އިހުތިޖާޖުގެ ބައިވެރިން މަޖިލީހުގެ އިދާރާ ކައިރިން ބޭރުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި

މީޑިއާ ރެގިއުލޭޝަން ބިލު ބޭރުކުރުމަށް ގޮވާލާ މަޖިލީހުގެ އިދާރާ ކައިރީ އިހުތިޖާޖު ކުރަމުން ދިޔަ ނޫސްވެރިންތައް އެ ސަރަހައްދުން ބޭރު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
އެގޮތުން ފުލުހުން ވަނީ ބެރިކޭޑު ޖަހާ ނޫސްވެރިން ދުރުކޮށް ބާރުގެ ބޭނުންކޮށް އެތަނުން ނޫސްވެރިން ދުރައް ޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މަޖިލިސް އިދާރާއަށް ދެވޭނެ މަގުތައް ފުލުހުން ދަނީ ބަންދުކުރަމުންނެވެ. އެކި މީޑިއާތަކަށް ނިސްބަތްވާ ނޫސްވެރިން މިއަދު ހެނދުނު 8:30 އިން ފެށިގެން މަޖިލިސް އިދާރާ ކައިރީ ދަނީ އިހުތިޖާޖު ކުރަމުންނެވެ.
ފާހަގަކުރެވޭ ގޮތުގައި މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވުމަށް ނިންމި ޖަލްސާ ހަވީރު 4:00 ގައި ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ. ޖަލްސާގެ އެޖެންޑާ ހިއްސާކޮށްފައިނުވި ނަމަވެސް އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރި ގޮތަށް މިއަދު އޮންނަ ދައުރުން ބޭރު ޖަލްސާގައި 'މީޑިއާ ރެގިއުލޭޓު ކުރުމުގެ ބިލު' ފާސްކުރާނެ ކަމަށް ސަރުކާރުގެ މެންބަރުން ވިދާޅުވެފައި ވެއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ހުށަހެޅުއްވު މި ބިލަށް އިއްޔެ ވަނީ އާންމުކޮށް ހުޅުވާލައިގެން ކޮމެޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފައެވެ. ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުތަކާ އެކު ކޮންޓްރޯލް ބިލު ފާސްކުރަން ވޯޓަށް އެހުމާއެކު ކޮމިޓީގައި ބައިވެރިވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވަނީ ބިލަށް ވޯޓު ދީފައެވެ. ނަމަވެސް ނޫސްވެރިންނާއި އެމްޑީޕީގެ މެންބަރުން ވަނީ ބިލު ބޭރުކުރުމަށް ގޮވާލާ އަޑުގަދަކޮށް އިހުތިޖާޖު ކުރުމުން މި ކޮމިޓީ އިއްޔެ މެދުކަނޑާލާފައިވެސް ވެއެވެ.
މީގެއިތުރުން މިއަދު ވަނީ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކުރަން ގޮވާލައި، 151 ނޫސްވެރިންގެ ސޮޔާއެކު ހުށަހެޅި ޕެޓިޝަންވެސް ބޭރުކޮށްލާފައެވެެ. އެގޮތުން ޕެޓިޝަން ކޮމިޓީގައި ތިއްބެވި 7 މެމްބަރުންގެ ތެރެއިން 5 މެމްބަރުން މި ބިލު ބޭރުކުރުމަށް ތާއީދު ކުރައްވާފައި ވާއިރު 1 މެމްބަރަކު ވަނީ ބިލު ބޭރުކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި 1 މެމްބަރަކު މި ވޯޓުގައި ބައިވެރިވަޑައިނުގަންނަވައެވެ.
މި ޕެޓިޝަން ބޭރުކުރުމަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު އަބްދުއްރަހްމާނެވެ. އޭނާ ވަނީ ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުތަކާއެކު ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. މި ހުށަހެޅުއްވުމަށް މަޑަވެލި ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝަމީޒު ވަނީ ތާއީދު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ