ރަޝިއާ-ޔޫކްރެއިން ހަނގުރާމާގައި ހަކަތަ އާއި އުމްރާނީ ތަރައްގީގެ އަމާޒުތަކާ ދެކޮޅަށް ދޭ ހަމަލާތައް 30 ދުވަހަށް ހުއްޓާލަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ދެ ބޭފުޅުން އިއްޔެ ފޯނުން ދެއްކެވި ވާހަކަތަކުގައި ޕޫޓިން އެއްބަސްވެވަޑައިގެންފި އެވެ.
ރަޝިޔާ އިން ބުނީ ދެ ލީޑަރުންގެ މެދުގައި ވަރަށް ތަފްސީލުކޮށް އަދި ފާޅުކަން ބޮޑު ގޮތެއްގައި ހިޔާލު ބަދަލު ކުރައްވާފައިވާ ކަމަށެވެ. ޕޫޓިން ވަނީ ހަނގުރާމަ ހުއްޓާލުމުގެ ގިނަ ޝަރުތުތަކެއް ބަޔާންކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޔޫކްރެއިނަށް ހަތިޔާރު ސަޕްލައިކޮށްދިނުމާއި ހަމަލާތައް ދިނުން ހުއްޓާލުން ހިމެނެ އެވެ.
ޓްރަމްޕް ހުށަހެޅުއްވީ ހަކަތައިގެ އަމާޒުތަކަށްދޭ ހަމަލާތައް 30 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށެވެ. ޕޫޓިން އެކަމަށް އެދެވޭ ޖަވާބެއް ދެއްވައި ވަގުތުން ރަޝިޔާގެ އަސްކަރިއްޔާއަށް ހަމަލާތައް ދިނުން ހުއްޓާލުމަށް އަންގަވާފައިވާ ކަމަށް ކްރެމްލިން އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ކްރެމްލިން އިން ބުނީ ރަޝިއާ އާއި ޔޫކްރެއިނުން މިއަދު ކޮންމެ ފަރާތަކުން ވެސް 175 ގައިދީން ބަދަލުކުރާނެ ކަމަށެވެ.
ވައިޓް ހައުސްއިން ސިފަކުރާ ގޮތުގައި މިއީ ސުލްހައަށް ކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވަޅެވެ. އަދި ކަޅު ކަނޑުގައި ކުރާ ހަނގުރާމަ ހުއްޓާލުމާއި ހަނގުރާމައަށް ފުރިހަމަ އަދި ދެމެހެއްޓެނިވި ނިމުމެއް އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ވައިޓް ހައުސް އިން ބުންޏެވެ.
ވައިޓް ހައުސް އިން ބުނީ އެ ފިޔަވަޅުތަކާ ގުޅޭ މަޝްވަރާތައް ވަގުތުން ފަށާނެ ކަމަށެވެ. ނަމަވެސް ޔޫކްރެއިން އޮތީ ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާގެ ޕްލޭނާ އެއްގޮތަށް އަމަލުކުރަން ތައްޔާރަށް ކަމެއް އަދި ސާފެއް ނުވެ އެވެ.
އެމެރިކާ އިން ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރާ އިރު، ޔޫކްރެއިންއަށް ބޭރުގެ އަސްކަރީ އަދި އިންޓެލިޖެންސް އެހީތެރިކަން ދިނުން ހުއްޓާލުމަށް ވެސް ޕޫޓިން ވަނީ ޓްރަމްޕަށް ގޮވާލައްވައިފަ އެވެ.
އެ ފޯން ކޯލުގެ ކުރިން ޓްރަމްޕް ވިދާޅުވީ ތިން އަހަރު ވަންދެން ހިނގަމުން ދިޔަ ހަނގުރާމައިގެ ތެރޭގައި ރަޝިޔާ އިން ހިފާފައިވާ ބިންތަކާއި ޕަވާޕްލާންޓްތަކާ މެދު ވެސް މަޝްވަރާ ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރަޝިއާގެ ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް ދޭ ހަމަލާތައް ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ޔޫކްރެއިނުން ތާއީދު ކުރާނެ ކަމަށް ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.
"ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް ދެ ފަރާތުން، ޔޫކްރެއިނާއި ރަޝިއާ އިން ހަމަލާ ނުދިނުން، އަހަރެމެންގެ ފަރާތުން އެކަމަށް އެއްބާރުލުން ދޭނަން،" ޒެލެންސްކީ ނޫސްވެރިންނަށް ވިދާޅުވި އެވެ.
އަދި "ހަމަޖެހުމާއި އިންސާފުވެރި ސުލްހައަކަށް މަގުފަހިވާ ކޮންމެ ހުށަހެޅުމަކަށް ޔޫކްރެއިނު"ން ތާއީދު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަކަތައިގެ ތަންތަނަށް ހަމަލާދިނުން 30 ދުވަހަށް މެދުކަނޑާލަން ރަޝިޔާއިން އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ