‏މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަ ފުޓްސަލް މުބާރާތެއް ފަށަނީ

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެ މުބާރާތް އިންތިޒާމް ކުރާ ފަރާތުން ”ވޮއިސް“ އަށް މައުލޫމާތު ދީފައުވާ ގޮތުން، މި މުބާރާތް އޮންނާނީ ސުބަންގް ޖާޔާގައި ކަމަށާ، މި އަހަރުގެ މުބާރާތުގައި 15 ޓީމެއް ބައިވެރިވެފައިވާ ކަމަށެވެ. 
އަދި މުބާރާތް ކުރިއަށް ގެންދާނީ އެއްދުވަހު ކަމަށާ މާދަމާ ހެނދުނު މުބާރާތް ފަށާނެއެވެ.
Advertisement
ތިން ގްރޫޕަކަށް ޓީމްތައް ބަހާލައިގެން ކުޅޭ މުބާރާތުގެ ޗެމްޕިއަންޓީމަށް 3،000 މެލޭޝިއަން ރިންގިޓް އަދި ރަނައަޕް ޓީމަށް 1،000 ރިންގިޓް ލިބޭނެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގައި ހިމެނޭނީ މެލޭޝިއާ ނުވަތަ ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނެވެ. ނަމަވެސް ކޮންމެ ޓީމަކަށް ވެސް ޓްއަރިސްޓް ވިސާގައި އެއްކުޅުންތެރިޔަކު ހިމެނުމުގެ ފުރުސަތު ލިބޭނެ ކަމަށް މުބާރާތް އިންތުޒާމް ކުރާ ފަރާތުން މައުލޫމާތު ދެއެވެ. 
މީގެ އިތުރުން، އެފަރާތުން ބުނެފައުވާ ގޮތުން، އެހެން އަހަރު ތަކެކޭ އެއްގޮތަށް މި އަހަރުގެ މުބާރާތުގައިވެސް ރާއްޖޭގެ މަޝްހޫރު ބައެއް ކުޅުންތެރިން ކުޅޭނެވއެވެ. އޭގެތެރޭގައި ރާއްޖޭގެ ގައުމީ ޓީމްގައި ވެސް ހިމެނޭ ކުޅުންތެރިއެއް ކަމަށްވާ ނިޝާމް މުހައްމަދު ރަޝީދާއި ރާއްޖޭގެ ފުޓްސަލްގެ އެންމެ މޮޅު އެއްކުޅުންތެރިޔާ ކަމަށްވާ އަޔާޒް އަހްމަދު އަދި ރ. އިނގިރައިދުއަށް ނިސްބަތްވާ އަހްމަދު އައިހަމް އާއި މަޝްހޫރު ފުޓްސަލް ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު ލިޔާހް ހިމެނެެއެވެ.
މާދަމާގެ މުބާރާތުގެ ފައިނަލް މެޗްގެ ކުރިން ކުޑަކުދިންނަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ވެސް އޮންނާނެ ކަމަށްވެސް އެ ފަރާތުން ދެއެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި އެކުވެރިކަން ގާއިމުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމުގެ މަގުސަދުގައި މި ފުޓްސަލް މުބާރާތް  ބާއްވާ މިއީ ހަތަރު ވަނަ ފަހަރެވެ.
ސުބަންގް ކަޕް ފުރަތަމަ ބޭއްވީ 2019 ވަނަ އަހަރުއެވެ. ކޮވިޑް އާއި ގުޅިގެން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ މުބާރާތް ކުރިއަކަށް ނުގެންދެއެވެ. ނަމަވެސް އޭގެފަހުން ކޮންމެ އަހަރަކު ވެސް މިމުބާރާތް އަންނަނީ ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ