ފަނޑިޔާރުން މަދުކުރާ ބިލު ތަސްދީގުނުކޮށް ފޮނުވާލަން ބާ ކައުންސިލުން އެދިއްޖެ

ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކޮށް ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށަހަޅައިފައިވާ ބިލު ތަސްދީގުނުކޮށް ފޮނުވާލަން ބާ ކައުންސިލުން އެދިއްޖެ އެވެ.
ސަރުކާރުން ވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރަން ގާނޫނަށް ބަދަލު ގެނެސްފަ އެވެ. ގާނޫނަށް ބަދަލު ގެނައީ މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ވަރަށް އަވަސް އަރުވާލައިގެންނެވެ. ބިލް މަޖިލީހަށް ހުށައެޅިތާ 24 ގަޑިއިރުގެ ތެރޭ ގާނޫނަށް ވަނީ ބަދަލު ގެނެސްފަ އެވެ.
ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މި ބިލާ ގުޅޭގޮތުން ބަޔާނެއް ނެރެ ބާ ކައުންސިލުން ބުނީ މިއީ ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވޭ ގޮތަށް ގާނޫނު އަސާސީއާ ހިލާފަށް ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. މި ބިލަކީ ޣައިރު ދުސްތޫރީ ބިލެއް ކަމަށް ދެކޭތީ އެ ބިލު ތަސްދީގުކުރެއްވުމުގެ ބަދަލުގައި އެ ބިލާމެދު އަލުން ވިސްނަވައި ބިލު އިސްލާހުކުރުމަށް ރައްޔިތުންނަށް މަޖިލީހަށް ފޮނުވާލުމަށް ރައީސް މުއިއްޒުގެ އަރިހުގައި ސިޓީއަކުން ދަންނަވާފައިވާ ކަމަށް ވެސް ބާ ކައުންސިލުން ވަނީ ބުނެފަ އެވެ.
Advertisement
ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ގާނޫނަށް ބަދަލު ގެންނަން ފާސްކުރީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓުންނެވެ. ބިލް ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ