އިންޑިއާ އިން ތައްޔާރުވަނީ އެކުވެރިކަމުގެ މެޗުގައި ރާއްޖެ އަތުންނާއި އޭޝިއަން ކަޕް ކޮލިފައިންގައި ބަންގްލަދޭޝް އަތުން ކޮޅަށް ގޯލެއް ނުވަދެ މޮޅުވުމަށް ކަމަށް އިންޑިއާގެ ޑިފެންޑަރު، ސަންދޭޝް ޖިންގަން ބުނެފި އެވެ.
އިންޑިއާގެ ޝިލޯންގައި އަންނަ ބުދަ ދުވަހު، އެކުވެރިކަމުގެ މެޗެއްގައި ރާއްޖެއާ ކުޅުމަށް ފަހު، އޭގެ ހަ ދުވަސް ފަހުން، އޭޝިއަން ކަޕްގެ ކޮލިފައިން ފުރަތަމަ މެޗުގައި ބަންގްލަދޭޝާ ކުޅޭނެ އެވެ. ރާއްޖެ އާއި ބަންގްލަދޭޝް އަކީ އިންޑިއާ އިން މީގެ ކުރިން ވެސް ގިނަ ފަހަރުތަކެއް މަތިން ބަލިކޮށްފައިވާ ޓީމުތަކެކެވެ. އެކަމަކު، މި ފަހަރު އިންޑިއާ އިން ޓާގެޓް ކުރަނީ ފުރިހަމަ މޮޅުތަކެއް ހޯދުމަށެެވެ.
"ޔަގީނުން ވެސް މައިގަނޑު ޓާގެޓަކީ ބަންގްލަދޭޝް މެޗުގައި ނަތީޖާ ނެރުން. އެއީ، އޭރުން އޭޝިއަން ކަޕް ކޮލިފައިންގައި އަހަރެމެންނަށް ރަނގަޅު ފެށުމެއް ހޯދޭނީ. އެކަމަށްޓަކައި، 10 ދުވަހުގެ ޓްރެއިނިން ހެދުމަކީ ވެސް ރަނގަޅު ކަމެއް، ބަންގްލަދޭޝާ ދެކޮޅަށް ކުޅުމުގެ ކުރިން ރާއްޖެއާ ކުޅެން ލިބުމަކީ ތައްޔާރީ އަށް ލިބޭނެ ފުރިހަމަ ކަމެއް،" ސަންދޭޝް ބުންޏެވެ.
"ޓާގެޓަކީ އެ ދެ މެޗުގައި ވެސް ކޮޅަށް ގޯލެއް ވަނަނުދީ ކްލީންޝީޓަކާއެކު ނިންމާލުން،"
މިދިޔަ އަހަރުގެ ޖޫން މަހު އިންޑިއާ ޓީމުން ރިޓަޔާކުރި ސުނިލް ޗެތުރީ، 40، ވަނީ އަލުން ގައުމީ ޓީމާ ގުޅިފަ އެވެ. ޗެތުރީ އަލުން ޓީމަށް ނެގުމާ ގުޅޭގޮތުން، އިންޑިއާގެ ފުޓްބޯޅައިގެ ތެރޭގައި މަސްހުނި ހިޔާލުތަކެއް ހުރިއިރު، އެ ޓީމުގެ ކޯޗު މަނޯލޯ މާކުއޭޒް އާއި ކުޅުންތެރިންގެ ވިސްނުން ހުރީ ޗެތުރީ ޓީމަށް ނެގުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.
"މިއީ ވަރަށް ހާއްސަ ހާލަތެއް އޮތް ވަގުތެއް. އެހެންވެ، އަހަރެން ބެންގަލޫރާއި އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނާ ވާހަކަ ދެއްކީ ސުނިލް (ޗެތުރީ) ނަގަން. އޭނަ އަށް ބުނެދިނިން ކޮން ކަމެއްކަން އަހަރެެމެން ބޭނުމީ،" މާކުއޭޒް ބުންޏެވެ.
"އަހަރެމެންގެ މައްސަލަ އެއް ނެތް އޭނަގެ އުމުރުން 40 އަހަރު ވިޔަސް. ގައުމީ ޓީމަށް ބޭނުންވަނީ އެންމެ ރަނގަޅު ފޯމެއްގައި ތިބި ކުޅުންތެރިން،"
ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުތަކުން އިންޑިއާ ވަނީ 15 މެޗުން މޮޅުވެފަ އެވެ. ހަތަރު މެޗުން ރާއްޖެ މޮޅުވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން، މި ދެ ޓީމު ބައްދަލުކުރީ 2021 ވަނަ އަހަރު މާލޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެ މެޗުން އިންޑިއާ ވަނީ 3-1 އިން ރާއްޖެ ބަލިކޮށްފަ އެވެ.
އިންޑިއާގެ ޓާގެޓަކީ ގޯލެއް ވަނަނުދީ ރާއްޖެ އާއި ބަންގްލަދޭޝް ބަލިކުރުން އިންޑިއާގެ ޓާގެޓަކީ ގޯލެއް ވަނަނުދީ ރާއްޖެ އާއި ބަންގްލަދޭޝް ބަލިކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ