ގަނޑުވަރެއްގައި މުޅި ޢުމުރު ހޭދަކުރެވުމަކީވެސް ޤިޔާމަތް ދުވަހު އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން! ފައިދާކުރާނީ ޖިފުޓިއެއްގައި އުޅެމުންވެސް އަޅުކަންކުރުން ގިނަކުރިވަރަކުން!

އެންމެ ފުރިހަމަ ގަނޑުވަރެއްގައި މުޅި ޢުމުރު ހޭދަކުރެވުމަކީވެސް ޤިޔާމަތް ދުވަހު އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫންކަމަށާއި ޤިޔާމަތް ދުވަހު ފައިދާކުރާނީ ޖިފުޓިއެއްގައި އުޅެމުންވެސް އަޅުކަންކުރުން ގިނަކުރިވަރަކުން މިބުނީ ވަރަށް ބޮޑު ސަބަބެއް އޮވެގެންނެވެ.  
އެސަބަބަކީ ގިނަ ބއަކަށް އާޚިރަތް ގެއްލިގެންދާ ސަބަބަކަށް ދުނިޔޭގައި ރަނގަޅު ފެންވަރުގެ ގެއެއް އަޅަން ކުރާމަސައްކަތް ވެއްޖެއެވެ. ހުރިހާ ކަމަކަށްވުރެ ބޮޑަށް އެކަމަށް ސަމާލުކަންދީގެން މަސައްކަތްކުރާތީއެވެ. މަސައްކަތްކުރަން ހަދައިގެން ތިމާ ކުރަންޖެހޭ އަޅުކަންވެސް ނުކުރެވޭތީއެވެ. 
އެހެންވެ ނަބީޙަތުގެ ބަސްކޮޅެއް ބުނެލަން މިއުޅެނީ ތަނަވަސްކަމާއި ރަނގަޅު ފެންވަރުގެ ގެދޮރު ހޯދަން މަސައްކަތްކުރާ މީހުން ވިސްނަންވީ ކަންކަމާއިމެދުގައެވެ.   
ﷲ ތަޢާލާ ވަޙީޚުރައްވަވާފައިވެއެވެ.  
"އަދި ތިއަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ." (އަލްފަޖްރް: 20)  
މީސްތަކުންނޭވެ! ފައިސާއަށް ދަހިވެތިވެ ތިމާކުރާ މަސައްކަތަކީ ހަމައެކަނި ދުނިޔޭގެ ތަނަވަސްކަން ހޯދަން ކުރާ މަސައްކަތްކަމުގައި ވެއްޖެ ނަމަ އެމީހަކަށް އެކުރެވެނީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް ކަމުގައި އިބްން ރަޖަބަ ބަޔާންކުރައްވަވާފައިވެއެވެ. އެހެނީ އެމީހަކަށް އާޚިރަތް ހޯދުމުގައި އިހްމާލްވެވޭނެއެވެ. އެއިރުން އެމީހަކަށް ޢާޚިރަތް ގެއްލިދިއައީއެވެ.  
މިކަމުގައި ވިސްނައިލަންޖެހޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ އިތުރުކުރުމުގެ މަސައްކަތަށް ޝައުޤުވެރިވެ ހެޔޮ ޢަމަލުތައް ކުރަން ވަގުތު ނުހޯދައިފިމީހާ ޙަލާލު މަސައްކަތްކޮށް ލިބޭ އާމްދަނީއިން ޙަލާލު ގޮތުގައި ހޭދަކުރިނަމަވެސް އެމީހަކުވާނީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. އެހެނީ އޭނާ އަދާކުރަންޖެހޭ ފަރުޟު އަދާނުކުރެވުމާއި ޛިކުރުކުރުމާއި ސުންނަތް ނަމާދުކުރަން ވަގުތު ހޭދަނުކުރާތީއެވެ. ހަމައެކަނި ޞަދަޤާތަކުން އާޚިރަތް ކާމިޔާބު ނުކުރެވޭނެތީއެވެ.  
މީސްތަކުންނޭވެ ކިތަންމެ ފުރިހަމަ ގަނޑުވަރެއްގައި ދިރިއުޅުނު ނަމަވެސް އަދި ކިތަންމެ އަގުބޮޑު ދިރިއުޅުމެއް އުޅުނު ނަމަވެސް އަދި ކިތަންމެ މީރު ކާނާ ކެއި ނަމަވެސް އެކަންކަމަކީ ވަގުތީ ކަމެކެވެ. ދާއިމީ ފައިދާއެއް ކުރާނީ ހެޔޮ ޢަމަލުކުރުން ގިނަކުރެވުނުވަރަކުންނެވެ. ދުނިޔެއާއިގން އެވަރަށް ތެޅި ނުފޮޅެންވީ އެ ސަބަބަށްޓަކައެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ