ރައީސުލްޖުމްހޫރިއްޔާ ޢަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލާ: ގާސިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޒުލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިސް ތެރެއިން އެއްވެސް ހަމައެއް ލަމައެއްނެތި ކުރަމުންދާ މަސައްކަތްތައް އެއްވެސް ޝަރުތެއްނެތި ހުއްޓާލުމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ގޮވާލައްވައިފިއެވެ.
ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ރައްޔިތުންގެ ފުރިހަމަ އަޢުލަބިއްޔަތުން ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމުހޫރިއްޔާ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޚިލާފު ނުވާހާ ހިނދަކު، އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިނުވާހާ ހިނދަކު, އެއްވެސް ހަމައެއް ލަމައެއްނެތި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަކީ، ނުވަތަ ޢަޒުލުކުރަން ހުށަހެޅުމަކީ ރައްޔިތުން ނިންމާފައިވާ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމުގައި ޤާސިމް ވިދާޅުވިއެވެ.
ޤާސިމް މިމޭރުމުން ވިދާޅުވެފައިވަނީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަޖިލީހުގައި އިދިކޮޅުން ކުރަމުންދާ މަސައްކަތަށް ފާޑުވިދާޅުވަމުން ޤާސިމް ވިދާޅުވީ, ދައުރެއް ނިމެމުންދާ މަޖިލިސްއެއްގެ ތެރެއިން މިފަދަ ޢަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމުގައެވެ.
ގާސިމް އިތުރަށް ވިދާޅުވީ، މިހާތަނަށް ރައީސް ޑރ. މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާއި ޤައުމަށްޓަކައި، ޤައުމަށް ކުރިއެރުން ހާޞިލް ކޮށްދިނުމަށް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނީ ވެރިކަން ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމައަށް ފުރުޞަތު ދޭންޖެހޭނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ