ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހުން މިއަދު ނިންމުމާއި ގުޅިގެން އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ދެ ފަނޑިޔާރުން ވަކިކުރުމަކީ އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ހިންގި ޣައިރު ދުސްތޫރީ އަދި ޣައިރު ޤާނޫނީ އަމަލެކެވެ.
އަދި ރައީސް މުޢިއްޒުގެ ބާރު ހިނގާ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުން ވަކިކުރުމުގެ މަރުޙަލާތައް ކުރިއަށްގެންދިޔައީ ވެސް އަމަލުކުރަމުން އަންނަ އުސޫލުތައް މުގުރާލައި ޤާނޫނުތަކާ ޚިލާފަށް ކަމަށް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.
Advertisement
އެމްޑީޕީގެ ނޫސް ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ފިލްޒާ، މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ދެއްވި ލަފާގައި ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީން ބަލާފައިވަނީ ޤާނޫނާ ޚިލާފަށްކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން، ކޮމިޓީ މަރުޙަލާގައި ދެ ފަނޑިޔާރުންނަށް ވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަމަށާއި، އެ ފަނޑިޔާރުންގެ މައްޗަށް ކޮށްފައިވާ ”އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކުން“ ދިފާޢުވުމުގެ ޙައްޤުން މަޙްރޫމް ކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީން ވަނީ ފަނޑިޔާރުން ވަކިކުރުމުގެ އެންމެހާ ކަމެއް ކުރިއަށްގެންގޮސްފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އުސޫލުތަކާއި އިންސާފުގެ ހަމަތަކާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ކަމަށް ބުނެފައެވެ. އަދި މިއީ ރާއްޖޭގެ ޖުޑީޝިއަރީއަށް އޮތް އިތުބާރު އެއްކޮށް ގެއްލިގެންގޮސް، ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ޤައުމަށް ލިބޭނެ ކަމެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ފަނޑިޔާރުން ވަކިކުރީ އުސޫލްތަކާ ޚިލާފަށް؛ ރާއްޖެއަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވާނެ ކަމެއް: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ