ގައުމީ ޓީމުތަކުގެ އެލަވަންސް ބޮޑުކޮށްފި، ފުޓްސަލް އަށް އަދިވެސް ނެތް! ގައުމީ ޓީމުތަކުގެ އެލަވަންސް ބޮޑުކޮށްފި، ފުޓްސަލް އަށް އަދިވެސް ނެތް!

ރައީސުލް ޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އެލަވަންސް ބޮޑުކުރަން ނިންމާފައިވާ ކަމަށް އެސޯސިއޭޝަންތަކަށް ސްޕޯޓްސް މިނިސްޓްރީން އަންގާފައިވާއިރު، އަދިވެސް ގައުމީ ފުޓްސަލް ޓީމުގެ އެލަވަންސާ މެދު ގޮތެއް ހަމަނުޖެހެ އެވެ.
މި މަހު 16 ވަނަ ދުވަހު، ސްޕޯޓްސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ޕެރަ އެތުލީޓުންނަށް މީގެ ކުރިން ދެމުން އަންނަ 5000 ރުފިޔާގެ އެލަވަންސް، މިދިޔަ މެއި މަހުން ފެށިގެން، 7000 ރުފިޔާ އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، 15 ސެޕްޓެމްބަރުން ފެށިގެން ތައްޔާރުކުރާ މުސާރަ ޝީޓުގައި 7000 ރުފިޔާ ހިމަނާފައި ފޮނުވުމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި، މެއި އިން ފެށިގެން ސެޕްޓެމްބަރު މަހުގެ މުއްދަތަށް ބޮޑުވި އެލަވަންސްގެ ބައި ޖަމާކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެންމެ ފުރަތަމަ މުސާރަ/އެލަވަންސް ދޭން ފެށީ ގިންތިތަކަކަށް ބަހާލައިގެންނެވެ. އެކަމަކު މިދިޔަ ސަރުކާރުން ނިންމީ ހަމަހަމަކޮށް ހުރިހާ ފަރާތަކަށް މުސާރަ ދިނުމުގެ ގޮތުން، 5000 ރުފިޔާގެ އެލަވަންސެއް ދޭ ގޮތަށް ހަމަޖެއްސުމަށެެވެ.
ގައުމީ ފުޓްސަލް ޓީމަށް މުސާރަ ނުލިބެނީ, މިހާރު ހެދިފައިި އޮތް "އުސޫލު"ގެ ސަބަބުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) ވިދާޅުވީ، މިދިޔަ އަހަރު މެއި މަހު، ސްޕޯޓްސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ރާފިއު ވިދާޅުވީ, ގައުމީ ޓީމުތަކަށް މުސާރަ ދިނުމުގައި ވަކި ކްރައިޓީރިއާތަކެއް ހެދިފައިވާ ކަމަށާއި, އެހެންވެ, އެ ކްރައިޓީރިއާތަކުގެ ބޭރުން މުސާރަ ދެވެން ނޯންނަ ކަމަށެވެ. އެނގިފައިވާ ގޮތުގައި ފުޓްސަލް ގައުމީ ޓީމަށް މުސާރަ ނުދެވޭ ސަަބަބަކީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ގައުމީ ލެވަލްގައި ފުޓްސަލްގެ ކަންކަން ނުހިނގާތީ ކަމަށް ބުނެ އެވެ. ރާއްޖޭގެ ކުޅިވަރުގެ އެވޯޑްސް، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ވެސް މިހާތަނަށް މޮޅު ފުޓްސަލް ކުޅުންތެރިޔާ ހޮވާފައެއް ނުވެ އެވެ.
އެ ގޮތުން، މިދިިޔަ އަހަރުގެ އެ ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު، ރާފިއު ވިދާޅުވީ، ފުޓްސަލްގެ މި ކަމުގައި ހައްލެއް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.
"މި ކަމުގެ (ފުޓްސަލް ގައުމީ ޓީމު ކުޅުންތެރިންގެ މުސާރައިގެ މައްސަލަ) މުހިންމު ކަމުން އަޅުގަނޑުމެން މި ޖެހެނީ, ޑިސްކަސް ކުރަން ކްރައިޓީރިއާ ބަދަލުކުރާނީތޯ ބެލުމަށް" ރާފިއު ވިދާޅުވި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި، އޭރު ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒް ވިދާޅުވީ, ފުޓްސަލް ޓީމުގެ މުސާރަ/އެލަވަންސްގެ ކަމަކީ މިނިސްޓްރީން ކަންބޮޑުވާ ކަމެއް ކަމަށާއި, އެކަމަކު, މިކަން ރެގިއުލޭޓް ކުރެވިގެން އަންނާނީ އެފްއޭއެމް އަށް ކަމަށެވެ. އެހެން ނަމަވެސް, އެފްއޭއެމް އާއި ގުޅިގެން އަދި މިކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން މިކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން މިނިސްޓްރީން އަންނަ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އެހެން ނަމަވެސް، މިދިޔަ މަހު، އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ކުޅެ، ޖެނުއަރީ މަހު ސައުތު އޭޝިއާގެ ފުރަތަމަ ފުޓްސަލް މުބާރާތުގައި ވާދަކުރުމަށް އަމާޒުހިފާފައިވާ ފުޓްސަލް ޓީމަށް އަދިވެސް އޮތީ މުސާރަ/އެލަވަންސްގެ ކަންކަން ކޮޅެއްގައި ނުޖެހި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ