ކަރަންޓު ކޭބަލްތައް ވަގަށް ނެގުމުން ހުޅުމާލޭގެ ބައެއް މަގު ބައްތިތައް ނުދިއްލިފައި

ހުޅުމާލޭ ފޭސް އެކެއްގައި ވަޅުލާފައި ހުރި ކަރަންޓު ކޭބަލްތަކެއް ބުރިކޮށްގެން ވަގަށް ނެގުމާ ގުޅިގެން ބައެއް މަގު ބައްތިތައް ނުދިއްލޭ ކަމަށް އެޗްޑީސީން ބުނެފި އެވެ.
ވީ ކިހިނެއް؟ - ކޭބަލްތައް ވަގަށް ނެގުމާ ގުޅިގެން ސެންޓްރަލް ޕާކު ސަރަހައްދުގެ ބައެއް މަގުތައް އަނދިރިވެފައިވާއިރު، އެޗްޑީސީގެ އޮޕަރޭޝަންސް ޓީމްތަކުން ދަނީ މަގު ބައްތިތައް ދިއްލޭ ގޮތް ހަދަން އެ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންނެވެ.
ބުނީ ކީކޭ؟ - ކޭބަލްތައް ވަގަށް ނެގުމާ ގުޅިގެން އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރު ވިދާޅުވީ މިހާރު މި ވައްކަން ވަރަށް އާންމުވެފައިވާ ކަމަށާއި ފުލުހަށް ހުށަހަޅައިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
"މިހާރު ވަރަށް އާންމުކޮށް ކުރަމުން އަންނަ ކަމެއް، ކަޅު ބާޒާރުގައި ވިކޭތީ ކަމަށް ބޮޑަށް ބެލެވެނީ،" މަޝާރު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް މިފަދަ މައްސަލަތަކެއް ފެންމަތިވެ، އެޗްޑީސީން ވަނީ ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފަ އެވެ.
ގުޅުން ހުރި ކަމެއް - ހުޅުމާލޭ ފޭސް ދޭއްގައި ހިޔާ ފްލެޓުތަކަށް ކަރަންޓު ދޭން ގެނައި ކޭބަލްތަކެއް ވަގަށް ނެގި މައްސަލައެއް ވެސް މިދިޔަ އަހަރުގެ ތެރޭގައި ފެންމަތިވި އެވެ. އެފަހަރު އެކަން އެޗްޑީސީގެ ސަމާލުކަމަށް އައީ ކުންފުނީގެ އިންޓާނަލް އޮޑިޓަކުންނެވެ. އެޗްޑީސީގެ މުވައްޒަފެއްގެ ބައިވެރިވުން އޮތް ކަމަށް ޝައްކުކުރެވޭތީ އެ ކުންފުނިން އެ މައްސަލަ ތަހުގީގު ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ