މޫސުމީ ބަދަލުތަކާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލް ލިބުމުގައި ހުރި ދަތިކަމުގެ ސަބަބުން، ކުރިއަށް އޮތް ތިން އަހަރުވެސް ބޭރަށް އެކްސްޕޯޓު ކުރެވޭ މިންވަރަށް އިންޑިއާއަށް ހަކުރު އުފެއްދުމުގެ ފުރުޞަތު ކުޑަކަމަށް ބުނެފިއެވެ.
އިންޑިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ހަކުރު އެކްސްޕޯޓު ކުރާ ޤައުމެވެ. ނަމަވެސް، އުފެއްދުންތެރިކަން ދަށަށް ދިޔުމުގެ ސަބަބުން، އެކްސްޕޯޓު ކުރެވޭ މިންވަރަށް ހަކުރު އުފެއްދުމުގައި އިންޑިއާއަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
އިންޑިއާއިން ދުނިޔެއަށް ހަކުރު އެކްސްޕޯޓު ކުރުން ހުއްޓުމަކަށް އައުމުގެ އަސަރު އޭޝިޔާ، މެދުއިރުމަތި އަދި އެފްރިކާގެ ޤައުމުތަކަށް ކުރާނެކަމަށް ތަޖުރިބާކާރުން ލަފާކުރައްވައެވެ.
އިންޑިއާގެ ވިޔަފާރިވެރިންނާއި، ދަނޑުވެރިންނާއި ސަރުކާރުގެ އެކި މަސްދަރުތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނީ، އުއްދަނޑި ލިބުން ދަތިވުމާއި ދަނޑުވެރިކަމުގައި ބޭނުންކުރާ މުހިއްމު ކެމިކަލެއް ކަމަށްވާ އެތަނޯލް ލިބުން ދަތިވުމުގެ ސަބަބުން، ކައިރި މުސްތަޤުބަލެއްގައި ބޭރަށް އެކްސްޕޯޓު ކުރެވޭ މިންވަރަށް ހަކުރު އުފެއްދުމުގެ ފުރުޞަތު ކުޑަ ކަމަށެވެ.
މިކަމުގެ ސަބަބުން، ދުނިޔޭގެ ހަކުރުގެ ވިޔަފާރީގައި އިންޑިއާއަށް ގިނަ ފުރުޞަތުތަކެއް ގެއްލިގެންދާނެކަމުގެ ކަންބޮޑުވުން ވެސް އެ ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.
އިންޑިއާއިން 2022 އާއި 2023 އާ ހަމައަށް އަހަރަކު އެވްރެޖްކޮށް 6.8 މިލިއަން މެޓްރިކް ޓަނުގެ ހަކުރު އެކްސްޕޯޓްކޮށްފައިވާއިރު، މިއީ ދުނިޔޭގެ ހަކުރުގެ ސަޕްލައިގެ ގާތްގަނޑަކަށް 10 އިންސައްތައެވެ.
ނަމަވެސް، މިއަހަރު ގާތްގަނޑަކަށް 800،000 ޓަނުގެ ހަކުރު އެކްސްޕޯޓް ކުރުމަށް ފަހު އިންޑިއާ އިން ވަނީ ސެޕްޓެމްބަރު 30 އާ ހަމައަށް ހަކުރު އެކްސްޕޯޓުކުރުން ހުއްޓުވައިފައެވެ.
އިންޑިއާއިން މި އަހަރު 30.95 މިލިއަން ޓަނުގެ ހަކުރު އުފައްދާނެ ކަމަށް ބެލެވުނު ނަމަވެސް، މިހާރު ލަފާކުރެވެނީ އެ އަދަދު 27.9 މިލިއަން ޓަނަށް ދަށްވާނެ ކަމަށެވެ. އެއީ އަހަރަކު ބޭނުންކުރާ ގާތްގަނޑަކަށް 28.5 މިލިއަން ޓަނަށް ވުރެ ދަށް އަދަދެއް ކަމަށް ސިނާއަތުގެ އަންދާޒާތަކުން ދައްކައެވެ.
މި ޙާލަތުގައި އިންޑިއާއަށް ފާއިތުވި 10 އަހަރުގެ ތެރޭގައި ހަކުރު އިމްޕޯޓު ކުރަންޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ތަޖުރިބާކާރުން ލަފާކުރައްވައެވެ.
އިންޑިއާއިން އެންމެ ފަހުން ހަކުރު އިމްޕޯޓުކޮށްފައިވަނީ، އަލްނީނޯގެ ސަބަބުން އުއްދަނޑީގެ ދަނޑުވެރިކަން ދަށްވެ، 2018ވަނަ އަހަރުގެ ތެރޭގައެވެ.
ކުރިއަށްއޮތް 3 އަހަރުވެސް އިންޑިއާއިން ހަކުރު އެކްސްޕޯޓުކުރުމުގެ ފުރުޞަތު ކުޑަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ