ރޮހިންޔާ ރެފިއުޖީންގެ ބޯޓެއް ބަންޑުންޖަހާލައި އެތައް ބަޔަކު ކަނޑުވެއްޖެ
ކުއާލަލަންޕޫރު (10 ނޮވެންބަރު 2025) : މެލޭޝިޔާއާއި ތައިލޭންޑުގެ ސަރަހައްދީ ރޮނގާ ކައިރި ކަނޑުގެ އައްސޭރި ފަށަށް މީގެ ތިން ދުވަސްކުރިން ބަންޑުން ޖަހާލި ބޯޓުގައި ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު ގެއްލިފައިވާކަމަށާއި، ސަލާމަތް ކުރެވުނީ މަދު ބައެއްކަމަށް މެލޭޝިޔާގެ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާއިން ބުނެފިއެވެ. އެ އިދާރާއިން ބުނީ ކަނޑަށް ބަންޑުން ޖަހާލި އުޅަނދުގައި ތިބީ މިޔަންމާގެ ބައިމަދު ރޮހިންޔާ ދަރިކޮޅުގެ މީހުންކަމަށާއި 300 ވަރަކަށް ރޮހިންޔާ ރެފިއުޖީން އެ އުޅަނދުގައި ތިބިކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައެވެ. މެލޭޝިއާގެ މެރިޓައިމް އޮތޯރިޓީގެ ވެރިޔާ ރޮމްލީ މުސްތަފާ އާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މި ބޯޓު ބަންޑުން ޖަހާލުމުގެ ހާދިސާއަށް ފަހު މީހުން ސަލާމަތް ކުރުމަށް އެ އިދާރާއިން ހިންގި އޮޕަރޭޝަންގައި ސަލާމަތް ކުރެވިފައިވަނީ އެންމެ 13 މީހުންނެވެ. އަދި ހަތް މީހެއް ގެ މަރުވެފައިވާ ހަށިތައް ނަގާފައިވާއިރު އެ ނޫން މީހުންވަނީ ގެއްލިފައެވެ. މުސްތަފާ ވިދާޅުވިގޮތުގައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަނީ މެލޭޝިޔާގެ ލަންކާވީ އާ ކައިރީގައެވެ. މިހާތަނަށް 170 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިވާކަމަށާ އަދިވެސް އޮޕަރޭޝަން ކުރިޔަށްގެންދާކަމަށް އޭނާ ވިދާޅުވިއެވެ. ރިޕޯޓްތައް ބުނާގޮތުން ބަންޑުން ޖަހާލި ބޯޓު ފުރާފައިވަނީ މިޔަންމާގެ ރަކާން ސްޓޭޓުން ރޮހިންޔާ ރެފިއުޖީން ގޮވައިގެންނެވެ. ލަފާކުރެވޭގޮތުގައި އެ މީހުން އައީ ރެފިއުޖީންގެ ގޮތުގައި މެލޭޝިއާއަށެވެ. ނަމަވެސް ކަނޑު ގަދަވުމާއި ބޯޓަށް ނުކަތާ ވަރަށް މީހުން ފުރިބާރުވެފައިވުމުގެ ސަބަބުން ކަނޑަށް ބަންޑުން ޖަހާލީއެވެ. ގެއްލިފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިންނާއި އަންހެނުން ހިމެނޭކަމަށް ވެއެވެ. މެލޭޝިޔާއަކީ އިސްލާމީ ގައުމަކަށްވާތީ މިޔަންމާގައި ހާލުގައި ޖައްސައި ހައްގުތައް ނިގުޅައިގެންފައިވާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން މެލޭޝިއާއަށް ހިޖުރަކުރަން ބޭނުންވެއެވެ. ނަމަވެސް މެލޭޝިއާ އަކީ ހިޖުރަވެރިން ގަބޫލުކުރާ ގައުމެއް ނޫނެވެ. ހިޖުރައަށް ފުރުސަތު ދޭ ގައުމެއް ވެސް ނޫނެވެ. ހައްގުތައް ނިގުޅައިގެންފައިވާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން މައިގަނޑު ގޮތެއްގައި ހިޖުރަ ކުރަނީ އެއްގަމު މަގުން އަވަށްޓެރި ބަންގްލަދޭޝް އަށެވެ. ބަންގްލަދޭޝް އަކީ ފަގީރު ގައުމަކަށްވާއިރު މި މައްސަލަ ވަނީ އެ ގައުމަށް ވެސް ތަހައްމަލު ނުކުރެވޭ ވަރުގެ ބޮޑު މައްސަލައަކަށް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ