ހަށިގަނޑުން މެގްނީޒިއަމް މަދުވުމުން ފެންނާނެ ބައެއް އަލާމާތްތައް

ހަށިގަނޑުން މެގްނީޒިއަމް މަދުވުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. މިއީ މާ ނުރައްކާތެރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކަށް ފާހަގަވެފައި ނެތް ނަމަވެސް މި މާއްދާ މަދުވުމަކީ ލޭގެ ޕްރެޝަރާއި ހަކުރު ހުންނަންވާ މިންގަނޑު ހަމައަކަށް އެޅުމުގެ އިތުރުން މަސްތަކާއި ނާރުތަކުގެ މަސައްކަތަށް ބުރޫއަރާ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ހަށިގަނޑުން މެގްނީޒިއަމް މަދުވުމުން ފެނިދާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި ހާސްކަން އިތުރުވުމާއި، މަސްތަކުގައި ރިއްސުން ނުވަތަ ވާންވުން، އަތްފައި އައްސިވުން އަދި ބޮލުގައި ރިއްސުން ހިމެނެއެވެ. މެގްނީޒިއަމަކީ ހަށިގަނޑުގެ މަސްތަކުގެ މަސައްކަތާއި، ނާރުތަކުގެ ސިގްނަލްތައް ފޮނުވުމުގެ އިތުރުން އާންމު ދުޅަހެޔޮކަމަށްޓަކައި ހަށިގަނޑުގައި ހިނގާ އެތައް ސަތޭކަ މަސައްކަތެއްގައި ބައިވެރިވާ މުހިންމު މާއްދާއެކެވެ. މި މާއްދާ އަކީ ހަށިގަނޑުގެ އެކި ނިޒާމުތަކަށް ނުފޫޒު ފޯރުވާ އެއްޗަކަށް ވާތީ، މީގެ މިންވަރު ދަށްވުމުން ފެންނަ އަލާމާތްތަކަކީ ކާނާގެ މާއްދާއެއް މަދުވުމުން ދިމާވާ ކަމެއްކަން ގިނަ ފަހަރަށް މީހުންނަށް ދެނެގަންނަން އުނދަގޫވެއެވެ. މެގްނީޒިއަމް ގިނައިން އެކުލެވޭ ކާނާގެ ތެރޭގައި، ތޮޅިއާއި ތޮޅިއޮށް، ބޯވެލިފަތް ފަދަ ފެހިކުލަ ގަދަ ފަތުގެ ބާވަތްތައް، ނުކަނޑާ ހުންނަ ގޮވާން، ބަދަން، ދޮންކެޔޮ، އަދި އެޕްރިކޮޓް އާއި ފެހިކުލަގަދަ ފަތް، ފެހިކަން ގަދަ ތަރުކާރީ، އަދި ކިރުގެ ބާވަތްތައް ހިމެނޭ-ފޮޓޯ/އިންސްޓަގްރާމް އިންޑިއާގެ ތަޖުރިބާކާރު ޑައިޓީޝަން ދީޕްޝިކާ ޖެއިން ދާދިފަހުން ވަނީ މެގްނީޒިއަމް މަދުވުމުން ފެނިދާނެ ތިން އަލާމާތެއް ފާހަގަކުރައްވާފައެވެ. ނަފްސާނީ ދުޅަހެޔޮކަމުގައި މެގްނީޒިއަމްގެ ދައުރާ ބެހޭގޮތުން ދީޕްޝިކާ ވިދާޅުވީ، ހަށިގަނޑުގައި ހުންނަ މެގްނީޒިއަމަކީ "ގާބާ" ކިޔާ ނިއުރޯޓްރާންސްމިޓަރެއްގެ މަސައްކަތަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. މިއީ އިންސާނާ ހަމަޖެހިލައިގެން ހުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ހަށިގަނޑުން މެގްނީޒިއަމް މަދުވުމުން މި މަސައްކަތަށް ބުރޫއަރައި، ހިތް ތެޅުމާއި، ހާސްވުން އަދި ކުއްލިއަކަށް ބިރުގަތުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ. މީގެ އިތުރުން މަސްތަކުގެ މަސައްކަތުގައި މެގްނީޒިއަމް ބޮޑު ދައުރެއް އަދާކުރާތީ، ގިނަގިނައިން މަސްތައް ވާންވުމާއި އައްސިވާގޮތް ވުމަކީ ސަމާލުކަން ދޭންޖެހޭނެ ކަމެއް ކަމަށް ދީޕްޝިކާ ފާހަގަކުރެއްވިއެވެ. ބޮލުގައި ރިއްސުމާ މެގްނީޒިއަމްއާ ހުރި ގުޅުމާ ބެހޭގޮތުން ދީޕްޝިކާ ވިދާޅުވީ، ނާރުތަކުގެ މަސައްކަތާއި ލޭހިނގާ ނާރުތައް ކޮންޓްރޯލް ކުރުމުގައި މެގްނީޒިއަމް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. މެގްނީޒިއަމް މަދުވުމުން ޖެހޭ މައިގްރޭން ނުވަތަ ބޮލުގައި ރިއްސުމަކީ އަލިގަދަވުމުން އުނދަގޫވާ އަދި ވަކި ތަރުތީބަކުން ތަކުރާރުވާ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް އެހެންކަމުން، މިފަދަ އަލާމާތްތައް ފެންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށާއި، މެގްނީޒިއަމް ގިނަ ކާނާ ބޭނުންކުރުމުގެ އިތުރުން އެކަށީގެންވާ ސަޕްލިމަންޓެއް ބޭނުންކުރުމަށް ޑައިޓީޝަން ދީޕްޝިކާ ލަފާދެއްވާފައިވެއެވެ. ޑައެޓީޝަން އަދި ހަކުރުބަލީގެ މާހިރު ކަނީކާ މަލްހޯތުރާ ވިދާޅުވި ގޮތުގައި، ހާސްކަމާއި މަސްތައް ވާންވުން ފަދަ ކަންކަމަކީ އެތައް ބަލިތަކެއްގައި ފެންނަ އާންމު ކަންތައްތަކެކެވެ. ނަމަވެސް، މެގްނީޒިއަމް މަދުވުމުން ފެންނަ ހާއްސަ ބައެއް ސިފަތައް ހުރެއެވެ. މިސާލަކަށް، މަސްތައް ވާންވުން ރޭގަނޑު އިތުރުވުމާއި، ހަރަކާތްތެރިވެ އުޅޭ ވަގުތު ބޮޑުވުމާއި، ލޯ ތޮޅުމާއި ނުވަތަ މޫނުގެ މަސްތައް ތުރުތުރުލުން ހިމެނެއެވެ. ހަމައެހެންމެ، މެގްނީޒިއަމް މަދުވުމުން ޖެހޭ މައިގްރޭން ނުވަތަ ބޮލުގައި ރިއްސުމަކީ އަލިގަދަވުމުން އުނދަގޫވާ އަދި ވަކި ތަރުތީބަކުން ތަކުރާރުވާ ކަމެއް ކަމަށް ކަނީކާ މަލްހޯތުރާ ވިދާޅުވެފައިވެއެވެ. މެގްނީޒިއަމް މަދުވުމުން ހަށިގަނޑަށް އިހުސާސްވާ ހަލަބޮލިކަން ދެނެގަތުމަށްޓަކައި، ލޭގެ މެގްނީޒިއަމް ޓެސްޓަކީ ފެށުމަކަށް ރަނގަޅު ކަމެއް ނަމަވެސް، ގިނަ މެގްނީޒިއަމް ހުންނަނީ ލޭގެ ސެލްތަކުގެ ތެރޭގައި ކަމަށްވާތީ، "އާރްބީސީ މެގްނީޒިއަމް ޓެސްޓް" އަކީ މިއަށްވުރެ ސައްހަ މައުލޫމާތު ލިބޭނެ ޓެސްޓެއް ކަމަށް ކަނީކާ ފާހަގަކުރައްވައެވެ. މެގްނީޒިއަމް މަދުވުމުން ނިދި ފުރިހަމަ ކުރިޔަސް ވަރުބަލިކަން ނުފިލަނީ ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމުގައި މުހިންމު ދައުރެއް މެގްނީޒިއަމް އަދާކުރާތީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ކަނީކާ ފާހަގަކުރެއްވި ގޮތުގައި މެގްނީޒިއަމަކީ ހަމައެކަނި "ހަމަޖެހުމަށް" ބޭނުންވާ މާއްދާއެއް ނޫނެވެ. އެއީ ހަށިގަނޑުގެ 300 އަށްވުރެ ގިނަ އެންޒައިމްގެ މަސައްކަތްތަކުގައި ބައިވެރިވާ މާއްދާއަށް ވުމުގެ އިތުރުން، ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މެގްނީޒިއަމް މަދުވުމުން ނިދި ފުރިހަމަ ކުރިޔަސް ވަރުބަލިކަން ނުފިލަނީ މި ސަބަބާ ހުރެއެވެ. މީގެއިތުރުން، ހިތުގެ ވިންދު ބެހެއްޓުމާއި، ކެލްސިއަމް އަދި ޕޮޓޭސިއަމް ހަމަހަމަކޮށް ބެހެއްޓުމަށްވެސް މެގްނީޒިއަމް އެހީތެރިވެއެވެ. އަދި މެގްނީޒިއަމް މަދުނަމަ، ވިޓަމިން ޑީ ސަޕްލިމަންޓް ބޭނުންކުރިޔަސް އޭގެ އެދެވޭ ނަތީޖާއެއް ނުފެންނާނެތީ، ކަށީގެ ދުޅަހެޔޮކަމާއި، ހޯމޯން އުފެއްދުމާއި، ގޮހޮރުގެ ހަރަކާތްތަކަކީވެސް މެގްނީޒިއަމަށް ބަރޯސާވެފައިވާ ކަންކަމެވެ. ސަޕްލިމަންޓް ގަތުމުގެ ކުރިން އަމިއްލަ ކާނާގެ އާދަތަކަށް ބަލައިލުމަށް ކަނީކާ ލަފާދެއްވައެވެ. ފަތްޕިލާވެލި، ބަރަބޯ އޮށް، ބަދަން، ކަޅު ކުލައިގެ ތޮޅި، ގްރެއިންސް އަދި ޑާކް ޗޮކްލެޓަކީ މެގްނީޒިއަމް ގިނަ ކާނާއެވެ. މިފަދަ ތަކެތި ގަވާއިދުން ކާނަމަ ސަޕްލިމަންޓް ބޭނުން ނުވެދާނެއެވެ. ސަޕްލިމަންޓް ބޭނުންކުރުން މުހިންމު ވަނީ ހަށިގަނޑަށް މާއްދާތައް ދަމައިގަތުމަށް ހުރަސްއަޅާ ބަލިތައް (މިސާލަކަށް ހަކުރުބަލި ނުވަތަ ގޮހޮރުގެ ބަލިތައް) ހުންނަ ހާލަތްތަކުގައެވެ. ކަނީކާ އިތުރަށް ވިދާޅުވީ، ސަޕްލިމަންޓް ބޭނުންކުރާނަމަ އޭގެ ބާވަތަށް ބެލުން މުހިންމު ކަމަށެވެ. އާންމުކޮށް ބޮޑެތި މީހުންނަށް ދުވާލަކު 200 އާއި 400 މިލިގްރާމާ ދެމެދުގެ މިންވަރެއް ފުދޭނެއިރު، ކިޑްނީގެ ބަލި ހުންނަ މީހުންނާއި އެހެނިހެން ބަލިތަކުގެ މީހުން، ސަޕްލިމަންޓް ބޭނުންކުރުމުގެ ކުރިން ކޮންމެހެންވެސް ޑޮކްޓަރެއްގެ ލަފާ ހޯދަންޖެހޭނެ ކަމަށް ކަނީކާ ވަނީ އިރުޝާދު ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ