އިރާދަކުރެއްވިއްޔާ ދެން އަންނާނީ ޕީއެންއެފްގެ ވެރިކަމެއް ކަމަށާއި ރާއްޖޭގެ އެސެޓުތައް ވިއްކާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޔާމީންގެ ޕާޓީ، ޕީއެންއެފްގެ ޖަލްސާގައި ރޭ އެ މަނިކުފާނު ވިދާޅުވީ އެންމެ ހިތްހަމަނުޖެހޭ ކަމަކީ ރާއްޖޭގެ ވެރިކަމަށް އަންނަ މީހުން، އޭގެ ކުރީގެ ވެރިކަންތަކުގައި ތަރައްގީކޮށްފައި ހުންނަ ގައުމީ ތަރިކައިގެ ގޮތުގައި ބެލެވޭ ބޮޑެތި ކެޕިޓަލް އެސެޓުތައް ވިއްކާލުން ކަމަށެވެ.
ތަފްސީލް - އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް އެކަން ކޮށްފައިވާ ކަމަށާއި ގައުމުގެ ކެޕިޓަލް އެސެޓުތައް ވިއްކުމަކީ "އެމްޑީޕީ ވެރިކަމާ ވަރަށް ދޯޅު ކަމެއް" ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެއް ސަރުކާރެއްގައި އެއާޕޯޓު ވިއްކާލީ. އަޅުގަނޑުމެންގެ ދަތުރުފަތުރުގެ ދޮރު ބަންދުކޮށްލީ. އަޅުގަނޑުމެން 1970ގެ އަހަރުތަކުގެ ތެރެއަށް އެ ދިޔައީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ދިރާގުގެ ހިއްސާ ކޭބަލް އެންޑް ވަޔަލެސްއަށް ވިއްކުމަކީ ވެސް ބައެއްގެ ތެރެއިން ނޫނީ މުވާސަލާތުގެ އެއްވެސް ކަމެއް ނުކުރެވޭ ގޮތް ހެދުން ކަމަށް ޔާމީން ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މައި އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ދިނުމަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވީ އެއާޕޯޓަކީ ރަންވަޅެއް ކަމަށާއި އެތަނުން ދަރަންޏެއް ނުއުފެދޭނެ ކަމަށެވެ. ޖީއެމްއާރުގެ އަތުގައި އެއާޕޯޓު އޮތް ކުޑަ ދުވަސްކޮޅު ތެރޭ ދިވެހިންނަށް، ދިވެހިންގެ އެއާޕޯޓުކަމެއް އިހުސާސް ވެސް ނުވި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ދެވަނަ ވެރިކަމުގައި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ބޮޑު ކަނޑެއް ވިއްކާލީ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެ މަނިކުފާނު އެ އިޝާރާތް ކުރެއްވީ ޗާގޯސް މައްސަލަ އަށެވެ.
"ދެން މި ސަރުކާރުގައި، މި ޕީއެންއެފްގެ ޖަލްސާތަކުގައި އަޅުގަނޑުމެން އެހާ ވަރަށް ހަޅޭއްލަވައިގެން ކަންނޭނގެ އަދި ހިފެހެއްޓިފައި މި އޮތީ. އަޅުގަނޑުމެންގެ ޕޯޓު ވިއްކާލަން މަސައްކަތްކޮށްފި އެތައް ފަހަރަކު. އެހެންވީމާ ލީޑަރުންނަށް އަންނަ މީހުންނަށް މި ވަނީ ކީއް ހެއްޔޭ؟ އެ މީހުން އަމިއްލައަށް ތަނެއް ބިނާކުރަންވީ ނުންތޯ؟ އެ މީހުން ބިނާކޮށްފައި، ތިން ހަތަރު ޕޯޓު ހަދާފައި އެތަނުން އެއްޕޯޓު ވިއްކާލަން ވީނުންތޯ؟،" ޔާމީން ވިދާޅުވި އެވެ.
ޕޯޓު ބޭރު ބަޔަކަށް ވިއްކާލައިފި ނަމަ، ދެން ޖެހޭނީ އެތަން ހިންގާ ބަޔަކު ބުނާ އަގެއް ދީގެން މުދާ އެތެރެކުރަން ކަމަށް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ބޮޑެތި ބިނާތައް ނުހެދިގެން އެ ވާހަކަ ދެއްކުމަށް ވުރެ ގައުމުގެ އެސެޓުތައް ވިއްކުން މާ ގޯސް ކަމަށެވެ.
"ދެން އަންނާނީ ޕީއެންއެފްގެ ވެރިކަމެއް. އަޅުގަނޑުމެން ދުރާލާ މި ގެންނަން އުޅޭ މީހުންނަށް މި ބުނަނީ ވިއްކާ މީހުންގެ މައްސަލަތައް އަޅުގަނޑުމެން ބަލާނަމޭ. އެ މީހުންނަކަށް ނުތިބެވޭނެ މަޑަކުންނެއް،" ޔާމީން ވިދާޅުވި އެވެ.
"ވިއްކަނީ ކިތަންމެ ބޮޑު މީހެއް ނަމަވެސް، އޭނާގެ އާއިލާ ކިތަންމެ ބޮޑު ނަމަވެސް، އެ މައްސަލަ ބަލާނަން. އަދި ދަށް ގޮހޮރުގައި އެ ފައިސާ ހުރި ނަމަވެސް އަޅުގަނޑުމެން އެ ފައިސާ ހޯދާނަން."
ޔާމީން ވިދާޅުވީ މީގެ ކުރިން ޖީއެމްއާރަށް އެއާޕޯޓު ދިނުމުން އެތަން އަލުން ހޯދީ ބަދަލު ދީގެން ނަމަވެސް ދެން ވިއްކާލާ އެސެޓުތައް ހޯދާނީ ބަދަލެއް ވެސް ނުދީ ކަމަށެވެ.
"ރާއްޖޭގައި ހުންނާނީ ރާއްޖޭގެ ވެރިކަމުގެ ބާރު ހިނގާ ތަންތަން. އެތަންތަން އަޅުގަނޑުމެން އަތުލާނަން. ބޭރު މީހުން ޖެހޭނީ އެ މީހުންނަށް އެތަން ވިއްކި މީހުމްގެ އަތުން ލާރި ހޯދަން. ދިވެހި ސަރުކާރަކުން އެއަށް ބަދަލެއް ވެސް ނުދޭނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ މަނިކުފާނަށް ދެން ވެރިކަމަށް ކުރިމަތިނުލެވޭނެ ކަމަށް ސަރުކާރުގެ ތެރެއިން ބައެއް މީހުން ބުނަމުންދާ ކަމަށާއި "އެއީ އިރާދަކުރެއްވިއްޔާ ވާނެ ކަމެއް ނޫން" ކަމަށެވެ.
ދެން އަންނާނީ ޕީއެންއެފްގެ ވެރިކަމެއް؛ ވިއްކާފައި ހުރި އެސެޓުތައް އަތުލާނަން: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ