ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ މާކްސް ސިއްރު!

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނަށް ލިބިވަޑައިގެންނެވި މާކްސްތައް ސިއްރު ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.
އެ މައުލޫމާތު ހޯދުމަށް ނޫހަކުން ހުށަހެޅުމުން ޖޭއެސްސީން ދިން ޖަވާބުގައި ބުނެފައިވަނީ، އެ މައުލޫމާތު ފޯރުކޮށްދެވެން ނެތީ ވަކިވަކި ބޭފުޅުންނަށް ލިބިފައިވާ މާކްސްއަކީ އެ ފަރާތްތަކުގެ ޒާތީ މައުލޫމާތަށް ވާތީކަމަށެވެ.
ސުޕްރީމް ކޯޓުގެ މި ދެ މަޤާމު ހުސްވެފައިވަނީ ސުލޫކީ މައްސަލައެއްގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ. މި މަޤާމުތަކަށް ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި ޖުމްލަ 12 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.
އެ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު ޖޭއެސްސީން ނިންމީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ފެންނަކަމަށް ރައީސަށް ލަފާ ދިނުމަށެވެ. އެގޮތުގެ މަތިން ރައީސަށް ލަފާ ދެއްވައި، އަދި ރައީސްގެ ފަރާތްޕުޅުން މަޖިލީހަށް ނަންތައް ހުށަހަޅުއްވައި އެބޭފުޅުން މިހާރު ވަނީ ސުޕްރީމް ކޯޓުގެ ބެންޗަށް ހޮއްވަވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސުންގަޑި ހަމަވިއިރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މިހާރު ރައީސް އަބްދުލްޣަނީ މުހައްމަދު، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ހިމެނިވަޑައިގަންނަވައެވެ.
މީގެއިތުރުން ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހުމަދާއި، ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތުގެ އިތުރުން، ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ އަހުމަދުގެ އިތުރުން ގާނޫނީ ވަކީލް އަދި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި އިތުރު ގ. އަންމޯލް އިބްރާހިމް އަލީ އަދި ގއ. ކޮނޑޭ ދާރުއްސަލާމް މުހައްމަދު އިބްރާހިމް ވަނީ ކުރިމަތިލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ