ރާއްޖެ-އިންޑިއާ ތާރީޚީ ގުޅުމަށް ކަޅިއެއް!

1965 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު އިންޑިޔާއާއެކު ސިޔާސީ ގުޅުން
ޤާއިމުކުރެވުނު ފަހުން، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަކީ، ދެމެހެއްޓެނިވި
އެކުވެރި، ފާހަގަކޮށްލެވޭ، ފައިދާހުރި ބައިލެޓްރަލިޒަމްގެ ސަބަބުން ފާހަގަކުރެވިފައިވާ
ގުޅުމެކެވެ. ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަކީ ތާރީޚުގައި ވެސް، ފާހަގަކޮށްލެވޭ
މުހިއްމު ގުޅުމެކެވެ.
އިންޑިޔާއަކީ 26 ޖުލައި
1965 ގައި ރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު މިފަދަ ގުޅުމެއް ޤާއިމްކުރި ތިންވަނަ
ޤައުމެވެ. އަނެއް ދެ ގައުމަކީ އިނގިރޭސިވިލާތާއި ސްރީލަންކާ އެވެ.
ދެޤައުމުގެ ގުޅުމުގެ އެންމެ
ފާހަގަކޮށްލެވޭ އެއް ކަމަކީ، ސަރުކާރާއި ލީޑަރޝިޕަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން
ދެޤައުމުގެ ގުޅުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވުމެވެ. ދެކުނު އޭޝިއާ ސަރަޙައްދުގެ
އިންޑޯ ސެންޓްރިކް ސިފައާއި، ރާއްޖޭގެ މައިކްރޯ- އާކިޕެލެޖިކް ސިފައާއި، ބާރުގެ ތަފާތުކަން
ހުރިނަމަވެސް، ޒަމާނުއްސުރެ ދެޤައުމުގެ މެދުގައި އޮންނަނީ، އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި،
އެހީތެރިކަމާއި، އެކަކު އަނެކަކުގެ އިޙްސާންތެރިކަމާމެދު ކަންބޮޑުވުމުގެ އުޞޫލެކެވެ.
ނަތީޖާއެއްގެ ގޮތުން ދެޤައުމުގެ ގުޅުން ވަނީ ބަދަހިވެފައެވެ
އެތައް ފަހަރެއްގެ މަތިން
އިންޑިއާއަކީ ރާއްޖެއަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި ރާއްޖޭގެ ވަރަށް ގާތް ރަހުމަތްތެރިއެއްކަން
ސާބިތުކޮށްދީފައިވެއެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ހިނގި
ބަޣާވާތުގެ ހާދިސާގައި އިންޑިއާއިން އަވަސް ފިޔަވަޅުތަކެއް އެޅުމާއި، 2004 ވަނަ އަހަރުގެ
ޑިސެމްބަރު މަހުގެ ސުނާމީ ކާރިސާއާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް އެއްވެސް ޝަރުތެއް
ނެތި އެއްބާރުލުމާއި ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ، އިންޑިއާއިން ރާއްޖެއާއި
އޮތް ގާތްކަން ދައްކުވައިދޭ ދެ މިސާލެވެ
އިންޑިއާއިން ރާއްޖެއަށް
ދޭ އެހީތަކުގެ ތެރޭގައި ހިލޭ އެހީގެ މަޝްރޫއުތަކާއި ދިގު މުއްދަތުގެ ސްކޮލަޝިޕްތަކާއި
ތަމްރީނުގެ ތެރެއިން އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއި ފަންނީ އެހީތެރިކަމާއި ތަޖުރިބާކާރުން
ޑެޕިއުޓޭޝަން ކުރުން ހިމެނެއެވެ. އޭގެއިތުރުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ޕްރޮޖެކްޓާއި
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނެންސިއަލް އެޑިއުކޭޝަން ޕްރޮޖެކްޓާއި ޕޮޕިއުލޭޝަން
އެންޑް ޑިވެލޮޕްމަންޓް ކޮންސޮލިޑޭޝަން ޕްރޮގްރާމާއި ދަރުމަވަންތަ ރަސްގެފާނު މިސްކިތް
ޕްރޮޖެކްޓާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް
ޓޫރިޒަމް ސްޓަޑީޒް ގެ މަސައްކަތަކީ ފާހަގަކޮށްލެވޭ މުހިއްމު ޕްރޮޖެކްޓުތަކެކެވެ. މިފަހުން
ދިން އެންމެ ބޮޑު އެހީއަކަށް ވެފައި ވަނީ ބޯހިޔާވަހިކަމުގެ ދާއިރާއަށް ދިން 40 މިލިއަން
ޑޮލަރުގެ ލައިން އޮފް ކްރެޑިޓެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ
ދާއިރާއަށް އިންޑިއާއިން ކުރާ އިންވެސްޓްމަންޓްތައް ވެސް ފާހަގަކޮށްލެވެއެވެ. ސްޓޭޓް
ބޭންކް އޮފް އިންޑިއާ އަކީ 1974 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރާއްޖޭގެ
އިގްތިސާދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ބޭންކެކެވެ. ތާޖު ގްރޫޕުން ރާއްޖޭގައި ދެ ރިސޯޓް ކަމަށްވާ ތާޖް
އެގްޒޯޓިކާ އެންޑް ސްޕާ އާއި ވިވަންޓާ ކޮރެލް ރީފް ރިސޯޓް ހިންގަމުން އަންނައިރު، ރާއްޖޭގެ
ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކޮށްފައިވާ އިންޑިއާގެ އެހެން ފަރާތްތަކާއި
ކުންފުނިތައް ވެސް އެބަތިއްބެވެ.
މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ
ތެރޭގައި މޯލްޑިވްސް މެޕިން އެންޑް ނޭޝަނަލް ޖީއައިއެސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއި
ހުޅުމާލެ ފެހިކުރުމާއި ހުޅުމާލެ ބްރޭކްވޯޓާ ޕްރޮޖެކްޓާއި ނޭޝަނަލް ޕްލޭނިން ކެޕޭސިޓީ
ޕްރޮޖެކްޓް ހަރުދަނާ ކުރުމުގެ މަޝްރޫއު ހިމެނެ އެވެ.
ތާރީޚަށް ބަލާއިރު 1974 ވަނަ
އަހަރު ރާއްޖޭގެ އޭރުގެ ބޮޑުވަޒީރު ޑރ.އަޙްމަދު ޒަކީވަނީ އިންޑިއާއަށް ވަޑައިގަންނަވާފައެވެ.
އަދި 1978 ވަނަ އަހަރު ރާއްޖޭގެ ޒައާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު، 30 އަހަރު
ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް
އިންޑިއާއަށް ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ 1980 ވަނަ އަހަރުއެވެ. އޭގެފަހުން
އެމަނިކުފާނުގެ ވެރިކަމުގައި އެކި ފަހަރުމަތިން އިންޑިއާއަށް ވަނީ ރަސްމީ ދަތުރުފުޅުތައް
ބާއްވަވާފައެވެ.
ރައީސް މައުމޫނަށްފަހު،
2008 ވަނަ އަހަރު ރާއްޖެގެ ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ
ހަމަ އެ އަހަރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އަދި އޭގެފަހުންވެސް
އެމަނިކުފާނު ވަނީ އިންޑިއާއަށް ދަތުރުފުޅުތައް ކުރައްވާފައެވެ.
ރައީސް ނަޝީދަށްފަހު،
2012 ވަނަ އަހަރު ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވި ރައީސް ޑރ.މުހައްމަދު ވަހީދު
ޙަސަން މަނިކުވެސް ވަނީ، ވެރިކަމަށް ވަޑައިގެންނެވި އަހަރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް
ކުރައްވާފައެވެ.
2013 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާއި ހަވާލުވެ
ވަޑައިގެންނެވި ރައީސް ޢަބްދުﷲ ޔާމީން އިންޑިއާއަށް ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ
2014 ވަނަ އަހަރުއެވެ. އަދި އޭގެފަހުންވެސް އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާއަށް
ވަނީ ރަސްމީ ދަތުރުފުޅުތައް ކުރައްވާފައެވެ. އަދި ރައީސް ޔާމީނަށްފަހު ވެރިކަމަށް ވަޑައިގެންނެވި
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ވަނީ އެކި މުނާސަބާތަކުގައި އިންޑިއާއަށް
ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގެން، މުހިއްމު މަޝްވަރާތައް ބާއްވާފައެވެ.
ރައީސް ޑރ. މުހައްމަދު
މުއިއްޒުގެ ދެކަނބަލުން އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު،
ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދަކާ އެކު ފެއްޓެވީ މި މަހުގެ 6 ވަނަ ދުވަހުގައެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ މި
ދަތުރުފުޅަށް ރައީސް މުއިއްޒު ފުރާވަޑައިގަތީ އާދަކާދައާ އެއްގޮތަށް ރާއްޖޭގެ
ރައީސުން އެ ގައުމަށް ކުރައްވާ މިފަދަ ދަތުރުފުޅުތަކަށް އިންޑިއާގެ ސަރުކާރުން
ހަމަޖައްސައިދިން ހާއްސަ ފްލައިޓެއްގައެވެ. އަންނަ ބުދަ ދުވަހުގެ ނިޔަލަށް
ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އިތުރުން މުމްބާއީ
އަދި ބެންގަލޫރަށް ރައީސް ވަޑައިގެން ވިޔަފާރީގެ މަޝްވަރާތައް ކުރައްވާނެއެވެ.
މިއީ މިދިޔަ އަހަރުގެ
ނޮވެމްބަރު 17 ގައި އެ މަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ
ގައުމަށް ކުރައްވާ ފުރަތަމަ ފުރަމާާނަ ދަތުރުފުޅަށް ވުމެވެ. އެކަމަކު، ބޮޑުވަޒީރު
ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި
ބައިވެރިވެވަޑައިގަތުމަށް މިދިޔަ ޖޫން މަހު ވެސް ރައީސް މުއިއްޒު އިންޑިއާ އަށް
ވަޑައިގަތެވެ. އެ ދަތުރުފުޅުގައި މޯދީއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން
ހަރުދަނާ ކުރުމުގެ މަޝްވަރާތައް ދެ ބޭފުޅުން ކުރެއްވިއެވެ. ރައީސް މުއިއްޒު މަގާމާ
ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެންމެ ފުރަތަމަ
ބައްދަލުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް
ސަމިޓުގެ ހަވާސާގެ ތެރެއިންނެވެ.
މިހުރިހާ ކަމަކުން ވެސް
ދޭހަވާ އެއް ކަމެއް އެބައޮތެވެ. ރާއްޖެ-އިންޑިއާ މި ގުޅުމަކީ ތާރީޚީ ގުޅުމެއް
ކަމެވެ. މި ގުޅުމަކީ ދުނިޔޭގެ އެހެން އެއްވެސް ދެ ގައުމެއްގެ ދެމެދުގައި ނުވާފަދަ،
ތަފާތު، ބަދަހި، އިހުތިރާމްގެ މައްޗަށް ބިނާވެފައިއޮތް ދުވަސްވީ ގުޅުމެއް ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ