ސަމާލު ވޭ! ނޭނގި ތިބެ ކުރެވޭ ބޮޑު މަނާ ކަމެއް!
ރޯދަ އަކީ ނިކަމެތީންގެ މަތިން ހަނދާން ކޮށްދީ އެ މީހުންނާ މެދު އޯގާތެރި ވެ އަޅައިލުމުގެ މަތިވެރި މަގުސަދު ވެސް އެކުލެވޭ އަޅުކަމެކެވެ (އައްޝަންޤީޠީ، 2007، އިބުނު ރަޖަބު، 1999). ނަމަވެސް ކެއިންބުއިމުގައި އެ މީހުންނާ މެދު އެއްވެސް ފަރުވާލެއް ނުބަހައްޓައި، "މުޅި ބާޒާރު ހުސް ކޮށްލައިގެން" ކާބޯ ތަކެތީގެ ފުނިވަރުތައް ގެއަށް ވެއްދުމުން، ނިކަމެތީންނާ މެދު އެ ވެވެނީ ވަރަށް ބޮޑު އިހުމާލެކެވެ. އެއީ އެ މީހުންނަށް ދެވޭ އަނިޔާ އެކެވެ. އެއީ ޢަދުލުވެރި ކަމާ އެކު އެންމެންގެ މެދުގައި ވަސީލަތްތައް ބެހިގެން ދިއުމަށް ހުރަސް އެޅުމެވެ. ހައްދެއް ސުމާރެއް ނެތި ކާބޯ ތަކެތި އެއްކޮށް އޭގެ ބޭނުން ކުރުމުގެ ކުޅަދާނަކަން ލިބިގެން ވާނީ ތަނަވަސް މީހުންނަށެވެ. ރަމަޟާން މަސް ފަދަ މޫސުމެއްގައި މި ބައި މީހުން އެއްފަހަރާ ގިނަ ކާބޯ ތަކެތި ގަނެ ބާޒާރަށް ލޮޅުން އަރުވައި ލުމުން، ކުއްލިއަކަށް ކާބޯ ތަކެތީގެ އަގު އެތައް ގުނައެއް އުފުލިގެން ދެއެވެ. އަދި ކޮންމެހެން ބޭނުން ޖެހޭ ބައެއް ތަކެތި ބާޒާރުން ހުސްވެ ދުވަސްތަކެއް ވަންދެން އެ ނުލިބޭ ގޮތް ވާ ފަހަރު އާދެއެވެ. މިއީ އެ މުޖުތަމައެއްގައި ދިރި އުޅޭ އަތްމަތި ދަތި ނިކަމެތީންނަށް ކުރިމަތި ވާނެ ވަރަށް އުނދަގޫ ހާލަތެކެވެ. ކެއުން ބުއިމުގައި ހައްދު ފަހަނަ އަޅައި ނުދިއުމަށް އަންގަވައި ﷲ ވަޙީ ކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "ތިމަންރަސްކަލާނގެ ތިޔަބައި މީހުންނަށް ދެއްވި ޙަލާލު ތަކެތިން ތިޔަބައި މީހުން ކައި އުޅޭށެވެ! އެ ކަމުގައި ތިޔަބައި މީހުން ހައްދު ފަހަނަޅައި ނުދާށެވެ! ފަހެ، އޭރުން ތިޔަބައި މީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެދާ ހުށްޓެވެ. އަދި އެމީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެ މީހަކު ވެއްޓި ހަލާކުވެ ހިނގައްޖެއެވެ" (ޠާހާ، 81). މި އާޔަތުގައި، ކެއުމުގައި ހައްދު ފަހަނަ އަޅައި ދާ މީހުންނަށް ﷲ ގެ ކޯފާ އަތުވެދާނެ ކަމަށް އޮތުމުން، އެއީ އެކަލާނގެ ހަރާން ކުރައްވާފައި ވާ ކަމެއް ކަން ސާފު ކޮށް އެނގެއެވެ. ކެއުމުގައި ހައްދު ފަހަނަ އަޅައި ދިއުމުގެ ތެރޭގައި، ކާބޯ ތަކެތީގެ ނިޢުމަތަށް ޓަކައި ﷲ އަށް ޝުކުރުވެރި ނުވުމާއި، އެކަލާނގެ އަށް އުރެދޭ ކަންކަމުގައި އެ ނިޢުމަތް ބޭނުން ކުރުމާއި، އިސްރާފު ކުރުމާއި އަދި އެކަށީގެން ވާ މިންވަރަށް ވުރެ އިތުރަށް ކެއުން ހިމެނެއެވެ. ހަމަ މިއާ އެކު، ނިކަމެތީން އެ މީހުންގެ އެންމެ އަސާސީ ކާބޯ ތަކެތި ވެސް ހޯދުމަށް ދަތި ހާލަތުގައި ވަނިކޮށް، އެއީ އުޅޭ ބައެއް ކަމުގެ އިހުސާސެއް ވެސް ނެތި، އަމިއްލަ އުފަލާއި ހިތް ހަމަ ޖެހުމަށް ޓަކައި ކާބޯ ތަކެއްޗަށް ބޮޑެތި ހޭދަ ކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ (އަބޫ ޒަހްރާ، 1987، އިބުނު ކަޘީރު، 2000، އިބުނު ޢާޝޫރު، 1984، އައްސަޢުދީ، 2002). ތިމާ ބަނޑު ފުރައި ކައިގެން ހުންނަ އިރު، މުޖުތަމައުގައި އުޅޭ ނިކަމެތީންގެ ހާލާ މެދު ވިސްނައި ފިކުރު ކުރަން ޖެހޭނެ އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އޭނާގެ އަވަށްޓެރިޔާ ބަނޑުހައިހޫނު ކަމުގައި ވަނިކޮށް، ބަނޑު ފުރައި ކައިގެން ހުންނަ މީހާ އަކީ މުއުމިނެއް ނޫނެވެ" (އަބޫ ޔަޢުލާ، 2699). މި ޙަދީޘްފުޅުގައި މުއުމިނެއް ނޫނޭ އޮތް ބަސްފުޅުގެ މުރާދަކީ އެ ފަދަ މީހާގެ އީމާންކަން ފުރިހަމަ ނުވާނެ ވާހަކައެވެ (އިސްލާމްވެބް، 2010). މި ޙަދީޘުން އަންގައި ދެނީ ތަނަވަސް ކަމުގެ އަހުލު ވެރިޔާ ކެއުމާއި ބުއިން ފަދަ އޭނާގެ ޖާއިޒު ބޭނުންތައް ފުރިހަމަ ކޮށްގެން އުޅޭ އިރު، އޭނާގެ ވަށައިގެން އުޅޭ އެހެން މީހުންނާ މެދުގައި ވެސް ޢިނާޔަތްތެރިކަން ބަހައްޓަން ޖެހޭނެ ކަމެވެ. މިއީ ދަހިވެތި ކަމާއި މުށް ބާރު ކުރުމުގެ ނުބައި ކަމާ މެދު އޮތް އިންޒާރެކެވެ. އަދި ﷲ ދެއްވާ ނިޢުމަތްތައް އެހެން މީހުންނަށް ވެސް ފޯރު ކޮށްދޭން ޖެހޭނެ ކަން މި ބަސްފުޅުން އަންގައި ދެއެވެ (ޢުޘައިމީން، 2007). ކެއުމުގެ ވާހަކަ މި ޙަދީޘްފުޅުގައި ބަޔާން ކުރައްވާފައި އެ ވަނީ އިންސާނާ ދިރި ހުރުމަށް ޓަކައި ބޭނުން ވާ އެންމެ އަސާސީ އެއް ކަމަކީ ކެއުން ކަމަށް ވާތީއެވެ. އިންސާނާ ދިރި ހުރުމަށް ޓަކައި ހަށިގަނޑަށް ބޭނުންވާ ކަނާދު (ނިއުޓްރިއަންޓްސް) ލިއްބައި ދެނީ ކާބޯ ތަކެތީގެ ޒަރިއްޔާ އިންނެވެ. އެހެން ކަމުން ކެއުމާއި ބުއިން ހިމެނެނީ އޭނާ ދުނިޔޭގައި ހުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަންކަމުގެ ތެރޭގައެވެ. މުއްސަންޖަކަސް ނުވަތަ ފަގީރަކަސް މި ކަމުގައި ތަފާތެއް ނެތެވެ. އިސްލާމީ ނަޒަރުން ބަލާ އިރު ކެއުންބުއިމަކީ އިންސާނާ އަށް ބޭނުން ވާ އަސާސީ ކަމެއްގެ އިތުން އެއީ އެ ކަމަށް ޓަކައި ﷲ އަށް ޝުކުރު ވެރި ވާން ޖެހޭ ބޮޑު ނިޢުމަތެކެވެ (އަލްބަޤަރާ، 172). ކެއުންބުއިމުގެ ޟަރޫރަތު ފުރިހަމަ ކުރާ އިރު، ހަލާލު ތަކެތި ބޭނުން ކުރުމާއި، ރަނގަޅު ތަކެތި ބޭނުން ކުރުމާއި، އިސްރާފު ނުކުރުމާއި އަދި ކެއުން ބުއިމުގައި ހައްދު ފަހަނަ އަޅައި ނުދިއުމަށް ޤުރުއާނާއި ސުންނަތުގައި އަންގަވާފައި ވެއެވެ (އަލްބަޤަރާ، 168، އަލްއަޢުރާފު، 31، އަލްފުރުޤާނު، 67، ނަސާއީ، 2559، ތިރުމިޛީ، 2380). އިސްލާމްދީނުގެ އެހެނިހެން ކަންތައް ތަކެކޭ އެއްގޮތަށް، ކެއުންބުއިމުގައި ވެސް އޮތީ މެދު މިން އިޚުތިޔާރު ކުރުމެވެ. "ބަނޑަށް ވުރެ ނުބައި ކަންވާރެއް އާދަމުގެ ދަރިޔާ ނުފުރާ ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. އަދި ވިދާޅު ވިއެވެ. އާދަމުގެ ދަރިޔާގެ މައިކަށި ކޮޅަށް ބެހެއްޓުމަށް ޓަކައި މަދު ސުވާ ކޮޅަކުން ފުދެއެވެ. އެއަށް ވުރެ އިތުރަށް ކާން ބޭނުން ވެއްޖެ ނަމަ، ކެއުމަށް ތިން ބައި ކުޅަ އެއް ބައި، ބުއިމަށް ތިން ބައި ކުޅަ އެއް ބައި އަދި ނޭވައި ލުމަށް ޓަކައި އަނެއް ތިން ބައި ކުޅަ އެއްބައި ބަހައްޓާށެވެ" (ތިރުމިޛީ، 2380). މި ޒަމާނުގެ ހޯދުން ތަކުން އެނގޭ ގޮތުގައި، ކެއުމުގައި މެދު މިނުން އެއްކިބާ ވެ ހައްދު ފަހަނަ އަޅައި ދާ ނަމަ އޭގެ ސަބަބުން ސިއްހީ އެތައް މައްސަލަ ތަކެއް ކުރިމަތި ވެއެވެ. އޭގެ ތެރޭގައި، ފަލަ ބައްޔާއި ހަކުރު ބަލި އަދި ހިތާއި ނާރުތަކުގެ ނިޒާމަށް ޖެހޭ ބަލިތައް ހިމެނެއެވެ (ޕޮޕްކިން، ކަރެން، ރޮސެންބަރގް، 2010). ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ކާން ފަށައި އަދި ކައި ނިމުމުން އެކަލާނގެ އަށް ޙަމްދު ކުރާ މުއުމިނެއް ނަމަ، ކެއުން ބުއިމުގައި ހައްދު ފަހަނަ އަޅައި ދިއުމަކީ ﷲ ހަރާން ކުރައްވާފައި ވާ ކަމެއް ކަން ދަންނާނެއެވެ. ހަލާލު ރަނގަޅު ތަކެތި ކައި އިސްރާފު ނުކޮށް ﷲ އަށް ޝުކުރުވެރި ވުމަށް އަންގަވާފައި ވާ ކަން ހަނދާނުގައި ބަހައްޓާނެއެވެ. ރޯދަ ހިފުމުގެ އެއް މަގުސަދަކީ ދިރި ހުރުމުގެ ޟަރޫރަތެއް ކަމަށް ވާ ކާނާ އަށް ބޭނުން ޖެހި، ނަމަވެސް އެދެވޭ ގޮތުގައި އެ ނުލިބޭ ފަރާތްތަކުގެ އިހުސާސްތައް ދެނެ ގަނެ، އެމީހުންނާ މެދުގައި އޯގާތެރި ވުން ކަން ހަނދާން ނައްތައެއް ނުލާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ