މުސްލިމް ބްރަދަހުޑްގެ ގޮފިތައް 'ޓެރަރިސްޓް' ޖަމާއަތްތަކެއްގެ ގޮތުގައި ބްލެކްލިސްޓް ކުރުމަށް ޓްރަމްޕް އަމުރުކޮށްފި

ފަލަސްތީނުގެ ހަމާސް ޖަމާއަތަށް ތާއީދުކުރާތީކަމަށް ވިދާޅުވެ، މިސްރާއި ލުބުނާން އަދި އުރުދުންގެ މުސްލިމް ބްރަދަހުޑްގެ ގޮފިތައް ؛ޓެރަރިސްޓް' ޖަމާއަތްތަކެއްގެ ގޮތުގައި ބްލެކްލިސްޓް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފިއެވެ. ޓްރަމްޕް އެ އަމުރު ނެރުއްވީ އެމެރިކާއިން އެ ސަރަހައްދުގައި އިސްރާއީލުގެ ދުޝްމަނުންނަށް އަމާޒުކޮށްގެން ކުރަމުންދާ މަސައްކަތްތައް ވަރުގަދަ ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ އަމުރުގައި ވަނީ މުސްލިމް ބްރަދާހުޑްގެ ލީޑަރުން ހަމާސްއާއި އެ ޖަމާއަތުގެ ލުބުނާނު ގޮފި، އަލްޖަމާ އަލް އިސްލާމިޔާއިން އިސްރާއީލާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މާއްދީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެމެރިކާއާއި އެ ގައުމުގެ ބައިވެރިންނަށް ހަމަލާ ދިނުމަށް މިސްރުގެ މުސްލިމް ބްރަދަހުޑްގެ ލީޑަރަކު ގޮވާލެއްވި ކަމަށް ވެސް އެ އަމުރުގައިވެއެވެ. ނަމަވެސް އެއީ ކޮން ކަމެއްކަން ސާފެއް ނޫނެވެ. މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ވެރިކަން 2013 ވަނަ އަހަރު ޖުލައި މަހު ވައްޓާލި ފަހުން މުސްލިމް ބްރަދަހުޑް ޖަމާއަތް މިސްރުގައި ހިންގުން އޮންނަނީ މަނާކޮށްފައެވެ. ޓްރަމްޕްގެ އަމުރުގައި ސެކްރެޓަރީ އޮފް ސްޓޭޓް އަދި ޓްރެޒަރީ ސެކްރެޓަރީއަށް އަންގަވާފައިވަނީ އެމެރިކާގެ ޖާސޫސީ ވެރިޔާއާ މަޝްވަރާކޮށް 30 ދުވަހުގެ ތެރޭގައި އެކަމާ ބެހޭ ރިޕޯޓެއް ތައްޔާރުކުރުމަށެވެ. އެ ރިޕޯޓަށް ފަހު 45 ދުވަހުގެ ތެރޭގައި ރަސްމީކޮށް މުސްލިމް ބްރަދަހުޑްގެ ގޮފިތަކަކީ 'ޓެރަރިސްޓް' ޖަމާއަތްތަކުގެ ގޮތުގައި ބަލާނެއެވެ. މުސްލިމް ބްރަދަހުޑްގެ ނަމުން މަޝްހޫރު ސޮސައިޓީ އޮފް ދަ މުސްލިމް ބްރަދާސް އަކީ އިސްލާމީ އިލްމުވެރިޔާ، އިމާމް އަދި ސްކޫލް ޓީޗަރު ހަސަން އަލް ބަންނާ 1928 ވަނަ އަހަރު މިސްރުގައި އުފެއްދެވި ޓްރާންސްނޭޝަނަލް ސުންނީ އިސްލާމިސްޓް ޖަމިއްޔާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ