކުގެ ކުލި ނުދައްކައިގެން އެރި ޖޫރިމަނާ މާފުކުރިއެވެ. އެހެންވެ، މި ފަހަރު މާފުކޮށްދީފައިވަނީ މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިދިޔަ މަހާ ހަމައަށް އަރާފައިވާ ޖޫރިމަނާއެވެ. ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8،000 އެއްހާ ސޯޝަލް ހައުސިން ޔުނިޓުގެ ތެރެއިން، ގަވާއިދުން ކުލި ދައްކަނީ އެންމެ 3،000 އެއްހާ ޔުނިޓުގެ ވެރިންނެވެ. އަދި، ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެއެވެ. މި މައްސަލައިގައި އެޗްޑީސީން ވަނީ ފުލެޓުތަކަށް ގަވާއިދުން ކުލި ނުދައްކާ މީހުންނަށް ތިން މަހުން ނޯޓިސްއެއް ފޮނުވަން ވެސް ފަށައިފައެވެ. އަދި ކުލި ނުދައްކާ މީހުންގެ މައުލޫމާތު ކްރެޑިޓް ރޭޓިން ސިސްޓަމަށް އަރުވާ، ލޯން ނުނެގޭ ގޮތަށް ހެދުމުގެ ފިޔަވަޅު އެޅުމަށް ވެސް ސަރުކާރުން ނިންމާފައިވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގައި އިމާރާތްކުރި، ހިޔާ ފުލެޓުތަކުގެ އަގާއި އެއްބަސްވުމަށް މި މަހުގެ ފުރަތަމަ ދުވަހުގައި ބަދަލު ވެސް ގެނެސްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. ފާހަގަކުރެވޭ ގޮތުގައި، ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކައިގެން ތަރައްގީކުރި، ހިޔާ ފުލެޓުތަކުގެ ކުލި 7،500 ރުފިޔާއިން 5،300 ރުފިޔާއަށް ވަނީ މެއި 11، 2023 ގައި ކުޑަކޮށްފައެވެ. އެކަމަކު، އޭރު ކުލި ކުޑަކުރިކަން އިއުލާނުކުރީ ހަތް އަހަރަށެވެ. އޭގެ ފަހުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކުލި ކުޑަކޮށްފައެވެ. އެހެންވެ، މިހާރު މަހު ކުއްޔަކީ 3،984 ރުފިޔާއެވެ. މެއިންޓަނެންސް ފީއާ އެކު ޖުމުލަ ކުއްޔަކީ 4،984 ރުފިޔާއެވެ. މި ބަދަލު ގެނައީ ޖުމުލަ ދައްކަން ޖެހޭ އަދަދު ކުޑަކޮށްގެނެއް ނޫނެވެ. އޭގެ ބަދަލުގައި، ކުރިން 25 އަހަރަށް ބަހާލައިގެން ދެއްކި ކުލި 27 އަހަރަށް ބަދަލުކުރީއެވެ. https://sun.mv/214857 ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ފުރަތަމަ ހިޔާ ފުލެޓުތައް ކުއްޔަށް ދޭން ނިންމާފައި އޮތީ 5،600 ރުފިޔާއަށެވެ. އެހެންވެ، ފުލެޓު ލިބުނު ފަރާތްތަކުން ވަނީ އެ އަދަދަށް ކުލި ކުޑަ ކޮށްދޭން އެދި މުޒާހަރާ ވެސް ކޮށްފައެވެ. ރާއްޖޭގައި ސޯޝަލް ހައުސިންގެ މަޝްރޫއުތައް ކުރިޔަށް ގެންދަނީ ސަރުކާރުން ބޮޑެތި ލޯނުތައް ނަގައިގެންނެވެ. އެ ލޯނު ދައްކަނީ އެ ފްލެޓުތަކުން ލިބޭ ކުލިންނެވެ. ފްލެޓުތަކަށް ކުލި ނުދެއްކުމަކީ ދައުލަތުގެ އާމްދަނީއަށް އެޅޭ ހުރަހެއްގެ އިތުރުން، އެހެން މީހުންގެ ބޯހިޔާވަހިކަމަށް ވެސް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ