ގޭސް ގެނައުމާ އެސްޓީއޯއިން ހަވާލުވެ، އަބްދުﷲ ގެ މައްސަލައެއް ބަލަން ފަށައިފި ގޭސް ގެނައުމާ އެސްޓީއޯއިން ހަވާލުވެ، އަބްދުﷲ ގެ މައްސަލައެއް ބަލަން ފަށައިފި

ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ހަރަކާތްތެރިވާ ސަރުކާރުގެ ކުންފުނި މޯލްޑިވް ގޭސްއިން ކުރަމުންދިޔަ ގޭސް ގަތުމުގެ މަސައްކަތް، މައި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ބަދަލުކޮށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދުގެ މައްސަލައެއް މައި ކުންފުނިން ބަލަން ފަށައިފި އެވެ.
އިތުބާރު ހުރި މަސްދަރަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި އަބްދުﷲ އާ ގުޅޭ މައްސަލައެއް ބަލަމުންދަނީ އެސްޓީއޯގެ ބޯޑުންނެވެ. މި ތަހުގީގު ފަށާފައިވަނީ އޭނާގެ އެމްޑީކަމުގައި މޯލްޑިވްސް ގޭސް އިން ގޭހުގެ ޝިޕްމަންޓެއްގެ އެޑްވާންސަށް ދެއްކި ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަން ހާމަވިފަހުންނެވެ.
މައުލޫމާތު ހިއްސާކުރި މަސްދަރުން ބުނި ގޮތުގައި އަބްދުﷲ އާ މެދު ފިޔަވަޅެއް އަޅަން ނިންމާނީ އެސްޓީއޯގެ ބޯޑުން ހިންގާ ތަހުގީގަށްފަހު އެވެ.
ތަހުގީގު ފެށުމާއެކު ގޭސް ގަތުމުގެ މަސައްކަތްތައް އެސްޓީއޯގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ. އަބްދުﷲ މަގާމުގައި ހުއްޓާ އެ ނިންމުން ބަދަލުކުރާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް މަސްދަރުން ބުންޏެވެ. މި މައުލޫމާތުތައް އެސްޓީއޯގެ އޮފިޝަލަކު ވަނީ ޔަގީންކޮށްދީފަ އެވެ.
މި މައްސަލަ މާލިއްޔަތު ކޮމިޓީގައި މިކަން ތިލަކޮށްދެއްވި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެޑްވާންސަށް ދެއްކީ 250،000 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 3.85 މިލިއަން ރުފިޔާ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
މޯލްޑިވްސް ގޭސްއަކީ އެސްޓީއޯ އާއި ޗަމްޕާ ގޭސް އެންޑް އޮއިލް ކޮމްޕެނީގެ ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ގޭސް އެތެރެކުރަނީ މޯލްޑިވްސް ގޭސް އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ