ޣާޒާއިން ފަލަސްތީން ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ އެތައް ހާސް އަހަރެއްވި ޤައުމީ ހަޔާތުގައި ދިވެހި ކާބަފައިން އަޅުގަނޑުމެންނާ ހަވާލު ކުރި އެންމެ ދުވަސްވީ އަމާނާތަކީ ދިވެހި ދައުލަތުގެ ސިޔާދަތު ނުވަތަ ދިވެހީންގެ ކަންކަން ދިވެހީންގެ މަޞްލަޙަތާއި ސަލާމަތަށް ޓަކައި ދިވެހީން އަމިއްލައަށް ނިންމުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ކަމަށެވެ.
އެހެންކަމުން މިއަދާއި މާދަމާވެސް އަދި އަންނަން އޮތް ޒަމާންތަކުގައި ވެސް، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާންވާނީ ދިވެހި ދައުލަތުގެ ސިޔާދަތީ މިނިވަންކަމަށް ބުރޫ ނާރާނޭހެން ރާއްޖޭގެ އިޚްތިޔާރުގައި، ރާއްޖެއަށް ކުރިއެރުން ލިބޭ ހުރިހާ ޤައުމަކާ ގުޅުން ބަދަހިކުރެވޭގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.
''އަބަދުވެސް އަވަށްޓެރި ޤައުމުތައް މުހިންމު ވާނެ. ހަމައެއާއެކު ބައިނަލްއަޤްވާމީ ޞުލްޙައާއި، އަމާންކަމާއި ދިވެހި ޤައުމުގެ ކުރިއެރުމަށް މަގުފަހިވާ ގޮތަށް، ދެން ހުރި ޤައުމުތަކާއެކު ވެސް ގުޅިގެން މަސައްކަތް ކުރަންވާނެ.'' ރައީސް ވިދާޅުވިއެވެ.
ރާއްޖެ އަބަދުވެސް އިސްކުރާނީ އަމާންކަންކަމަށާއި، އެހެން ޤައުމުތަކުގެ ބިންތައް ހިފުމާއި، ފުރާނަޔަށް ގެއްލުންދިނުމާއި، އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް ދިވެހި ރާއްޖެ އެއްގޮތަކަށްވެސް ބަލައެއް ނުގަންނާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ގޮތުން އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ އެޕްލިކޭޝަނަށް ރާއްޖެއިން ތަދައްޚުލުވުމަށް ނިންމައި، ރާއްޖޭން ފާއިތުވި އަހަރު ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ހުށަހަޅާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޓަކާ، އ.ދ. އާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ދުނިޔޭގެ އެކި ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރު ދިވެހި ރައްޖޭން ކޯ ސްޕޮންސަރ ކުރިކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
''ޣާޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް. ޣާޒާއިން ފަލަސްތީން ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ. އަޅުގަނޑުމެން އަބަދުވެސް ވަކާލާތު ކުރާނީ 1967ގެ ކުރީގެ ބޯޑަރު ތަކަށް ތަބާވެ، އިރުމަތީ ޖެރޫސަލަމްއަކީ ފަލަސްތީންގެ ވެރިރަށްކަމުގައި ޤަބޫލްކޮށް، ފަލަސްތީންގެ ވަކި ދައުލަތެއް އުފެއްދުމަށް.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވަނީ، ވަކި ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީންގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދެއްވާނެކަން މިއަދު ވެސް ތަކުރާރުކުރަށްވާފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ޣާޒާއިން ފަލަސްތީން ރައްޔިތުން ބޭލުމަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ