2 އިންތިޚާބު ކާމިޔާބުވުމުގެ ފަހަތުގައި އޮތީ، ނުހަނު ހުޠޫރަތްތެރި ހާލަތެއްގައި، އިޚްލާޞްތެރި ކަމާއެކު ރައީސް ޑރ މުޢިއްޒާ އެމަނިކުފާނުގެ ޓީމު ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ: ޤާސިމް

މިއަދު 21 އޭޕްރީލް 2024 ގައި ބޭއްވި، ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި، ޕީ. އެން.ސީ އިން ހޯއްދެވި ސްޕަރމެޖޯރިޓީއަކީ އެޕާޓީގެ ރައީސް، ރައީސުލް ޖުމްހޫރިއްޔާ އޮނަރަބަލް ޑރ މުޙައްމަދު މުޢިއްޒަށްދިވެހީންގެ މެދުގައި އޮތް އިތުބާރާއި، ޔަޤީންކަމުގެ އަލިގަދަ ހެއްކެކެވެ.
މި އުފާވެރި މުނާސަބަތުގައި ރައީސް ޑރ މުހައްމަދު މުޢިއްޒުއަށް ހިތުގެ އިޙްލާޞްތެރި ތަހްނިޔާ އާއި މުބާރަކްބާދީ އަރިސްކުރަމެވެ. އަދި ހަމަ މި ނޭވާގައި އެ ޕާޓީގެ ލީޑަރޝިޕާއި، ކާމިޔާބު ހޯއްދެވި އެންމެހާ ކެނޑިޑޭޓުންނަށް މަރުހަބާ އާއި ތަޙްނިޔާ އަރިސްކުރަމެވެ 
އަޅުގަނޑު ޤަބޫލު ކުރާހިތް އޮތީ، 2023 ގެ ރިޔާސީ އިންތިޚާބުވެސް އަދި މިއަދު އޮތް 2024 ގެ މަޖިލީސް އިންތިޚާބުވެސް ކާމިޔާބު ވުމުގެ ފަހަތުގައި އޮތީ، ނުހަނު ހުޠޫރަތްތެރި ހާލަތެއްގައި، ނުހަނު އިޚްލާޞްތެރި ކަމާއެކު ރައީސް ޑރ މުޢިއްޒާއި އެމަނިކުފާނުގެ ޓީމު ކުރެއްވި ބުރަ މަސައްކަތް ޕުޅުތަކުގެ ނަތީޖާ ކަމެވެ. 
އެ ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާ އެއް ނޫންކަން މިއަދު ރައީސް ޑރ މުޢިއްޒުއަށް ރައްޔިތުން ދެއްވި ތާއީދާއި، ދެއްވި ފުރިހަމަ މެޖޯރިޓީން އެވަނީ އެނގިކަށަވަރުވެފައެވެ. އެހެނީ މިފަދަ ބޮޑު ކާމިޔާބީ އެއް ހޯއްދެވި އިރު އެއްވެސް ޖަލްސާއެއްގައި ހުސްގޮނޑިއެއްވެސް ނުވަތަ ވަކިބޭފުޅެއްގެ ފޮޓޯއެއްވެސް ބަހައްޓާފައިވަނިކޮށް ނުފެނެއެވެ. 
ހަމަ މިއާއެކު، މިދެންނެވި ހުސްގޮޑި ނިޞްބަތްވާ ފަރާތުން ރައީސް ޑރ މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި ގުޅޭގޮތުން، ފަތުރުއްވަމުން ގެންދެވި އިހާނެތި ވާހަކަތަކާއި، މެދުކެނޑުމެއްނެތި ކުރިމަތިކުރައްވަމުން ގެންދެވި އަދި ގެންދަވާ ތުހުމަތު ތަކާ، ކުރައްވަމުން ގެންދަވާ މިފަދަ ހަޑިހުތުރު ޢަމަލުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަ ކަން މި އަދުގެ ވޯޓުގެ ނަތީއްޖާ އިން ދިވެހީން އެވަނީ ދައްކުވައި ދެއްވާފައެވެ. މިއާއެކު މި ބޭފުޅުން މަޖިލީހުގެ އިންތިޚާބަށް ނެރުއްވި އެއްވެސް ކެނޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ވެފައި ނުވާކަމީވެސް ފެންނާން އޮތް ހަޤީޤަތެކެވެ 
އަޅުގަނޑު އެދިގެން ނޫންނަމަވެސް، މި އިންތިޚާބުގައި މާމިގިލީ ދާއިރާއަށް އަޅުގަނޑުވާދަކުރުމުން، އެދާއިރާއަށް ޕީއެންސީ އިން ކެނޑިޑޭޓަކު ނުނެރުއްވާ، އަޅުގަނޑަށް ތާއީދު ކޮށްދެއްވީތީ، ރައީސް ޑރ. މުޢިއްޒު އަށް ވަކީން ޚާއްޞަ ޝުކުރެއް އަރިސްކުރަމެވެ. 
ދިވެހި ޤައުމަށް އުޖާލާ މުސްތަޤްބަލެއް ގެނައުމަށް ރައްޔިތުންގެ އެންމެމަތީ ތާއީދު ހުރިހާ ސިފައެއްގައިވެސް ރައީސް ޑރ މުޢިއްޒަށް މިއަދު އެވަނީ ދިވެހިރައްޔިތުން އަރުވާފައެވެ. އެހެންކަމުން، އަޅުގަނޑުގެ ހެޔޮދުޢާއަކީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރާކާތް ލައްވާ، އެމަނިކުފާނަށް ފުރިހަމަ ސިއްޙަތަކާއި ދިގު ޢުމުރުފުޅެއް މިންވަރުކުރައްވާ، ހެޔޮވިސްނުންދެއްވަވާ، އެމަނިކުފާނުގެ ޤައުމީ ޚިދުމަތުން މި ދިވެހި ވަޠަން ޖަރީވެގެން ދިއުމެވެ.
 
މިއަދު 21 އޭޕްރީލް 2024 ގައި ބޭއްވި، ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި، ޕީ. އެން.ސީ އިން ހޯއްދެވި ސްޕަރމެޖޯރިޓީއަކީ އެޕާޓީގެ ރައީސް، ރައީސުލް ޖުމްހޫރިއްޔާ އޮނަރަބަލް ޑރ މުޙައްމަދު މުޢިއްޒަށް @MMuizzu ދިވެހީންގެ މެދުގައި އޮތް އިތުބާރާއި، ޔަޤީންކަމުގެ އަލިގަދަ ހެއްކެކެވެ. މި… pic.twitter.com/HiLPgbabnS
— Qasim Ibrahim (@qasimibrahim) April 21, 2024
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ