ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ 2028ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އެކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، 2028ގެ ރިޔާސީ ކެންޑިޑޭޓަކީ ހަމަ ރައީސް ޑރ. މުއިއްޒު ކަމަށާއި ޕާޓީގެ އެތެރޭގެ އިންތިހާބަކުން އެކަމަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
ސައީދު ވަނީ މިކަން ހަޖަމުކުރުމުގައި އިދިކޮޅު ބައެއް ފަރާތްތަކަށް ދަތިވާ ކަމަށް ވިދާޅުވެ، ރައްދު ދެއްވާފައެވެ. އެގޮތުން ޕާޓީގެ ރައީސް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމާއި، އެމަނިކުފާނުގެ ފަހަތްޕުޅުގައި ދިވެހިރާއްޖެއަށް ހަމަޖެހުމާއި ތަރައްގީ އަދި ކުރިއެރުން ގެނައުމަށް ރައީސް ކުރައްވާ މިތްނެތް މަސައްކަތްޕުޅުގައި ބައިވެރިވުމާއި، އެ އަމާޒުތައް ހާސިލްކުރުމުގައި އެ ވަގުތެއްގައި ހަވާލުކުރެއްވި ކޮންމެ މަސައްކަތެއް ކާމިޔާބުކަމާއެކު ކޮށް، ނަތީޖާ ނެރުމަކީ ޕާޓީގެ ހުރިހާ މެމްބަރުންނާއި ލީޑަރޝިޕްގެ ވިސްނުން ކަމަށް އޭނާ ވިދާޅުވިއެވެ.
”މިކަންކަން ހަޖަމުކުރުމުގައި ދަތިފުޅުވާ އިދިކޮޅު ބައެއް ފަރާތްތަކަށް ދަންނަވާލަން؛ ޕީއެންސީގެ 2028ގެ ރިޔާސީ ކެންޑިޑޭޓަކީ ހަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު. ޕާޓީގެ އެތެރޭގެ އިންތިހާބަކުން އެކަމަކަށް ބަދަލެއް ނާދޭ،“ ސައީދު
އޭގެ އިތުރުން، ރައީސް މުއިއްޒުގެ ލީޑަރޝިޕުގައި ޕާޓީ ބޮޑުވެ އިތުރަށް ވަރުގަދަވެ މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން ރައީސް ޑރ. މުއިއްޒުގެ ގާބިލް ލީޑަރޝިޕްގެ ސަބަބުން ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި އެންމެ ގިނަ ދަރަނި ދައްކައިދީ، އެންމެ ގިނަ ބިން ހިއްކައިދީ، އެއްފަހަރާ އެންމެ ގިނަ މަޝްރޫއު މުޅި ރާއްޖޭގައި ހިންގައިދޭ ޕާޓީއަކީ ޕީއެންސީ ކަމަށާއި މިވަރުން އިދިކޮޅު ފަރާތްތަކަށް ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޕާޓީކަމާ މެދު ޝައްކު ނުކުރުމަށް އޭނާ އެދިވަޑައިގަތެވެ.
ރާއްޖޭގެ ސިޔާސީ ހާލަތަށް އަލިއަޅުއްވާލައްވާ ސައީދު ވިދާޅުވީ، ރާއްޖެއަށް މިވަގުތުވެސް އޮތް ސިޔާސީ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު އިދިކޮޅު ޕާޓީއެއް ނެތުން ކަމަށެވެ. އަދި އިދިކޮޅު ލީޑަރުންގެ ތެރޭގައި މިހާރު އުފެދިފައިވާ ޑިމޮކްރެޓްސް އެމްޑީޕީ، ޕީއެންއެފް ކޯލިޝަންގައި ވެރިއެއް ނުފެނި ދަނީ ”ޗޮކުން“ ކަމަށާއި އިދިކޮޅު ޕާޓީތަކުގެ ތެރޭގައި ފެންނަނީ ނަފްރަތާއި ކެހިވެރިކަންކަމުގައި އޭނާ ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގައި އެންމެ މެންބަރުން ގިނަ ޕާޓީއަކީ ޕީއެންސީ ކަމަށާއި މިވީ ކުރު މުއްދަތުން އެންމެ ގިނަ އިންތިޚާބު ކާމިޔާބުކުރި ޕާޓީއަކީވެސް ޕީއެންސީ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ އެންމެ ބޮޑު ސުޕަމެޖޯރިޓީ ހޯދި ޕާޓީއަކީވެސް ޕާއެންސީ ކަމަށާއި ޕާޓީގެ މެމްބަރުންނާއި ލީޑަރޝިޕާއި ޕީޖީ އަދި ޕާޓީގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންގެވެސް އޮތީ އެއް ވިސްނުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސައީދު މިހެން ވިދާޅުވެފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފަކަށް ހުންނެވި އަހުމަދު މުސްތަފާ އެކްސްގައި އިއްޔެ ވިދާޅުވެފައިވަނީ ރައީސް މުއިއްޒު އަތުން ރިޔާސީ ޓިކެޓު އަތުލުމުގެ މަސައްކަތް ޕީއެންސީގެ ތެރެއިން ފަށާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ރައީސް މުއިއްޒު ލީޑަރޝިޕްގެ ބައެއް ބޭފުޅުންނަށް ގުޅުއްވައިގެން ޕްރެޝަރުކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
2028ގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ރައީސް ޑރ. މުއިއްޒު: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ