އިންޑިއާގެ މަދަނީ މީހުން ތިބޭނީ 2 އަހަރު - ރައީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު އިންޑިއާ އިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން އިންޑިއާގެ މަދަނީ މީހުން ގެންނަނީ ޖުމްލަ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އެމީހުން "އުމުރު ދުވަހު" ނުތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވި ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވެފައި ވަނީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ވަގުތު ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި އިންޑިއާ ސިފައިން ފޮނުވާލުމަށް ކުރަމުންދާ މަސައްކަތްތަކާއި އެމީހުންގެ ބަދަލުގައި މަދަނީ މީހުން ގެނައުމަށް ހެދި އެއްބަސްވުމުގައި ހުރި ކަންކަމާ ބެހޭ ބައެއް ތަފްސީލްތައް ފުރަތަމަ ފަހަރަށް ރައީސް ޑރ. މުއިއްޒު ވަނީ ހިއްސާ ކުރައްވައިފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި 89 އިންޑިއާ ސިފައިން ތިބިއެވެ. އެއީ ހދ. ހަނިމާދޫ އާއި ލ. ކައްދޫ އާއި އައްޑޫ ސިޓީގައެވެ. އެ ތިން ޕްލެޓްފޯމްގެ ތެރެއިން އައްޑޫގެ ގަމުގައި ހެލިކޮޕްޓަރު ދުއްވަން ތިބި އިންޑިއާގެ ސިފައިން ވަނީ މި މަހު ރާއްޖެ ދޫކޮށް ގޮސްފައެވެ. އެމީހުންގެ ބަދަލުގައި މިހާރު ތިބީ މަދަނީ މީހުންނެވެ.
ރާއްޖެ އާއި އިންޑިއާ އިން އެއްބަސްވެފައި ވަނީ މި އަހަރުގެ މެއި 10 ގެ ކުރިން ހަނިމާދޫ އާއި ކައްދޫގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު އެ ތަންތަނަށް ވެސް މަދަނީ މީހުން ގެންނާށެވެ. އެމީހުން މަސައްކަތް ކުރާނީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓާ ގުޅޭ އޮޕަރޭޝަންތަކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ