އަންނަ އަހަރުގެ ކުރީކޮޅު ކެޔޮދޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށާނަން: ރައީސް
އަންނަ އަހަރުގެ ކުރީކޮޅު ވ. ކެޔޮދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބައެއް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކެޔޮދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރަށުގެ ކުރިއެރުމަށްޓަކައި ޖާގަ އިތުރުކުރަން ޖެހޭ ކަމަށެވެ. މިވަގުތަށް ސަރުކާރުން އިސްކަން ދިނީ ކެޔޮދޫގެ ސިއްހީ މަރުކަޒާއި ސްކޫލް އިމާރާތް އެޅުމަށް ކަމަށް ވިދާޅުވެ، އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ އެންމެ ކުރީކޮޅު އެ ރަށުން 12 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. ކެޔޮދޫގައި ލޯކަލް ޓޫރިޒަމް ފުޅާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަންނަ މާޗް މަހުގެ ކުރިން އެ ރަށުގައި ޑޮލަރު އޭޓީއެމެއް ބަހައްޓައިދެއްވާނެ ކަމަށެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ކެޔޮދޫގެ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި އެ ސްކޫލުގެ އާ އިމާރާތުގެ މަޝްރޫއުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ ސޮއިކުރެއްވިއިރު، ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަޝްރޫއުގައި ސަރުކާރު ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްލަތީފް މުހައްމަދެވެ. ރައީސް ވިދާޅުވީ، މި މަޝްރޫއުތައް މަޑުޖެހުމެއްނެތި ނިންމާލަދެއްވާނެ ކަމަށެވެ. ކެޔޮދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތާ ގުޅޭގޮތުން އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން 17،180 އަކަފޫޓުގެ ސަރަހައްދެއްގައި ބިންގަނޑު ކޮނުމާއި މޭސަނަރީއާއި ކޮންކްރީޓް މަސައްކަތްކުރުމާއި ޓައިލްސް ޖެހުމާއި ދޮރާއި ކުޑަދޮރު ހަރުކުރުމާއި ދަވާދުލުމާއި ދަގަނޑު މަސައްކަތްތަކާއި ހައިޑްރޯލިކްސްގެ މަސައްކަތްތަކާއި ކަރަންޓު ވަޔަރުކުރުމާއި އަލިފާން ނިއްވާ ނިޒާމު ހަރުކުރުން ފަދަ މަސައްކަތް ހިމެނޭ ކަމަށެވެ. އަދި އެ ރަށުގެ ސްކޫލް އިމާރާތާ ގުޅޭގޮތުން އެ ކުންފުނިން ބުނީ، މި މަޝްރޫއުގެ ދަށުން 11 ކްލާސްރޫމާއި، ސްޓާފްރޫމަކާއި ކޮމްޕިއުޓަރު ލެބަކާއި ސައިންސް ލެބެއް އިމާރާތްކުރެވޭނެ ކަމަށެވެ. މީގެ ތެރެއިން 29.9 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި ސިއްހީ މަރުކަޒުގެ އިމާރާތުގެ މަޝްރޫއު ނިންމަން އެއް އަހަރާއި 11 މަހާއި 20 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، ސްކޫލް އިމާރާތުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 23.8 މިލިއަން ރުފިޔާއަށް 360 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. ކެޔޮދޫގައި އިމާރާތްކުރާ އާ ސިއްހީ މަރުކަޒުގެ އިމާރާތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ކެޔޮދޫގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގައި 20 އެނދާއި، ލެބޯރެޓަރީއަކާއި ވޯޑަކާއި ޕަބްލިކް ހެލްތު ޖާގަވެސް ހިމެނޭ ކަމަށެވެ. މިވަގުތު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ރައީސް ވަނީ ކެޔޮދޫގެ އިތުރުން ވ. ފުލިދުއަށާއި ކެޔޮދުއަށާއި ތިނަދުއަށާއި ރަކީދުއަށް ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ