ޓްރަމްޕްގެ ރައްކާތެރިކަމަށް އަސްކަރީ އުޅަނދުފަހަރު ބޭނުންކުރުމަށް އެދި ހުށަހަޅައިފި

އެމެރިކާގެ ކުރީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕްޕްގެ ކެމްޕޭން ޓީމުން، އޭނާގެ ރައްކާތެރިކަމަށްޓަކައި އަސްކަރީ އުޅަނދުފަހަރާއި އެހެނިހެން ވަސީލަތްތައް ބޭނުންކުރުމަށް އެދި ހުށަހަޅާފައިވާކަމަށް ނިއު ޔޯކް ޓައިމްސް އަދި ވޮޝިންގްޓަން ޕޯސްޓުން ހުކުރު ދުވަހު ރިޕޯޓުކޮށްފިއެވެ.
މި ހުށަހެޅުން ހުށަހަޅާފައިވަނީ ފަހަކަށް އައިސް ޓްރަމްޕަށް ދެ ފަހަރެއްގެ މަތިން އަވަހާރަކޮށްލަން މަސައްކަތްކޮށްފައިވުމާ ގުޅިގެންނެވެ. މީގެ އިތުރުން، ޓްރަމްޕްގެ ފުރާނައަށް ގެއްލުން ދިނުމަށް އީރާނުން ރާވަމުންދާކަމުގެ މަޢުލޫމާތު އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ޓްރަމްޕަށް ދީފައިވާކަމަށް ވެސް ޓްރަމްޕްގެ ކެމްޕޭނުން ބުނެފައިވެއެވެ.
ރިޔާސީ ކެންޑިޑޭޓުންގެ ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ޔޫ.އެސް. ސީކްރެޓް ސަރވިސްގެ ތަރުޖަމާނެއް ބުނި ގޮތުގައި "ކުރީގެ ރައީސަށް އެންމެ މަތީ ދަރަޖައިގެ ރައްކާތެރިކަން" ފޯރުކޮށްދެމުން ގެންދެއެވެ. އަދި ޓްރަމްޕްގެ ކެމްޕޭނުން އިތުރު ރައްކާތެރިކަމަށް އެދިފައިވާކަން ވެސް އެ ތަރުޖަމާނު ކަށަވަރުކޮށްދިނެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި، ޓްރަމްޕްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، އޭނާއަކީ މިހާރުވެސް ރައީސްކަމުގައި ހުރި މީހެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށް އޭނާ ހުއްދަދީފައިވެއެވެ. އަދި ޓްރަމްޕްގެ އެދުން އެ ގިންތީގެ ތެރެއަށް ފެތޭނަމަ އެކަން ހަމަޖައްސައިދޭންވާނެ ކަމަށް ވެސް ބައިޑެން ވިދާޅުވިއެވެ.
ނިއު ޔޯކް ޓައިމްސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޓްރަމްޕްގެ ކެމްޕޭނުން ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖެފް ޒައިންޓްސް އަދި އެކްޓިންގ ސީކްރެޓް ސަރވިސް ޑިރެކްޓަރ ރޮނަލްޑް ރޯއާ ގުޅައި، ރިޕަބްލިކަން ކެންޑިޑޭޓްގެ ރައްކާތެރިކަމަށް އަސްކަރީ ވަސީލަތްތައް ބޭނުންކުރުމަށް އެދިފައިވެއެވެ. ޓްރަމްޕް ވާދަކުރައްވަނީ ނޮވެމްބަރު 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްއާ ދެކޮޅަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ