ބ. އޭދަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ %54 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ބ. އޭދަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމި، މުޅި މަޝްރޫއުގެ 54 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ކެޕިން ބީމް ކޮންކްރީޓް ކުރުމުގެ މަސައްކަތްތައް ކަމަށެވެ. މި މަސައްކަތަކީ ބަނދަރުގެ އެއްގަމުތޮށީގެ ވަރުގަދަކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 28,304 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 3,354 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 402 މީޓަރުގެ އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 383 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
އޭދަފުށީ ބަނދަރު ތަރައްގީ ކުރުމުގެ ތެރެއިން އިތުރު ވަސީލަތްތައް ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 18 މީޓަރު ދިގު ދެ މީޓަރު ފުޅާ ބްރިޖެއް ހެދުމުގެ އިތުރުން، 1,814 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި މޫރިން ބޯއީސް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މި މަޝްރޫއަކީ ސަރުކާރުން 64.67 މިލިއަން ރުފިޔާއަށް، 450 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ބަނދަރު ނިމުމުން އޭދަފުށީގެ ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ