މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ހުށަނާޅާނީ އެމްޓީޑީއާ ޕީއެންއެފް އިން

މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް, މުއްދަތު ހަމަވީއިރު ދެ ޕާޓީއަކުން ހުށަނާޅާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތީން ނިމިދިޔަ އަހަރުގެ ރިޕޯޓް އަނެއް އަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހުގެ ކުރީން ހުށައަޅަން ޖެހެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނޭ ނުވަ ޕާޓީގެ ތެރެއިން ހަތް ޕާޓީއަކުން އަހަރީ ރިޕޯޓް ހުށައަޅާފައިވާ ކަމަށެވެ. ރިޕޯޓް ހުށައަޅާފައި ވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި  ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލައަންސް އަދި ދަ ޑިމޮކްރެޓްސް އެވެ.
Advertisement
ރިޕޯޓް ހުށައަޅާފައި ނުވަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އާއި ޕީޕަލްސް ނެޝަނަލް ފްރަންޓުންނެވެ.
 މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އަކީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ލީޑު ކުރައްވާ ޕާޓީ އެކެވެ. ޕީޕަލްސް ނެޝަނަލް ފްރަންޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ލީޑު ކުރަައްވާ ޕާޓީ އެކެވެ. ތާޑްވޭ އަކީ މާ އެކްޓިވް ޕާޓީއެއް ނޫނެވެ. ޕީއެންއެފުން ސިޔާސީ ގިނަ ހަރަކާތްތަކެއް ނުހިންގި ނަމަވެސް ސިލްސިލާކޮށް އެންމެ ގިނަ ޖަލްސާ ބާއްވާ ޕާޓީ އަކީ އެއީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ