ޒުވާނުންގެ މުޒާހަރާގައި ބައިވެރިވެ އެއްބާރުލުން ދޭން އެމްޑީޕީން ފާސްކޮށްފި ޒުވާނުންގެ މުޒާހަރާގައި ބައިވެރިވެ އެއްބާރުލުން ދޭން އެމްޑީޕީން ފާސްކޮށްފި

މާލޭގެ އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ ހައްގުގައި ޒުވާނުން ކުރަމުންދާ މުޒާހަރާގައި އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބައިވެރިވާން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި މިރޭ ނިންމައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ހޮވާފައިވާ ލީޑާޝިޕް ރެޕިޑް ރެސްޕޮންސް ޓީމް (އެލްއާރްއާރްޓީ) އިން އެދިގެން ބޭއްވި ކުއްލި ބައްދަލުވުމުގައި ޒުވާނުންގެ މުޒާހަރާއަށް ސަރުކާރުން ހުރަސްއަޅާކަން ފާހަގަކޮށް އެކަން ގައުމީ މަޖިލީހުގެ މެންބަރުން ވަނީ ކުށްވެރިކޮށްފަ އެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ޒުވާނުން ކުރިއަށް ގެންދާ މުޒާހަރާއަށް އެމްޑީޕީން ދޭން ޖެހޭ އެއްބާރުލުންދީ، އެ މުޒާހަރާގައި ޕާޓީގެ މެންބަރުން ބައިވެރިވުމަށް ގޮވާލައިފަ އެވެ.
"އަޅުގަނޑުމެންގެ ހައްގުތައް ހޯދާ ކަމަށްވަންޏާ ޕާޓީއަކުން ކުރި ކަމުގައިވިޔަސް، ވަކިވަކި ފަރުދުން ކުރި ކަމުގައިވިޔަސް ކޮންމެ ކަމަކީ ވެސް ސިޔާސީ ކަންކަން. ޒުވާނުންގެ މި ހަރަކާތަކީ ސިޔާސީ ޕާޓީއަކުން ހިންގާ ކަމެއް ނޫން،" ފައްޔާޒް ވިދާޅުވި އެވެ.
"އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް އޭގެ އަސަރު ކުރާނެ ގޮތްތަކަކަށް އެބޭފުޅުންގެ އެ އިހުތިޖާޖު ކުރުމާ ދޭތެރޭގައި ދައުލަތުން އަމަލުކުރަމުންދާއިރުގައި އަޅުގަނޑުމެންނަކަށެއް އެކަމާ ކަންބޮޑުނުވެ ތިބެވޭކަށެއް ނެތް. އަޅުގަނޑުމެން އެކަމަށް އަޑު އުފުލަންޖެހޭ."
އޭގެއިތުރުން ފައްޔާޒް ވިދާޅުވީ ޒުވާނުންގެ ފަރާތުން އެމްޑީޕީގައި އެދިފައި ވަނީ މުޒާހަރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބައެއް އާލާތްތައް ފޯރުކޮށްދީ، މުޒާހަރާގައި ބައިވެރިވުމަށް ކަމަށެވެ. އެގޮތުން އެކަން އެ ޕާޓީން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ތިބި ޒުވާނުންނާއި ރައްޔިތުން ޒުވާނުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަަށް ވެސް ފައްޔާޒް ވަނީ އެދިފަ އެވެ.
ޒުވާނުން މުޒާހަރާ ކުރަމުންދަނީ އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވައިލަ އެވެ. ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ލީޑުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އައިޝަތު ޝިމަން އަހުމަަދާއި އަބްދުﷲ މަހްޒޫމް މާޖިދު ވަނީ ހައްޔަރުކޮށްފަ އެވެ.
ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ހައްޔަރުކުރި ޝިމަން، 19، އާއި މަހުޒޫމް، 28، ދޫކޮށްލަން އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ. އަދި ޒުވާނުން ކުރަމުންދާ މުޒާހަރާއަށް ފުލުހުން ޖާގަ ދިނުމަށް ވެސް ގޮވާލި އެވެ.
މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކުރުމުން އެކަމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ