ހިތް ޔާރާ ދީބަލާ މިފަހަރު ރިޝްމީ އާއި އައްޒަ އާއެކު

މީގެ 17 ވަރަކަށް އަހަރު ކުރީން ދިވެހީންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ދިވެހި ލަވަ، އަނެއްކާ ވެސް މިއުޒިކް ވީޑިއޯއެއްގެ ގޮތުގައި މިއޮތީ އާންމުންނަށް ދޫކޮށްލާފައެވެ. މި ފަހަރު މިލަވަ އާންމުންނާ ހަމައަށް އައިސްފައިވަނީ މަޝްހޫރު ދެބެއިން ރިޝްމީ ރަމީޒާއި މަރިޔަމް އައްޒަގެ ނެށުމާއެކުގައެވެ. އެންމެ ފުރަތަމަ ސުނީދީ ޗޯހާން ފިލްމަކަށް ނެރުނު މި ލަވަ ދިވެހީންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދީ އެ ލަވައިގެ ދިވެހި ރެންޑިޝަން "ހިތް ޔާރާ ދީބަލާ" ނެރުމާ އެކުގައެވެ. މި ލަވަ ވެގެންދިޔައީ ދިވެހީންނަށް ވަރަށް ކަމުދިޔަ ލަވައަކަށެވެ. އެ ދުވަސްވަރު ޓީވީން އަބަދުވެސް މި ލަވަ ފެނެއެވެ. މިފަހަރު މި ފެންނަނީ ނިއުމާއެއް ނޫނެވެ. މިފަހަރު މި ފެނިގެންދަނީ އައްޒަ އާއި ރިޝްމީ އެކީގައި މި ލަވައަށް ނަށާ މަންޒަރެވެ. މިއީ ދެމީހުންގެ އިތުރުން ބޮޑު ކާސްޓަކާއެކުގައި ކުޅެފައިވާ ޝޯ "ޔާރާ"އަށް ކުޅެފައިވާ ލަވައެކެވެ. މި ލަވައިން ވެސް ޝޯގެ ކާސްޓުގެ ގިނަ މެމްބަރުން ފެނިގެން ދެއެވެ. މި ލަވައިގައި އޮރިޖިނަލް ނެށުމުގެ ސްޓެޕްތައް މި ތަރިންގެ ފަރާތުން ފެނެއެވެ. މި ލަވަ ޚާއްސަވަނީ ޝޯގެ ނަމާ މި ލަވަ ގުޅޭތީއެވެ. މި ލަވައަކީ އޮރިޖިނަލް ދިވެހި ލަވައިގެ އޯޑިއޯއެވެ. މި ލަވަ ކިޔާފައިވަނީ މަރިޔަމް އުނޫޝާއެވެ. ހިތް ޔާރާ ދީބަލާއަކީ ޝޯގެ އެންމެ ފަހު އެޕިސޯޑާ ގުޅުވާލާފައިވާ ލަވައެވެ. ބައިސްކޯފުން ގެނެސްދެމުން ދިޔަ ޔާރާ ޝޯގެ ހަތަރުވަނަ ސީޒަން ވަނީ މިއާއެކު ނިންމައިލައިފައެވެ. މިހާރު ޝޯގެ ހަތަރު ސީޒަންގެ ހުރިހާ އެޕިސޯޑެއް ބައިސްކޯފުން ސްޓްރީމް ކޮށްލެވޭނެއެވެ. ޔާރާއަކީ ރާއްޖޭގައި އެންމެ ބޮޑު ކާސްޓާއެކު ތައްޔާރުކޮށްފައިވާ ލޯބީގެ ޑްރާމާއެވެ. މި ޝޯގައި އެކި މީހުންގެ ތަފާތު ލޯބީގެ ވާހަކަތަކާއި އެކި ގުޅުންތަކުގެ މެދުގައި އުފެދޭ މައްސަލަތަކަށް އަލިއަޅުވާލައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ