ޗައިނާގެ ކުރޫޒް ލައިނާ ”ވައިކިން ޔީދުން“ އަށް މަރުހަބާ ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ގުޅިގެން، ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާގެ ކުރޫޒް ލައިނާ ”ވައިކިން ޔީދުން“ އަށް މަރުޙަބާ ކިޔުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިއީ ޗައިނާގެ ކުރޫޒްލައިނާއެއް ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.
މާލޭގެ ރަސްމީ ފާލަން ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތަކީ، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ފުރިހަމަ މެހެމާންދާރީއާއި ސަގާފީ ރީތި އާދަކާދަތައް ދައްކުވައިދިނުމަށް އިންތިޒާމުކުރި ހަރަކާތެކެވެ. މި ކްރޫޒް ލައިނާއިން 732 ފަތުރުވެރިން ރާއްޖެ އައިއިރު، 486 ފަޅުވެރިން އެ އުޅަނދުގައި ތިއްބެވެ.
މި އުޅަނދުން އައި ފަތުރުވެރިންނަށް މަރުޙަބާ ކިޔާފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ”އެސްޓޭޓް ބޮޑުބެރު ގްރޫޕް“ ގެ ފޯރިގަދަ ހުށަހެޅުންތަކާއެކުގައެވެ. މި ރަސްމިއްޔާތުގެ ތެރެއިން ވިޒިޓް މޯލްޑިވްސްގެ ޓީމުން ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރާ ތަކެއްޗާއި ބްރޭންޑް އައިޓަމްތައް ހިމެނޭ ޓޯޓް ބޭގް ފަތުރުވެރިންނަށް ހަދިޔާކޮށްފައެވެ.
މި ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ސިންދަފާތުކުރުމަށާއި، ކުރޫޒް ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ތަރައްގީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިއީ ރާއްޖޭގެ ޔޮޓް އަދި ކުރޫޒް ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މާޔާއާއެކު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފަށާފައިވާ ފުޅާ މަސައްކަތްތަކުގެ ބައެކެވެ.
މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ޔޮޓް އަދި ކުރޫޒް ފަތުރުވެރިކަމަށް އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިން އަންނަ ނިސްބަތް އިތުރުކުރުމެވެ. މިއީ ބައިނަލްއަގުވާމީ މާކެޓުގައި ރާއްޖެއަށް އޮތް މަގުބޫލުކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ބެލެވެއެވެ.
”ވައިކިންގް ޔީދުން“ ބޯޓު މާލޭގެ 1 ނަންބަރު ފާލަން ކައިރީ ބަނދަރުކޮށްފައި އޮތުމަށްފަހު، ރާއްޖެއިން ފުރާފައިވަނީ މިއަދު އިރުއޮއްސި 18:00 ހާއިރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ