ޑޮލަރު ނުލިބުން ހިމެނޭހެން ބީއެމްއެލްގެ ޚިދުމަތްތަކާމެދު ޝަކުވާ ކުރާތީ، ބެންކުގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށްދޭން އެދިއްޖެ
ޑޮލަރު ލިބުން ދަތިވުން ހިމެނޭ ގޮތަށް ގައުމީ ބޭންކު، ބީއެމްއެލްގެ ޚިދުމަތްތަކާ މެދު އާންމުންގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް އެ ބެންކުގެ އިސްވެރިން ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު އެދިވަޑައިގެންފިއެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ކުޑޫ ފޮނުއްވި ސިޓީއެއްގައި ވަނީ، ބީއެމްއެލްގެ ޚިދުމަތްތަކާ މެދު މި ފަހުން ރައްޔިތުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށެވެ. އެއް ކަމަކަށް ކުޑޫ ފާހަގަކުރެއްވީ، އެކި ބޭނުންތަކަށް ބީއެމްއެލްއިން ޑޮލަރު ލިބުން ދަތިވާ ކަމެވެ. މިގޮތުން، ޓޫރިޒަމްގެ ވިޔަފާރި ކުރާ ތަންތަނަށް ލިބޭ ބޭރު ފައިސާ މާރުކުރަން މަޖުބޫރުކުރި ގާނޫނަށް އަމަލުކުރަން ފަށައި، މުދާ އެތެރެކުރާ މީހުންނަށް ޑޮލަރުގެ ވަކި އިންސައްތައެއް ހަމަޖައްސައިދޭނެ ކަމަށް ބުނި ނަމަވެސް ޑޮލަރު ނުލިބޭ ކަމަށް ކުޑޫ ވިދާޅުވިއެވެ. ކުޑޫ: އޭނާ ވަނީ ޑޮލަރު ނުލިބުން ހިމެނޭހެން ބީއެމްއެލްގެ ޚިދުމަތްތަކާމެދު ޝަކުވާ ކުރާތީ، ބެންކުގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށްދޭން އެދިވަޑައިގެންފައި -- ފޮޓޯ/ މަޖިލިސް އޭގެއިތުރަށް، އާންމުކޮށް ބޭނުންކުރާ އީ ކޮމާސް ވެބްސައިޓުތަކާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭ ވެބްސައިޓުތަކަށް ޑޮލަރުގެ ވަކި ލިމިޓެއް ކަނޑައަޅާފައި ވުމުން ޕޭމަންޓުތައް ހެދުމަށް ހުރަސް އެޅިފައިވާކަން ކުޑޫ ފާހަގަކުރައްވާފައިވެއެވެ. މެންބަރުގެ ސިޓީގައި ތިން ވަނަ ކަމަކަށް ކިޔައިދެއްވި ގޮތުގައި، ގިނަ އަދަދެއްގެ ބަޔަކު ބޭނުންކުރާ ވެބްސައިޓުތަކާއި އެޕްލިކޭޝަންތަކުގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް ބޭންކުން ޕްރޮސެސްކޮށް ނުދޭތީ ޚިދުމަތްތައް ކެނޑުން ވަނީ އާންމުވެފައެވެ. އެ މައްސަލަތައް ދިމާވި ނަމަވެސް، އެ ކަންކަން ދިމާނުވާ ކަމަށާއި ރައްޔިތުންނަށް ބަރާބަރަށް ޑޮލަރު ފޯރުކޮށްދެމުން އަންނަ ކަމަށް ބުނެ ބީއެމްއެލްއިން ހަގީގަތް އޮޅުވާލަމުން އަންނަ ކަމަށް ކުޑޫ ތުހުމަތުކުރެއްވިއެވެ. އެހެންވެ، މެންބަރު ހުށަހެޅުއްވީ، އެ ކަމުގެ ހަގީގަތް ބަލައި، މައްސަލަ ހައްލުކުރުމަށް ބާރު އެޅުމަށް ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ބައްދަލުވުމެއް ވަރަށް އަވަހަށް އިންތިޒާމު ކޮށްދިނުމަށެވެ. އަދި، މައްސަލަ ކުރިއަށް ދާއިރު، ގާނޫނުން މަޖިލީހަށް ލިބޭ ބާރުގެ ދަށުން ބީއެމްއެލްގެ އިސްވެރިން އެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެ ސިޓީގައި އެދިފައިވެއެވެ. ރާއްޖޭން ބޭރުގައި ބީއެމްއެލްގެ ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ މިންވަރަށް މީގެ ކުރިން ލިމިޓުތައް ކަނޑައަޅައިފައި ވަނިކޮށް، މިދިޔަ މަހު ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭރަށް ގެންގޮސް ބޭނުންކޮށްގެން، ބޭރުގެ އޭޓިއެމްއާއި ޕީއޯއެސް މެޝިންގައި ޑޮލަރު މުއާމަލާތްތައް ނުކުރެވޭ ގޮތް ހަދަން ބީއެމްއެލްއިން ނިންމިއެވެ. https://sun.mv/222712 އެ ފިޔަވަޅުތަކާ މެދު ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވާއިރު، ބީއެމްއެލްގެ ޚިދުމަތްތަކާއި ނިންމުންތަކާ ގުޅިގެން އާންމުންގެ ފާޑުކިޔުން އެ ބެންކަށް ވަނީ އަމާޒުވެފައެވެ. އެ މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މި މަސް ނިމޭ ހިސާބުގައި، ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށް ބީއެމްއެލްއިން އިޝާރާތްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ