ދޭން ނުޖެހޭ އެތައް މިލިއަނެއް ޔޫމެޓް ކޮންސްޓްރަކްޝަނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިން: އޮޑިޓު

ކުރެންދޫ ބަނދަރު ހެދުމުގެ އެއްބަސްވުން ބާތިލުކުރުމާއި ގުޅިގެން ބަދަލުގެ ގޮތުގައި ޔޫމެޓް ކޮންސްޓްރަކްޝަންއަށް ދޭންޖެހޭ ވަރަށް ވުރެ 23.23 މިލިއަން ރުފިޔާ އިތުރަށް ދީފައިވާކަމަށް އޮޑިޓާރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ސެޓެލްމެންޓު އެއްބަސްވުމާއި ގުޅިގެން ޔޫމެޓް ކޮންސްޓްރަކްޝަނަށް ދޫކުރި ފައިސާއާއި ގުޅޭ ހާއްސަ އޮޑިޓު ރިޕޯޓުގައިވާގޮތުން ކުރެންދޫގެ ބަނދަރު ހެދުމަށްޓަކައި ވޯކްސް ކޯޕަރޭޝަން އަދި ޔޫމެޓް ކުންފުނި ދެމެދު ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހެދިފައިވަނީ 2011 ވަނަ އަހަރުގައިކަމަށެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ތެރޭގައި އެއްބަސްވުން ބާތިލުކުރުމުން 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ނިންމާފައިވާ ގޮތުގެމަތިން ހައުސިންގް މިނިސްޓްރީ ދެމެދު އެއްބަސްވުމެއް ގާއިމުކޮށް 26 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައިވާކަމަށެވެ.
ނަމަވެސް އެ ކުންފުނިން ހުށައެޅި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގއަި ހޯދަން އެދުނު އަދަދުގެ ތެރެއިން ނަގައިދޭންޖެހޭ މާލީ ބަދަލުގެ އަގަކީ 2.77 މިލިއަން ރުފިޔާކަމަށާއި އެހެންކަމުން ދޭންޖެހޭ މިންވަރަށްވުރެ އިތުރަށް 23.23 މިލިއަން ރުފިޔާ ދީފައިވާކަމަށް އޮޑިޓުން ބުނެފައިވެއެވެ.
އެއްބަސްވުމުގައި ހިމެނޭ މަސައްކަތުގެ މުގާބިލުގައި ލިބެންޖެހޭ ފައިސާގެ ގޮތުގައި ޔޫމެޓް ކޮންސްޓަރަކްޝަންއިން 13.41 މިލިއަން ރުފިޔާ ހޯދުމަށް ހުށައެޅުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ފައިސާ ނަގައިދީފައިވާކަމަށްވެސް އޮޑިޓުން ހާމަކޮށްފައިވެއެވެ. އަދި އެއީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެއްބަސްވި ޖުމުލަ އަދަދުގެ ތެރެއިން ކުރި މަސައްކަތްތަކަށް ދީފައިވާ 7.69 މިލިއަން ރުފިޔާ އުނިކުރުމުން ބާކީވާ އަދަދުކަމަށް ބުނެފައިވާއިރު އެއީ އެހާތަނަށް ކޮށްނިންމާފައިވާ މަސައްކަތްތަކެއްގެ މުގާބިލުގައި ދޭންޖެހޭ ފައިސާއެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ނަގައިނުދެވޭނެކަމަށް ޝަރުއީ ކޯޓުތަކުން ކަނޑައަޅާފައިވާ އަދަދުތައް ހިމަނައިގެން ގެއްލުމުގެ ބަދަލު ދީފައިވާކަން ފާހަގަކުރެވިފައިވާކަމަށް ބުނެފައިވާއިރު ނުކޮށްހުރި މަސައްކަތްތަކުގެ އަގަށްވާ ފައިސާ ދައުރުކޮށްގެން ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ އަދަދުވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދީފައިވާކަން ފާހަގަކުރެވުނުކަމަށް ރިޕޯޓުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ