މި ސަރުކާރުން ފައިސާ ޗާޕެއް ނުކުރާނެ، އެމްޑީޕީން ވެސް ދެން ފައިސާ ޗާޕް ނުކުރާތި: ސައީދު

މި ސަރުކާރުން ފައިސާއެއް ޗާޕް ނުކުރާނެ ކަމަށާއި ދުވަހެއްގެ ކޮޅުން އިދިކޮޅަށް ވެރިކަން ލިބުނަސް ދެން ފައިސާ ޗާޕް ނުކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
އެމްއެމްއޭ އިން ޕެންޝަން އޮފީހާ ގުޅިގެން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކުމުގެ މުއާމަލާތެއް ހިންގަން މި މަހުގެ މެދުތެރޭގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެއީ މި ސަރުކާރުގައި ފައިސާ ޗާޕް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ވިދާޅުވުމާ ހިލާފަށް ފައިސާ ޗާޕް ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
އެކަމާ ގުޅުވާ މިއަދު މަޖިލީހުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވަނީ މިނިސްޓަރު ސައިޑަ ސުވާލު ކުރައްވާފައެވެ. ޝަމްހީދު ވިދާޅުވީ، އެމްއެމްއޭ އިން ފައިސާ ޗާޕްކޮށް ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުގެ ހަރަދު ހަމަޖައްސަން 2.4 ބިލިއަން ރުފިޔާ ބާޒާރަށް ނެރެން މަސައްކަތް ކުރާކަން އެނގިފައިވާ ކަމަށެވެ. މީގެ ސަބަބުން ޑޮލަރުގެ އަގު މަތިވެގެން ދާނެ ކަމަށާއި ފައިސާ ޗާޕްކުރަން މިހާރު މިނިސްޓަރު އެއްބަސްވެވަޑައިގެންނެވީތޯ ޝަމްހީދު އެއްސެވިއެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މި ސަރުކާރަކުން ފައިސާ ޗާޕު ނުކުރާނެ ކަމަށާއި މި ސަރުކާރު ވެރިކަމަށް އައި އިރު 125.2 ބިލިއަން ރުފިޔާގެ ދަރަންޏެއް ވާރުތަވެގެން އައި ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން ދިޔަ އިރު އާމްދަނީއަށް ބައި ރުފިޔާ ލިބޭނެ ކަމެއް ވެސް ކޮށްފައި ނުވާ ކަމަށް ސައީދު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ކޮވިޑްގެ ނަން ނަގައިގެން ކަންކަންކޮށްފައިވާ އިރު، ކޮވިޑްގެ ނަމުގައި ލިބިފައި ހުރި ފައިސާގެ ގޮތުގައި 8.7 ބިލިއިން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. ނަމަވެސް ކޮވިޑަށް ހަރަދުކޮށްފައި 4.2 ބިލިއަން ރުފިޔާ ކަމަށާއި ދެން ފައިސާ ޝާޕުކުރީ ކޮންކަމަކާ ގުޅިގެން ތޯ މިނިސްޓަރު ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން މިނސްޓަރު ވަނީ މި ސުވާލު ކުރެއްވި މެންބަރު ޝަމްހީދު އަށް ނަސޭހްތަތެރިވެވަޑައިގެންފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ވެސް ވެރިކަން ލިބިގެން ވެސް ގާނޫނު ތަޅުލައިގެން އެގޮތަށް ފައިސާ ޗާޕް ނުކުރުމަށް ސައީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ