ސިނގިރޭޓު ވަގަށް އެތެރެކުރި ބިންލާދިން ގްރޫޕާ ގުޅުން އޮންނަ ކުންފުންޏަށް ފިޔަވަޅެއް ނާޅާ

ވަގަށް އެތެރެކުރަނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި އަދި މިހާރު ވަގަށް ނަގާފައިވާ 13.6 މިލިއަން ސިނގިރޭޓުގެ މައްސަލާގައި އެ ސިނގިރޭޓް އެތެރެކުރި ކުންފުންޏަށް އަދިވެސް ފިޔަވަޅެއް ނާޅާކަން އެނގިއްޖެ އެވެ.
ވީކިހިނެއް؟ - މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މި ތަކެތި ހިފެހެއްޓުމަށް ފަހު ކަސްޓަމްސް އިން ބަހައްޓާފައިވަނީ ހުޅުމާލެ އެމްޕީއެލް ބަނދަރުގަ އެވެ. އެ ތަނުގައި މި ތަކެތި ބަހައްޓާފައިވާތާ ހަތަރު މަހެއްހާ ދުވަސް ވަނިކޮށް، ބަޔަކު ވަނީ އެ ތަކެތި ވަގަށް ގެންގޮސްފަ އެވެ.
އެ ސިނގިރޭޓް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށް، 12 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. ނަމަވެސް ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލާގައި އެއްވެސް ބަޔަކަށް ފިޔަވަޅު އަޅާފައިވާކަން ސަރުކާރުގެ އިދާރާތަކުން ބުނެފައެއް ނުވެ އެވެ.
ތަފްސީލް - 'ދައުރު'އަށް އެކި މަސްދަރުތަކުން މިހާރު ކަށަވަރުވެފައިވާ ގޮތުގައި، މި ތަކެތި އެތެރެކުރަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ކުރިއަށް ގެންދިޔަ ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މި ތަކެތި އެތެރެކުރަނީ ބިންލާދިން ގްރޫޕާ ގުޅުން އޮންނަ ކުންފުންޏަކުންނެވެ. އަދި އެއީ ވެސް މި ޓާމިނަލް މަސައްކަތްތަކުގެ ބައެއް ބިންލާދިންގެ ފަރާތުން ހަވާލުކޮށްފައިވާ ކުންފުންޏެވެ.
ސިނގިރޭޓުތައް ވަގަށް އެތެރެކުރާކަން ކަސްޓަމްސްއަށް އެނގިގެން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުން ކުރިހާ ވެސް ކަމަކީ އެ ތަކެތި ހިފަހައްޓާފައި ބަނދަރުގައި ބެހެއްޓުމެވެ.
އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވެފައިވާތީ، އިތުރު ފިޔަވަޅުތަކެއް ނާޅައި ހަމައެކަނި މުދާ ހިފެހެއްޓުމަށް ސަރުކާރުން ވިސްނާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
މިކަމާ ގުޅިގެން ކަސްޓަމްސްގެ ރަސްމީ ބަހެއް ނުލިބެ އެވެ. ނަމަވެސް އެ ތަނުގެ އޮފިޝަލަކު ވިދާޅުވީ ކަސްޓަމްސް އިން އެކަން ތަހުގީގުކުރަމުންދާ ކަމަށާއި ތަހުގީގު އަދި މުޅިން ނުނިމޭ ކަމަށެވެ.
"ބިިންލާދިންގެ ސައިޑުން އެތެރެކުރި ފަރާތް ރަސްމީކޮށް އެސްޓަބްލިޝްކުރަން މަސައްކަތްކުރަމުން ދަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެނގުން މުހިންމު - މިހާ ގިނަ އަދަދެއްގެ ސިނގިރޭޓު، ޑިއުޓީ ނުދައްކާ ރާއްޖެއަށް އެތެރެކުރަން މަސައްކަތްކޮށްފައިވާއިރު، މި ތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން ކުރިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ