އެމްޑީޕީން އެހެން ކެންޑިޑޭޓެއް ދެއްކިނަމަ، ރިޔާސީ އިންތިހާބު ކާމިޔާބުވީސް: ރައީސް ނަޝީދު

2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނު އެންމެ ބޮޑު ސަބަބަކީ، ކާމިޔާބު ނުކުރެވޭނެކަން އެނގިތިބެ ޕާޓީގެ ވައުދުތައް ނުފުއްދޭނެ ކެންޑިޑޭޓެއް ނެރުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވެސް ވާދަކުރެއްވި ރައީސް ނަޝީދު މިހެން ވިދާޅުވީ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުރައިދޫއަށް ވަޑައިގެން އެ ރަށުގެ އާންމު މެމްބަރުންގެ ފަރާތުން އަމާޒުވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މި ބައްދަލުވުންތަކުގައި ރައީސް ނަޝީދަށް އެންމެ ގިނައިން އަމާޒުވާ އެއް ސުވާލަކީ ޕާޓީއަށް ރިޔާސީ އިންތިހާބު ގެއްލުނުއިރު ރައީސް ނަޝީދު ވެސް ޕާޓީން ވަކިވެވަޑައިގަތުމެވެ. މުރައިދޫގެ ބައްދަލުވުމުގައި ވާހަކަ ދެއްކި އާންމު މެމްބަރަކު ބުނީ 2018 ގައި އެ މީހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދިނީ، ރައީސް ނަޝީދުގެ އެދުމަށް ކަމަށެވެ.
އެދުވަހު އެއީ އެއްވެސް ތާއީދެއް ނެތް ބޭފުޅެއް ނަމަވެސް، މިއަދު އެކަމުގެ ސަބަބުން ޕާޓީގައި ރައީސް ސޯލިހަށް ތާއީދު ކުރާ ބަޔަކު އެބަތިބިކަމަށް އޭނާ ބުންޏެވެ. އަދި ބުނީ 2023 އިންތިހާބު ގެއްލުނު ސަބަބަކީ ކޮބައިތޯ އެނގެން އެ މެމްބަރުން ބޭނުންވާ ކަމަށެވެ.
ޖަވާބުގައި ރައީސް ނަޝީދު ވިދަޅުވީ، ރާއްޖޭގެ ޑިމޮކްރަސީގެ ތާރީހަށް ބަލާއިރު ދިގު 30 އަހަރުގެ ވެރިކަމަކަށް ފަހު ދެން ފެންނަމުން މި ދަނީ ކުރު ވެރިކަންތަކެކެވެ. އެއީ ރައްޔިތުން ދައުރުތަކުގެ މެދުން ސަރުކާރާއި މެދު ހިތްނުތަނަވަސްވެ، އެ ސަރުކާރެއް ބަދަލު ކުރުމަށް ބޭނުންވާތީކަމަށް ރައީސް ނަޝިދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް، ދެވަނަ ދައުރެއް ލިބުމުން ހުދުމުހުތާރު ވެރިކަމެއް ފެށިގެން ގޮސްދާނެކަމަށް ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އޮންނަ ކަމަށެވެ.
އަދި އަޅުގަނޑުމެންގެ ތެރޭގައި ބައެއްގެ ވަރަށް ބޮޑު ބިރުވެރިކަމެއް އޮވޭ ދެވަނަ ދައުރެއް ލިބިވަޑައިގެންފިއްޔާ ދެން މި ހުދުމުހުތާރު ވެރިކަމަކަށް ދިވެހިރާއްޖެ އަނެއްކާވެސް މިސްރާބު ޖަހާފާނެ ކަމަށް.
ގައުމުތަކުގެ ސިޔާސީ މަސްރަހަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ވެރިކަން ފުރޮޅިގެން ދާތީ އެކަމަށް އެފަދަ ބައެއް ގައުމުތަކުން އެމަނިކުފާނާއި މަޝްވަރާ ވެސް ކުރާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންވެ ރާއްޖޭގެ ހާލަތާއި ގުޅުވައި ވިދާޅުވީ އެމަނިކުފާނުގެ އެނަލިސިސްގައި 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ނޫން އެހެން ކެންޑިޑޭޓެއް އިހުތިޔާރު ކުރިނަމަ ވެރިކަން އެމްޑީޕީއަށް ލިބުނީސް ކަމަށެވެ.
މިސާލެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގައި ތިބެ އެމްޑީޕީއަށް 39 އިންސައްތަ ލިބުނުއިރު، ވެރިކަމުގައި ނެތި 2013 ގައި އެ ޕާޓީއަށް 48 އިންސައްތަ ލިބުނު ކަމަށެވެ.
ރައީސް ނަޝީދު ވިދަލުވީ އެމްޑީޕީއަށް ލިބުނު ގެއްލުމުގެ ޒިންމާ އެންމެން ނަގަން ޖެހޭކަމަށާއި، އެމަނިކުފާނު ވެސް ޕާޓީން ވަކިވުމުން އަސަރު ކުރިކަން ގަބޫލު ކުރާކަމަށެވެ. އަދި މިއަދު ޕާޓީއަށް އެނބުރި އައި ކާމިޔާބީ ހޯދައިދޭންކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ޕީއެންސީއަކީ ސިޔާސީ ގޮތުން ކުރިއަރާފައިވާ ޕާޓީއެއް ނަމަ، ކުރިޔަށް އޮތް އިންތިހާބަށް ރައީސް މުއިއްޒަކީ ކެންޑިޑޭޓެއްގެ ގޮތުގައި ނުބަލާނެކަމަށެވެ. އޭގެ ސަބަބަކީ ރައީސް ނަޝީދު ވިދާޅުވި ގޮތުން 2023 ގެ ޓިކެޓު ވެސް ސެނެޓުގެ އެންމެ ދެ ވޯޓުގެ ތަފާތުން އެމަނިކުފާނަށް ލިބިވަޑައިގަތުމެވެ.
އެހެންކަމުން ރައީސް މުއިއްޒަކީ ކެންޑިޑޭޓު ނަމަ، އެމަނިކުފާނު އިންތިހާބުން ބަލި ކުރަން ވަރަށް ފަސޭހަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ