ގްރޭޓާ މާލެ ސަހަރައްދުން ޖުމްލަ 16 ސްކޫލެއް ބައިވެރިވި އިންޓަ ސްކޫލް ޓޭބަލް ޓެނިސް މުބާރާތުގައި، 143 ކުދިން ވާދަކުރި އެވެ. އެ ގޮތުން، މި މުބާރާތުގައި 65 އަންހެން ކުދިންނާއި 78 ފިރިހެން ކުދިން ވާދަކުރިއިރު، ޖުމްލަ 685 މެޗު ވަނީ ކުޅެވުނުއިރު، ގިނަ ކުޅުންތެރިން ވަނީ ކާމިޔާބީ ތަކުރާރުކޮށްފަ އެވެ.
މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަަލަށް ހެންވޭރު މުނިއުފާ، މާލޭ ޓީޓީ ސެންޓަރުގައި ކުރިއަށްދިޔަ މުބާރާތުގައި، އައިޝަތު އަލްސާ ނާފިޒް، މުހައްމަދު ހަލަފް ރާފިއު، ޒީކް ހަސަން ލަތީފް އަދި މިޝްކާ މުހައްމަދު އިބްރާހިމް ވަނީ ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ.
އެ ގޮތުން، މިދިޔަ އަހަރު އިންޓަ ސްކޫލް، އެސޯސިއޭޝަން ކަޕް އަދި ގައުމީ މުބާރާތުގެ 13 އަހަރާއި 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އަލްސާ ވަނީ 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަމާއި އައިޝަތު މަލަކް ތާސީންއާ އެކު، އެ އުމުރުފުރާގެ އަންހެން ޑަބަލްސް ޗެމްޕިއަންކަމާއި 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް ތިން ވަނަ މަގާމާއި އެ އުމުރުފުރާގެ އަންހެން ޑަބަލްސް އިން މިޝްކާއާ އެކު، ޗެމްޕިއަންކަން ހޯދައިފަ އެވެ.
ހަލަފް ވަނީ، 15 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަމާއި 15 އަހަރުން ދަށުގެ ޑަބަލްސްގެ ރަނަރަޕްކަން އައްޔޫބް އިޒްކާން ސަލީމްއާ އެކު ހޯދައިފަ އެވެ. އަދި، 17 އަހަރުން ދަށުގެ އުމުރުފުރާއިން ހަލަފް ވަނީ ސިންގަލްސް ޗެމްޕިއަންކަމާއި ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. މި އުމުރުފުރާގެ ޑަބަލްސްގައި ހަލަފް ކުޅެފައިވަނީ، މަން އިސްމާއިލް މުހްތަބާއާ އެއް ޕެއާއެއްގަ އެވެ.
ނަވާރަ އަހަރުން ދަށުގެ މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ޒީކް ވަނީ، އެ އުމުރުފުރާގެ ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އެއީ، އަހުމަދު ރައްޔާން މުހައްމަދު އަނީސްއާ އެއް ޕެއާ އަކަށް ކުޅެގެންނެވެ. މި އުމުރުފުރާގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި މިޝްކާ ވަނީ، 17 އަހަރުން ދަށުގެ ސިންގަލްސް އާއި ޑަބަލްސް ޗެމްޕިއަންކަމާއި 19 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. މިޝްކާ، 17 އަހަރުން ދަށުގައި ކުޅުނީ، އަލްސާއާ އެއް ޕެއާ އަކަށެވެ. އަދި، 19 އަހަރުން ދަށުގެ ބައިގައި ކުޅުނީ، މަރިޔަމް މައީޝާއާ އެއް ޕެއާ އަކަށެވެ.
މުބާރާތުގެ 13 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ހޯދީ ފިރިހެން ކެޓަރަގަރީން ފާޒް އިމްޔާޒް ލަތީފް އެެވެ. އަދި، އަންހެން ކެޓަގަރީން އައިޝަތު މަލަކް ތާސީން އެވެ. ފަނަރަ އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ، މުހައްމަދު އާލް އިމްރާން އާއި މަން އިސްމާއިލް މުހްތަބާ އެވެ.
ޓީމު އިވެންޓް ކެޓަގަރީތަކަށް ބަލާއިރު، 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން، ހުރަވީ ސްކޫލުން ހޯދިއިރު، ފިރިހެން ޗެމްޕިއަނަކީ، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އެވެ. ފަނަރަ އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން، ގިޔާސުއްދީނުން ހޯދިއިރު، ފިރިހެން ޗެމްޕިއަނަކީ، އިސްކަންދަރު ސްކޫލް އެވެ. ސަތާރަ އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން، އިސްކަންދަރުން ހޯދިއިރު، އަންހެން ޗެމްޕިއަނަކީ، އަމީނިއްޔާ ސްކޫލް އެވެ. އަދި، 19 އަހަރުން ދަށުގެ ފިރިހެން ޑިވިޝަން ޗެމްޕިއަނަކީ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އެވެ.
އިންޓަ ސްކޫލް ޓީޓީ މުބާރާތް: އަލްސާ، ހަލަފް، ޒީކް އަދި މިޝްކާ އަށް ކާމިޔާބު މުބާރާތެއް އިންޓަ ސްކޫލް ޓީޓީ މުބާރާތް: އަލްސާ، ހަލަފް، ޒީކް އަދި މިޝްކާ އަށް ކާމިޔާބު މުބާރާތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ