ފިލްމު 'މޮމް 2'ގައި ޚުޝީއާ އެކު ޓެލެވިޒަން ބަތަލާ ކަރިޝްމާ ތަންނާ
އިންޑިއާގެ ކުރީގެ ބަތަލާ ސްރީދޭވީ މުހިއްމު ރޯލް ކުޅެ 2017 ވަނަ އަހަރު ސިނަމާތަކަށް ގެނައި ފިލްމު "މޮމް"ގެ ދެވަނަ ފިލްމުގެ މަސައްކަތް ފަށައިފިއެވެ. ފިލްމު "މޮމް"އަކީ ސްރީދޭވީ 2018 ވަނަ އަހަރު މަރުވުމުގެ ކުރިން ބެލުންތެރިންނަށް ގެނެސްދިން ބަތަލާގެ އެންމެފަހު ފިލްމެވެ. މި ފިލްމުގެ ދެވަނަ ބައިގެ މަސައްކަތް ފެށިއިރު ފިލްމުގެ ލީޑް ތަރިންނަކީ ސްރީދޭވީގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރު އަދި މަޝްހޫރު ޓެލެވިޒަން ބަތަލާ ކަރިޝްމާ ތަންނާއެވެ. ފިލްމު "މޮމް"ގެ ސީކުއަލްއެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން ސްރީދޭވީގެ ފިރިމީހާ ބޮނީ ކަޕޫރު ވެސް ވަނީ ތަންކޮޅެއްކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައިވާ ރިޕޯޓެއްގައި ބުނާގޮތުން "މޮމް 2"ގެ މަސައްކަތް ފެށީ އިންޑިއާގައި މިއަހަރު ފާހަގަކުރި ދިވާލީ ފެސްޓިވަލްއަށް ފަހުއެވެ. ފިލްމު "މޮމް"ގެ ޕޯސްޓަރެއް--ފޮޓޯ/ޕިންކްވިލާ ފިލްމު "މޮމް 2"ގެ ޑައިރެކްޓަރަކީ ފުރަތަމަ ފިލްމުގެ ސްކްރީންޕްލޭ ލިޔުނު ގިރިޝް ކޯލީއެވެ. ރިޕޯޓުތައް ބުނާގޮތުން މި ފިލްމާބެހޭ އިތުރު ތަފުސީލުތައް މި މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ ބޮނީ ކަޕޫރުގެ އުފަންދުވަހާ ދިމާކޮށް އާއްމުކުރާނެއެވެ. ކްރައިމް ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "މޮމް" އަކީ ރަވީ އުދިއަވަރު ޑައިރެކްޓްކޮށް ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. އެ ފިލްމުގައި ސްރީދޭވީއާ އެކު ދެން ފެނުނީ ޕާކިސްތާނު ބަތަލާ ސަޖަލް އަދި އެކްޓަރު ނަވާޒުއްދީން ސިއްދީގު، އަދުނާނު ސިއްދީގުގެ އިތުރުން އަކްޝަޔޭ ކަންނާ ހިމެނެއެވެ. މިހާތަނަށް ޚުޝީ ކަޕޫރުގެ ރިލީޒްވި ފިލްމުތަކަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން "މޮމް 2"ގެ ބަތަލާގެ ރޯލް ޚުޝީއަށް ދިނުމުން ގިނަބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ